"ބެޓްލް އޮފް ދަ ރެޑްސް" މެޗުގައި 10 ބަހަކުން ރާއްޖެ އިޝްތިހާރުކުރަނީ
"ބެޓްލް އޮފް ދަ ރެޑްސް" މެޗުގައި 10 ބަހަކުން ރާއްޖެ އިޝްތިހާރުކުރަނީ

އިނގިރޭސިވިލާތުގެ އެންފީލްޑް ސްޓޭޑިއަމްގައި މަޝްހޫރު "ބެޓުލް އޮފްދަ ރެޑްސް" (ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް) މިރޭ ކުޅޭ މެޗްގައި، ސްޓޭޑިއަމްގައި 10 ބަހަކުން ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ވިޒިޓް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެންފީލްޑް ސްޓޭޑިއަމްގެ އެލްއީޑީ ބޯޑުތަކުގައި "ވިޒިޓް މޯލްޑިވްސް" ބްރޭންޑިން ދައްކާލަނީ ލިވަޕޫލާ އެކު ގާއިމްކޮށްފައިވާ ޑެސްޓިނޭޝަން ޕާޓްނަޝިޕްގެ ދަށުން ކަމަށެވެ. ރާއްޖެ ގަޑިން ރޭގަނޑު އެ މެޗް ކުޅޭއިރު، އެ ސްޓޭޑިއަމްގައި ރާއްޖެ އިޝްތިހާރުކުރާ ބަސްތަކުގެ ތެރޭގައި އިނގިރޭސި ބަހާއި އަރަބި ބަހާއި ޗައިނީޒް ބަހާއި ޖަޕަނީޒް ބަހުގެ އިތުރުން ފްރެންޗް ބަހާއި ޖަރުމަން ބަހާއި ރަޝިއަން ބަސް އަދި އިޓާލިއަން ބަސް ހިމެނޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.

ވިޒިޓް މޯޯލްޑިވްސް އިން ބުނިގޮތުގައި އެއީ ގިނަ ބަޔަކު އެއްވަގުތެއްގައި ބަލާ ކުޅިވަރުގެ މެޗެއްގައި އެގޮތަށް ރާއްޖެ އިޝްތިހާރުކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

ބެޓުލް އޮފް ދަ ރެޑްސްގެ ނަމުން މަޝްހޫރު އެ މެޗް ބްރޯޑްކާސްޓް އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް 600 މިލިއަން މީހުން ބަލާނެ ކަމަށް ލަފާ ކުރެވެ އެވެ.

"މިކަމުގެ ސަބަބުން ވިޒިޓް މޯލްޑިވްސް ބްރޭންޑިން އަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ރާއްޖެއަކީ ލަގްޒަރީ ލަގްޒަރީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް މި ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތަށް އިތުރުކުރިއެރުންތައް ލިބުމަށް މަގުފަހިވެގެންދާނެ،" ވިޒިޓް މޯލްޑިވްސްގެ ބަޔާނުގައި ބުންޏެވެ.

ލިވަޕޫލް ކްލަބާއެކު ރާއްޖެއިން ގާއިމްކޮށްފައިވާ ޕާޓްނަޝިޕްގެ ދަށުން، ރާއްޖޭގައި ފަތުރުވެރިންނަށް ހުރިި ތަފާތު ފުރުސަތުތަކާއި ލަގްޒަރީ ރިސޯޓްތައް މުޅި ދުނިޔެއަށް އިޝްތިހާރު ކުރެވޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.