ބީއެމްއެލް ސްކޮލަޝިޕް ފަންޑު ލިބޭ ތިން ކުދިން ހޮވައިފި
ބީއެމްއެލް ސްކޮލަޝިޕް ފަންޑު ލިބޭ ތިން ކުދިން ހޮވައިފި

ބީއެމްއެލްގެ މި އަހަރުގެ ސްކޮލަޝިޕް ފަންޑު ލިބޭ ތިން ދަރިވަރުން އެ ބޭންކުން ހޮވައިފި އެވެ.

ބީއެމްއެލް ސްކޮލަޝިޕް ފަންޑަކީ ތައުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑަ ގްރެޖުއޭޓް ކޯހެއް ފުރިހަމަ ކުރުމަށް ލިބޭ ފަންޑެކެވެ. އެ ސްކޮލަޝިޕްގެ ހުރިހާ ހަރަދެއް ބީއެމްއެލް އިން ހަމަޖައްސައިދޭނެ އެވެ.

އެ ފަންޑު މި އަހަރު ލިބިފައި ވަނީ މުހައްމަދު އާހިލް އަހުމަދާއި މަރިޔަމް ޖައިޝާން ޖަލީލާއި މުހައްމަދު ޝައުން ހިލްމީ އަށެވެ.

ބީއެމްއެލް އިން ބުނީ އެއީ ރާއްޖޭގެ ބޭންކިން އާއި ފައިނޭންސް ދާއިރާ ކުރިއަރުވާ އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހިންގާ މުހިއްމު ސްކޮލާޝިޕެއް ކަމަށެެވެ.

ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ކާމިޔާބީއަކީ ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށާއި އެ ފުރުސަތާ އެކު ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުވާނެ ކަމަށެވެ. އަދި ތައުލީމު ހާސިލުކޮށް ނިމުމުން ރާއްޖޭގެ މާލީ ދާއިރާގެ ތަރައްގީއަށް މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ބޭންކުން ބުނި ގޮތުގައި 2022 އިން ފެށިގެން ބީއެމްއެލް ސްކޮލަޝިޕްގައި މިހާތަނަށް ނުވަ ދަރިވަރަކު އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމް ހާސިލުކުރަމުންނެވެ.