ހަމާސްއިން އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ އިޒްރޭލުން ހަމަލާ ދީފި
ހަމާސްއިން އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ އިޒްރޭލުން ހަމަލާ ދީފި

ހަމަލާ ބަދަލުކުރުން ހުއްޓާލަން ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވެފައިވާ ކަމަށް ބުނެ އިޒްރޭލުން ޣައްޒާގެ ދެކުނަށް ހަމަލާތަކެއް ދީފި އެވެ.

އިޒްރޭލުގެ އަސްކަރީ އޮފިޝަލަކު ބުނީ ހަމާސްއިން އިޒްރޭލު ސިފައިންނަށް އަމާޒުކޮށް އެތައް ހަމަލާއެއް ދީފައިވާ ކަމަށެވެ. މި ހަމަލާތައް އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލު ސިފައިން ތިބުމަށް ކަނޑައެޅި ރީނދޫ ރޮނގުގެ ފަހަތުގައި ތިބި ސިފައިންނަށް ކަމަށް ވެސް ބުންޏެވެ.

މަންޒަރު ދުށް މީހުން އޭއެފްޕީއަށް ބުނި ގޮތުގައި ޣައްޒާގެ ދެކުނު ސަރަހައްދަށް އިޒްރޭލުން ވަނީ ވައިގެ މަގުން ދެ ހަމަލާއެއް ދީފަ އެވެ.

އެ މީހުން ބުނި ގޮތުގައި އިޒްރޭލުގެ ބާރުގެ ދަށުގައި އަދިވެސް އޮތް ރަފަހްގައި ވަނީ އިޒްރޭލުގެ ހަމަލާތަކަށް ފަހު ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކޮށްފަ އެވެ.

އިޒްރޭލުގެ އޮފިޝަލަކު ބުނީ ހަމާސްއިން އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ހަމަލާ ދިނީ ސްނައިޕަރާއި އާރްޕީޖީން ކަމަށެވެ.

"މި ދެ ހާދިސާ ވެސް ހިނގާފައި ވަނީ އިޒްރޭލުގެ ކޮންޓްރޯލް އޮންނަ ރީނދޫ ރޮނގުގެ އިރުމަތީ ސަރަހައްދެއްގައި. މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު އަމަލެއް،" އޭނާ ބުންޏެވެ.

އިޒްރޭލުން ދެ އަހަރު ކުރިން ފެށިގެން ދެމުން ދިޔަ ހަމަލާތައް މިދިޔަ ހަފްތާގައި ހުއްޓާލި އެއްބަސްވުމާ ހަމާސް އިން ހިލާފުވެފައިވާ ކަމަށް އިޒްރޭލުން ބުނާއިރު ހަމާސް އިން ވަނީ މި މަހުގެ 10 އިން ފެށިގެން އިޒްރޭލުން އެއްބަސްވުމާ 47 ފަހަރު ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވުމަށް ފަހު ވެސް އިޒްރޭލުން ހުއްޓާނުލައި ހަމަލާތައް ދީފައިވެ އެވެ. ޣައްޒާގެ އެކި ހިސާބުގައި އެކި ސަބަބުތައް ދައްކަމުން ދިން ހަމަލާތަކުގައި 38 މީހަކު ޝަހީދުވެ 143 މީހަކު ވަނީ ޒަހަމްވެފަ އެވެ.

އިޒްރޭލުން ވަނީ ޣައްޒާގައި ދެ އަހަރު ތެރޭ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފަ އެވެ.