19 އޮކްޓޯބަރ 2025 - 11:16

އައްޑޫގައި ވަކިވަކި ކައުންސިލުތައް ހަދަން ފެނޭތޯ ބަލަން ނަގާ ތާރީހީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން މިރޭ "މިހާރު" އިން ކުރިއަށް ގެންދާ ބަހުސްގެ އޯޑިއަންސަށް އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ދަށުން މިހާރު ހިންގަމުންދާ ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކިން ކައުންސިލުތައް ހެދުމަށް ފެނޭތޯ ބެލުމަށް ތިން ރަށުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޮޓެއް ނަގަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އެ ވޯޓާ ގުޅޭ ގޮތުން "މިހާރު" އިން މިރޭ 8:30 ގައި މީރުމާގައި ބާއްވާ ބަހުސްގައި އައްޑޫގެ އެކި ދާއިރާތަކުގައި ތަޖުރިބާކާރު ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު އެކަމުގައި އުފެދޭ ސުވާލުތައް ކުރުމުގެ ފުރުސަތު ބަހުސްގެ ތެރެއިން އާންމުންނަށް ލިބޭނެ އެވެ.
މި ބަހުސަށް އެކި މަގާމުތައް ފުރުއްވި އަދި މިހާރު ވެސް މަގާމުގައި ދެމިތިއްބެވި އައްޑޫގެ ބޭފުޅުންނާއި އައްޑޫގެ އާއްމުންނަށް ވަނީ ދައުވަތު ދީފަ އެވެ. އެހެންވެ، ޕެނަލިސްޓުންގެ އިތުރުން އޯޑިއަންސަށް ވެސް ސުވާލުކޮށް، އެ ބަޔަކު ދެކޭ ގޮތް ހާމަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ބަހުސްގައި ހިމެނިވަޑައިގަންނަވަނީ އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) އާއި އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ވެސް ހުންނެވި އިމާދު ސޯލިހާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގް (މަރޭ) އަދި ހުޅުމީދޫ އެއް ކައުންސިލެއްގެ ގޮތުގައި އޮތް އިރު އެ ކައުންސިލްގެ މެމްބަރު އަލީ މުހައްމަދެވެ.
މިރޭ 10:30 އާ ހަމައަށް ކުރިއަށް ގެންދާ އެ ބަހުސްގެ މޮޑެރޭޓަރަކީ ކުރީގެ ޓީވީ ޕްރެޒެންޓަރު އަދި އައްޑު އަށް އުފަން ހަސަން ޒިޔާއު އެވެ.
އެސްއެސްޓީވީ އާއި ސަން ޕްލޭއިން ލައިވްކޮށް ވެސް ލައިވްކޮށް ދައްކާ މި ބަހުސް "މިހާރު" ގެ ފޭސްބުކާއި އެކްސް އެކައުންޓް މެދުވެރިކޮށް ވެސް ލައިވްކުރާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން ފޭދޫން 4،355 މީހަކަށް މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭއިރު، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އެ ވޯޓުގައި ހުޅުދޫގައި ތިން ވޯޓު ފޮށްޓާއި މީދޫގައި ތިން ފޮށި އަދި ފޭދޫގައި ފަސް ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި އެ ރަށްރަށުގެ މީހުން ވޯޓުލުމަށް މާލޭގައި ވެސް ހަތް ވޯޓު ފޮށި ބަހައްޓާނެ އެވެ.