19 އޮކްޓޯބަރ 2025 - 06:35

(ބުދަ ދުވަހާ ގުޅޭ)
ފެނުމާ އެކު، އަޑުގެ ކޮޅަށް ޒަހީންއަށް ހަޅޭއްލަވައިގަނެވުނެވެ. ކޮޓަރީގައި ނިދާފައި ތިބި އާހިލް އާއި ހައިޝަމްގެ ހަތަރެސްފައިކޮޅަށް ޖެހުނެވެ. ހަމަ އެ ވަގުތު، ޒަހީންއަށް ފެނުނު ބޮޑު މޫނު ގެއްލުނެވެ. އާހިލް ތެދުވެގެން ގޮސް ހުރިހައި ބޮކިތައް ދިއްލައިފައި، ދެ ލޯ ބޮޑުކޮށްގެން ސުވިޗު ކައިރީގައި ޒަހީންއަށް ބަލަހައްޓައިގެން ހުއްޓެވެ. އެހައި ބާރަށް ޒަހީން ހަޅޭއްލަވައިގަންނަން ޖެހޭ ސަބަބެއް އާހިލްއަކަށް ކޮޓަރި ތެރެއަކުން ނުފެނެއެވެ. ކުޑަމިނުން ކުރަތްޕެއް، ފައިދިގުމަކުނެއް ހައި ހިސާބު ވެސް ކޮޓަރިއަކު ނެތެވެ.
ޒަހީންއަކީ ފައިދިގުމަކުނު ދެކެ ބިރުގަންނަ މީހެކެވެ. ހައިޝަމް އެނދަކުން ނުފައިބައެވެ. ހައިރާންވެފައި ޒަހީންއަށް ބަލަހައްޓައިގެން އޮތީއެވެ. ރާއިފު އެނދުން ތިރިޔަށް ބޯދިއްކޮށްލިއެވެ.
"ކިހިނެއްވީ؟" ނިދި އަޑަކުން ރާއިފު އެހިއެވެ.
ވީ ގޮތް ބުނަން އެނގޭ އެކަކު ވެސް އެ ތާކު ނެތެވެ. ޒަހީން އޮތީ ރާއިފުއަށް ބަލަހައްޓައިގެންނެވެ. ރާއިފުގެ މޫނަކު އެއްވެސް މައްސަލައެއް، ބިރުވެރިކަމެއް ވެސް ނެތެވެ. ހާސްކަމެއް، ހައިރާންކަމެއް ވެސް ނެތެވެ.
"ބިރުގަންނަ ހުވަފެނެއް ފެނުނީ ދޯ؟" ރާއިފު އެހެން ބުނެފައި އެނދުގައި އޮށޯތެވެ.
"ކިރިޔާ ހާޓްއެޓޭކެއް ނުޖެހުނީ!" ދިއްލި ބޮކިތައް އަލުން ނިއްވާލައިފައި އެނދުގައި އޮށޯންނަމުން އާހިލް ބުންޏެވެ."އެހެންވެއޭ ބުނަނީ ކުރުސި ކިޔައިގެން އޮންނާށޭ! ދަންވަރު ދޭއް ތިނެއްޖަހާ އިރު ވެސް ނިދަން ނައިސް ރޫމްސާވިސް ދޭން ރޫމްތައް ކައިރިން ހިނގާލަހިނގާލަ މި ހުންނަނީ. ވަރިހަމަ ވިލާ މަތިން ވިލާ ލިޔަސް."
ކޮޓަރި ހަމަހިމޭންވިއެވެ.
ޒަހީން އޮތީ ގުޑައިލަން ނުކެރިފައެވެ. މޫނެއް ފެނުނުކަން ޒަހީންއަށް ކަށަވަރެވެ. އެއީ ކޮން މޫނެއް ކަމެއް ނޭނގެއެވެ. އަނެއްކާ ވާރޭ ބޯކޮށްލިއެވެ. އެ ވަގުތު ރާއިފުއަށް ފޯނެއް އައެވެ. އަޑު ކަނޑައިލާފައި އޮތަސް ތުރުތުރުގެ އަޑަށް ރާއިފު ފޯނު ނެގިއެވެ.
"އަދިވެސް ނުނިދަންތަ؟" އަންޖަލް އެހިއެވެ.
އަންޖަލްގެ އަޑު ރާއިފުއަށް އެނގުނެވެ.
"އަހަރެން ވެސް ހަމަ ތިހެން އަހަން މި އުޅެނީ،" ރާއިފު ބުންޏެވެ. "ކިހިނެއް ނަންބަރު ހޯދީ؟"
"ކިހިނެއްހޭ ނަންބަރު ހޯދީ؟ ކީއްވެ ނަންބަރު ނުދިނީ؟" އަންޖަލް ޝަކުވާގެ ރާގަކަށް ބުންޏެވެ. "ނުވެސް އުޅެން ނަންބަރު ހޯދި ގޮތް ބުނާކަށް. ތިހާ އަވަހަށް ހަނދާން ނައްތާލާ މީހުންނަކާ ވާހަކައެއް ނުދައްކާނަން. ފިލައިގެން ހުރެބަލަ!"
"ފިލައިގެންތަ މި އުޅެނީ؟" ރާއިފު އެހިއެވެ. "ކީކޭ ދެން އަޅެ ބުނާނީ؟ ތި ގޭ ދޮރުމަތީ މިހިރީ. ބޭރު ބަލައިލަބަލަ!"
އަންޖަލް ބޭރެއް ނުބެލިއެވެ.
"ހުސް ދޮގު!" އަންޖަލް ބުންޏެވެ. "މަންމަ ބުނީ ރިޒޯޓުގައޭ ވީ."
"މަންމަ ދޯ ނަންބަރު ދިނީ؟" ރާއިފު ހީނގެންފައި ބުންޏެވެ. "މަންމައަކަށް ނޭނގޭނެ އަހަރެން އުޅޭނޫޅޭ ތަނެއް. މި ބުނީނު މާލޭގައޭ މިހިރީ. ސައިރަން އަޅާފަ އެންބިލާންސް އެ އަންނަނީ އަންޖޫ ބަލާތަ؟"
އަންޖަލްއަށް ސައިރަންގެ އަޑުއިވުނީ ރާއިފު އެހެން ބުނިތާ ހަ ވަރަކަށް ސިކުންތު ފަހުންނެވެ. އަންޖަލް ނިންމި ގޮތުގައި، އަންޖަލްއަށް ނީވުނަސް ރާއިފުއަށް ފޯނުން އެ އަޑު އިވުނީއެވެ. އޭރު މާލެއަކަށް ވާރެއެއް ނުވެހެއެވެ. އެކަމަކު ވަރަށް ގަދައަށް ވިދައިލިއެވެ.
"ހާދަ ގަދައަށް ވިދާލައިފިއޭ ދޯ؟" ރާއިފު ބުންޏެވެ. "އަނެއްކާ އޮއްސާލަނީކަން ނޭނގެ. އަޅެ މޫނު ދައްކާލަބަލަ! އޭރުންނެއްނު ގެއަށް ގޮސް ހިތްހަމަޖެހިގެން ނިދޭނީ. ވިދާ އިރު ފޯނުން ވާހަކަ ދައްކާކަށް ނުވާނެ."
"ނޫޅެން މޫނު ދައްކާކަށް،" ލާނެތް ރާގަކަށް އަންޖަލް ބުންޏެވެ. "މާލޭގަ ހުރި އިރު ވެސް އަހަންނަށް ނުގުޅީމަ ވާނީ ތިހެން. ބައްޕަ ބުނީ ހުކުރު ދުވަހު މެންދުރު ކާން އަންނައްޗޯ! އާދެވޭނެތަ؟"
"ހުކުރު ދުވަހު ދެވިދާނެ،" ޖަވާބުގައި ރާއިފު ބުންޏެވެ. "އެކަމަކު މިހާރު ވަރަށް ނުކެވެއޭ! މަންމަ ނުބުނޭތަ އެހެނެއް؟ އަނެއްކާ ވެސް އެ ވިދާލީ. ފޯނު ބާއްވާފަ ރޫމްގެ ދޮރު ހުޅުވަބަލަ! މިހާރު މިހިރީ ގޭ ތެރޭގަ."
އަންޖަލްގެ ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލި އަޑުއިވުނެވެ. އަންޖަލް ދިޔައީ ސިއްސައިގެންނެވެ. ހިތަށް އެރިއެވެ. އެއީ ހީވި ގޮތެއް ބާއެވެ؟ ރާއިފު ގޭތެރެއަށް ވަނީ ކިހިނެއް ބާއެވެ؟ އަންޖަލްގެ ކޮޓަރި އެނގުނީ ކިހިނެއް ބާއެވެ؟ މީހަކަށް ފެނިއްޖެއްޔާ ދެން ވާނީ ކިހިނެއް ބާއެވެ؟
"ސާބަހޭ! ކިހިނެއް ގެއަށް ވަނީ؟" ހާސްވެފައި އަންޖަލް ބުންޏެވެ. "ބައްޕައަށް ފެނިއްޖެއްޔާޔޯ؟"
"ނުފެންނާނެ،" ވަރަށް ހަމަޖެހިލާފައި ރާއިފު ބުންޏެވެ. "އަހަންނަކީ ޖިންނިއެކޭ! އަހަންނަށް އެހެން މީހުން ފެންނާނެ، އެހެން މީހުންނަކަށް އަހަންނެއް ނުފެންނާނެ. އަހަރެން ބޭނުންވެއްޖެއްޔާ ދޮރު ނުހުޅުވިޔަސް ވަދެވޭނެ. އެކަމަކު ހުއްދަ ނެތި ވަނުން މަނާވެފަ މިހިރީ. ކޮޓަރީގެ އެތެރެ ވެސް އަހަންނަށް ފެނެއޭ! ނޫކުލައިގެ، ކުރުކުރު ނައިޓީއެއްނު ލައިގެން ތި އޮތީ."
އަންޖަލް ވަގުތުން ރަޖާގަނޑުން ނިވައިވެލިއެވެ. ވަށައިގެން ހޯދައިލިއެވެ. ހިތަށް އެރިއެވެ. ހެދުމުގެ ކުލަ ރާއިފުއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެއީ އިއްތިފާގެއް ހެއްޔެވެ؟ ރާއިފުއަކީ އަންޖަލް ޝައްކުކުރި ގޮތަށް، އިންސާނެއް ނޫނީ ހެއްޔެވެ؟ ޝައްކު ޔަގީނަށް ބަދަލުކުރުމަށް ޓަކައި އަންޖަލް ގައިގަ ރަޖާ އޮޅާލައިގެން އެނދުން ފޭބިއެވެ.
"އެންމެ ރަނގަޅު،" ކޮޅަށް ހުރެ އަންޖަލް ބުންޏެވެ. "އަހަރެން އޮތީ އޮށޯވެގެންތަ؟ އަހަރެން އިނީ އިށީނދެގެންތަ؟"
"އޮށޯވެގެން." އެއީ ވަކި ބޭނުމަކު ރާއިފު ދިން ޖަވާބެކެވެ.
"ތި ވަން ގޮތަކަށް ނުކުމޭ ޖިންނިގަނޑާ!" އަންޖަލްގެ ރާގުގައި ހުރީ ލާނެތް ކަމެވެ. "ދޮރެއް ނުހުޅުވާނަން. މަންމަ ނުލާހިކު ފަތިހު ހޭލާނެ. ބާއްވަނީ."
ރާއިފުއަކީ އިންސާނެއްކަން އަންޖަލްއަށް ކަށަވަރުވިއެވެ. ވިދުވަރާއި ހެދުމުގެ ކުލަ އިއްތިފާގަކުން ރާއިފުއަށް ދިމާވީ ކަމަށް ވެސް އަންޖަލް ނިންމިއެވެ.
ޒަހީންއަށް އިރު އެރީ ތަފާތު ދުވަހަކަށެވެ. ވަރަށް ގަދައަށް ހުންއައުމުގެ އިތުރަށް، ދެއްކޭ ގިނަ ވާހަކަތައް ހަމައެއް ނުޖެހެއެވެ. ބޭސް ގެނެސްދީ، ކާން ގެނެސްދީ ހެދީ ރާއިފުއެވެ. ޒަހީންއަށް ދިރެނީ ބަތްޕެން އެކަންޏެވެ. ޑިއުޓީގެ މެދުތެރެއިން ލިބޭ ހުސްވަގުތުގައި ރާއިފު އައިސް ޒަހީން ގާތުގައި އިނދެއެވެ. އެއީ ރާއިފު އެހެންޏާ ވެސް ކުރާ ކަމެކެވެ. އެ ރިޒޯޓަކީ ފަތުރުވެރީންނަށް ވެސް ފާޑުފާޑުގެ އެއްޗެހި ރޭގަނޑު ފެންނަ ތަނެކެވެ. ތަނުގެ މުވައްޒަފުން ނިންމީ ޒަހީންއަށް ވެސް އެ ފަދަ މަންޒަރެއް ފެނުނީ ކަމަށެވެ. ބައެއް ފަހަރު ޒަހީން ވެސް އެހެން ހިތަށް އަރައެވެ. އެހެނަސް، ރަނގަޅަށް ވިސްނައިލުމުން، ޒަހީނަށް ފެނުނީ ރާއިފުހެން ވަރަށް ހީވެއެވެ.
"ޑޮކްޓަރަށް ދައްކާލަން މާލެ ދަމާ؟" ރާއިފު އެދުނެވެ. "ހުން އަދި ވެސް މަޑެއް ނުވޭ! ކީއްކުރަން ދަންވަރު ވަލަށް ވަދެ..."
"އަހަރެން ވަލަށް ވަނިން،" ބަތްޕެން ތަށިން އަރަމުން ދިޔަ އާތްވަށް ބަލަހައްޓައިގެންއިން ޒަހީން ބުންޏެވެ.
"އެއްވެސް މީހެއް ގާތަކު އެ ވާހަކައެއް ނުބުނަން. ކިހިނެއް ރާއިފުއަށް އެނގުނީ؟"
ރާއިފު އެއްޗެއް ނުބުނެ ވިސްނަން އިނެވެ. ޒަހީން އިސްއުފުލާފައި ރާއިފުއަށް ބަލައިލިއެވެ.
"ކަލޭ ތީ ރާއިފެއް ނޫން!" ޒަހީން ބުންޏެވެ. "ކާކު ތީ؟"
"ބުނަން؟ ތި އަންނަނީނު ހުމެއް ދޯ؟" ރާއިފު ބުންޏެވެ. "ތި މައިތިރި ނުކުރެވިއްޖެއްޔާ ޒަހީންގެ ސިކުނޑި ކެކެން ފަށާނެ. ކިޔޭނުކިޔޭ އެއްޗެއް، ކުރެވޭ ނުކުރެވޭ ކަމެއް ޒަހީނަކަށް ނޭނގޭނެ. ފުރަތަމަ ހިނގާ އެ ކަމާ ވިސްނަމާ! އަހަންނަށް މިހާރު ވެސް ޒަހީން ރަނގަޅު ކުރެވިދާނެ. އެއްވެސް ކަމެއް ނޫން. ރޭގަ ފެނުނު ހުރިހާ އެއްޗެއް ހަނދާން ނައްތާލާ! އެހެން ނޫނީ މިއަދު އިރުއޮއްސޭ ވަގުތު ޒަހީން މޮޔަވާނެ. އަހަރެން ބޭނުމެއް ނޫން އެހެން ވާކަށް."
ޒަހީން އެއްޗެއް ނުބުނެ ވިސްނަން އިނެވެ.
"އަހަރެން ޒަހީނަށް ކަމެއް ކުރީކީ ނޫން،" ރާއިފު އިތުރަށް ވިސްނައިދިނެވެ. "ދެރައެއް ދިނީކީ ނޫން. ތީ ޒަހީން އަމިއްލައަށް ބުއި ބޮނޑިއެއް. ދުނިޔެއަކީ ނުލާހިކު ބޮޑު ތަނެއްނު! އަހަރުމެން ދެ މީހުންނަށް ރީތިކޮށް އުޅެވޭހާ ޖާގަ މި ތާ އެބަ އޮތް. ނުޖެހޭ ޒަހީން މޮޔަވާކަށް. ނޫންތަ؟"
ޕަނީތަކީ، އަނގުރު އަލިފާންކޮޅެއް ހެން ކުލަ ބަދަލުވާ ޖަވާހިރެކެވެ. އަނދިރީގައި އެ ޖަވާހިރުން ބޭރަށް ވެސް، ކޮންމެވެސް ވަރަކަށް އަލި ފޭދިފައި ހުއްޓެވެ. ހީވާ ކަހަލައެވެ. އެ އަނގުރުކޮޅު ދިރެއެވެ. ނޭވާލައެވެ. ޖަވާހިރު ތެރެއިން ނުކުންނަ ދަޅަތައް ޖަދުވާންގެ ބޮޑު އަތު ތެރޭގައި ދުވެދުވެފައި އުޅެއެވެ. ކުއްލިއަކަށް މުޅި ތަނަށް އަވިދިން ކަހަލައެވެ. ޖަދުވާން ބަލައިލި އިރު، ގަނޑުވަރުގެ ދޮރުމަތީގައި އަތީލާ ހުއްޓެވެ. ދެބަފައިން ވެސް ތިބީ އަސްލު ސިފައިގައެވެ.
"ބަރުގާން އަތުވެއްޖެ!" އަތީލާގެ ބަހުރުވައިން އަތީލާ ބުންޏެވެ.
ޖަދުވާން އަތުގެ އިޝާރާތުން ބަރުގާން ގެންނާށޭ ބުނުމުން، ތަންމިނަށް ހުޅުވާފައިވާ ބިޔަ ދޮރުގެ ތެރެއިން ބަރުގާން އެތެރެއަށް ވަދެގެން، އުދުހެމުން އައިސް ޖަދުވާންއާ ތަންކޮޅަށް ދުރަށް ތިރިކޮށްފައި އަދަބު އަދާކުރި ގޮތަށް، އިސްއުފުލާލައިފައި ބަލައި ވެސް ނުލައި، މޭގައި އަތް ހުރަސް ކޮށްލައިގެން ހުއްޓެވެ.
"ބަރުގާން ހުރި ތަނަށް އަހަރުމެންގެ ފަހުލަވާނަކު ފޮނުވައިގެން މި ވާހަކަ ދެއްކޭތޯ އުޅުނީ،" ޖަދުވާން ބުންޏެވެ. "އިންސާނަކާ ހެދި އެ ކަން ނުވީ. އޭނައަށް ކިހިނެއް ހެދީ؟"
"އެ ކަން ހަމަޖެހިއްޖެ!" ބަރުގާން ބުންޏެވެ. "އަންޖަލްގެ މައިންބަފައިންނާ ބައްދަލުކުރަން ދައުވަތު ވެސް ލިބިއްޖެ! ވަރަށް އަވަހަށް މި ކައިވެނި ހަމަޖެހޭނެ. އެކަމަކު.. އަހަރެން ދިރި އުޅެން ޖެހޭނީ އިންސާނުންނާ އެކީގަ."
މުޅި ތަނަށް ރަތްކުލަގަނޑެއް ފެތުރިގެންފައި އޮބުނެވެ.
"އަންޖަލް ހާދަ މޮޔައޭ!" ޖަދުވާން ބުންޏެވެ. "އިންސާނުންނަކީ ސިހުރަށް ދެވިހިފާފަ ތިބޭ ބައެއް. ކިރިޔާ ޝައްކެއް ވިޔަސް ބަރުގާން މަރާލާނެ. އެހެން މަރު ނުވެއްޖެއްޔާ ނޭވާ ހާސްވެގެން މަރުވާނެ. ކިހިނެއް އެ މީހުން އުޅޭ ހޮރުހޮރުގަ ދިރިއުޅޭނީ؟ އެ މީހުންގެ ބޮލަށް އެރެމާ ހިނގާ! ބައްދަލުކުރަން ދާ އިރު އަހަރެން ވެސް ދާނަން. އެ ބުނާ ހުކުރެއް އަންނަން ކިތެއް ދުވަސް އެބަ އޮތް؟"
ހުކުރު ދުވަހުގެ ހެނދުނެވެ. ސައިގެ ކަންތައް ނިންމައިފައި، މެންދުރަށް ކެއްކުމުގެ މަސައްކަތް މުހުސިނާ ފެށިއެވެ. ހީވަނީ ގެއަށް އީދެއް އައިސްގެން އުޅޭ ހެންނެވެ. އެންމެ ހަރަކާތްތެރީ ދިމްނާ އާއި ޝާފިޔާއެވެ. އެ ދެބެން ބޭނުންވަނީ ހާއްސަ ގޮތަކަށް މޭޒު ތައްޔާރު ކުރާށެވެ. ރާއިފުގެ ގޮނޑި ބެހެއްޓީ އަންޖަލްގެ ގޮނޑީގެ ކުރިމަތީގައެވެ. ލިބުނު ހުރިހައި ވައްތަރެއްގެ މާފިޔަ އެއްކޮށްފައި ހުއްޓެވެ. މީރު ވަސް ދުއްވަން ރޯކުރަން ބޭނުންވީ ލެވެންޑާ ތެލެވެ. ލެވެންޑާގެ ނަމުގައި ލިބިފައި ހުރީ ހުވަނދުކޮތަން ތެލެވެ. އެއީ ކޮތަނުގެ ބާވަތެކެވެ. އެ ވައްތަރު ގަހުގެ މަލާއި ފަތުގައި ތޫނު ވަހެއް ހުރެއެވެ. ހުވަނދުކޮތަން ވަހަކީ ޖިންނީން ވަރަށް ގަޔާ ނުވާ ވަހެއް ކަމެއް ދެބޭންނަކަށް ނޭނގެއެވެ.
ގަޑިން މެންދުރު ދޭއްޖަހަން އުޅެނިކޮށް އަންޖަލްގެ ގޭގެ ދޮރުގައި ޓަކި ޖަހައިލިއެވެ. (ނުނިމޭ)