19 އޮކްޓޯބަރ 2025 - 14:01

ރާއްޖެ އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގެ ދައުލަތުން ދައުވާކުރާ އިރުފާން ތަގިއްޔުގެ މައްސަލާގައި ރަޖިސްޓްރޭޝަން ފީ ނުދައްކާތީ އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހަޅައިފި އެވެ.
އިރުފާންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރެޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވީ ރެޖިސްޓްރޭޝަން ފީ ނުދައްކާތީ އެވެ. އެގޮތުން ފީ ދައްކަން އަންގައި، އީމެއިލް ފޮނުވި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ފީ ދައްކާފައި ނުވާތީ ހައިކޯޓުގެ ގަވާއިދާ ހަވާލާދީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް ރެޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގެ އެ އީމެއިލް ނުލިބޭ ކަމަށް ބުނެފަ އެވެ. އަދި އެ ދުވަހާއި ޖެހިގެން އައި ދުވަހު ވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައިވީ ނަމަވެސް އެ މައްސަލައާ ގުޅޭ އީމެއިލް ލިބިފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ރަޖިސްޓްރާގެ އެގޮތަށް ނިންމެވުމުން ޕީޖީ އޮފީހުން މިހާރު ވަނީ ޑީޖޭއޭގެ ސަމާލު ކަމަށް އެކަން ގެނެސްފަ އެވެ. އެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ކޯޓުތަކުގެ އިދާރީ ކަންކަމާ ގުޅިގެން މިފަދަ ކަންކަން މެދުވެރިނުވާނެ ގޮތަށް ކަންކަން އިންތިޒާމްކޮށްދޭން ޕީޖީ އޮފީހުން ޑީޖޭއޭގައި އެދިފައިވާނެ ކަމަށެވެ.
ރަޖިސްޓްރާގެ އެ ނިންމުން މުރާޖައާކުރަން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ވެސް ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ.
އިރުފާންގެ މައްސަލާގެ އިސްތިއުނާފް ބަލައިނުގަންނަން ހައި ކޯޓުން ނިންމިއިރު، އެ މައްސަލާގައި ދެން ދައުވާލިބޭ ދެ މީހުން ކަމަށްވާ ދ. މާއެނބޫދޫ އަނބުގަސްދޮށުގޭ އަހްމަދު ނަސީރާއި ހ. ގާޑްންބިއުޓީ މުހައްމަދު އަކްރަމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިސްތިއުނާފު ބަލައިގަނެ، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
"މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ޑިސެމްބަރު، 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުުހުން ތުހުމަތު ކުރަނީ އިރުފާންގެ މައްޗަށެވެ.
އެ ދޯނީގައި ޑްރަގް އެތެރެކުރިކަން ސާބިތުނުވާ ކަމަށް ބުނެ އެ ތިން މީހުންނަށް ވެސް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މީހުންގެ އިތުރުން އެ މައްސަލާގައި ދެން ހިމެނުނު ހަތް މީހެއްގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެއީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެ އެވެ.