ފޮރެސްޓުން ވެސް ޕޮސްޓެކޯގްލޫ ބޭރުކޮށްލައިފި
ފޮރެސްޓުން ވެސް ޕޮސްޓެކޯގްލޫ ބޭރުކޮށްލައިފި

އިނގިރޭސި ލީގުގައި ރޭ ޗެލްސީ އަތުން 3-0 އިން ބަލިވި މެޗަށް ފަހު ނޮޓްނަމް ފޮރެސްޓްގެ ކީޗުކަމުގައި ހުރި އަންޖް ޕޮސްޓެކޯގްލޫ މަގާމުން ވަކިކޮށްފި އެވެ.

މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ލަނޑުތައް ޖަހައިދިނީ ޖޯޝް އަޗެމްޕޮން އާއި ޕެޑްރޯ ނެޓޯ އަދި ރީސް ޖޭމްސް އެވެ. ތިން ލަނޑުން ލީޑު ކުރަނިކޮށް ޗެލްސީގެ ޑިފެންޑަރު މާލޯ ގުސްތޯ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފަ އެވެ.

މިއީ އެންމެ ފަހުން ކުޅުނު ހަ މެޗުން ހޯދި ފަސްވަނަ ރަތް ކާޑެވެ. ރަތް ކާޑު ދައްކައިގެން ޗެލްީގެ ކޯޗު އެންޒޯ މަރެސްކާ މި މެޗަށް ހުރީ ސަސްޕެންޑް ވެފަ އެވެ. ނަމަވެސް ކާޑުތަކަށް މާ ބޮޑު ސަމާލުކަމެއް އޭނާ ނުދޭ ކަމަށް ވަނީ ބުނެފަ އެވެ.

ޕޮސްޓެކޯގްލޫ މަގާމުން ދުރުކުރީ މެޗު ނިމުނުތާ 17 މިނިޓުތެރޭ އެވެ. އެއީ މި އަހަރު އޭނާ އަށް ވަޒީފާ ގެއްލުނު ދެވަނަ ކްލަބެވެ.

މިދިޔަ ސީޒަންގައި ޓޮޓްނަމް ހޮޓްސްޕާއަށް ޔޫރޮޕާ ލީގު ތަށި ހޯދައި ދިން ނަމަވެސް، ލީގުގައި ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން އެ ކްލަބްގެ ކޯޗުކަމުން އޭނާ ވަކި ކުރި އެވެ. ޕޮސްޓެކޯގްލޫ ފޮރެސްޓްގެ މަގާމް ހަވާލު ކުރިތާ 40 ދުވަސް ވެސް ހަމަ ނުވަނީސް އޭނާ މަގާމުން ބޭރުކޮށްލީ އެވެ. ފޮރެސްޓްގެ ކޯޗު ކަމާ އޭނާ ހަވާލުވީ މިދިޔަ ނުވަވަނަ ދުވަހު އެވެ.

މިއީ ދާއިމީ ކޯޗަކު ޕްރިމިއާ ލީގުގައި ކޯޗެއް ގޮތުގައި ހުރި އެންމެ ކުރު މުއްދަތެވެ.

މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޭނާގެ ބަދަލަށް ފޮރެސްޓުން މަގާމަށް ގެންނަން ތައްޔާރުވަނީ ޝޯން ޑައިޗް ނުވަރަ މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ އެވެ.

ޕޮސްޓެކޯގްލޫގެ އިރުޝާދުގެ ދަށުން ފޮރެސްޓް ކުޅުނު އަށް މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް ޓީމު މޮޅުވެފައެއް ނުވެ އެވެ. މި އަށް މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަ މެޗުން ބަލިވެފަ އެވެ. ލީގުގައި ކުޅުނު ފަސް މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.

ރޭގެ މެޗު ކުރިއަށް ދިޔަ ވަގުތު ފޮރެސްޓްގެ ވެރިޔާ އީވާންގެލަސް މަރިނާކިސް ވެސް މެޗު ބަލަން ދަނޑުގައި އިނެވެ. އަދި ދެ ގޯލު ފަހަތުގައި އޮއްވައި 67 ވަނަ މިނިޓުގައި އޭނާ އިން ސީޓު ދޫކޮށް ދިޔުމުން އެކަމަށް ވެސް ސޯޝަލްމީޑިއާގައި ސަޕޯޓަރުންގެ ސަމާލުކަން ލިބިފައިވެ އެވެ.