19 އޮކްޓޯބަރ 2025 - 06:16

ނެޓްފްލިކްސްގެ ފެންޓަސީ ޑްރާމާ ސީރީޒް "ދަ ވިޗާ"ގެ ހަތަރު ވަނަ ސީޒަންގެ ޕްރިމިއާގެ ކުރިން އެ ސީރީޒްގެ ލީޑް އެކްޓަރު ލިއަމްސް ހެމްސްވޯތު ރާއްޖެ އަތުވެއްޖެ އެވެ.
އޮސްޓްރޭލިއާގެ އެކްޓަރު ލިއަމް އާއި އޭނާގެ ލޯބިވެރިޔާ އަދި އިނގިރޭސި މޮޑެލް ގެބްރިއޭލާ ބްރޫކްސް މިވަގުތު ތިބީ ޗުއްޓީ ހޭދަކުރަން ރާއްޖޭގަ އެވެ.
އެ ލޯބިވެރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ. އަތޮޅުގައި އޮންނަ ޖޯލި ބީންގް ރިސޯޓުގަ އެވެ.
ލިއަމް ވަނީ މި ދަތުރުގެ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި އިއްޔެ ޕޯސްޓުކޮށްފަ އެވެ. ރިސޯޓުގެ އެކި ތަންތަނުގައި ނަގާފައިވާ އެ ފޮޓޯތަކުން އެ ދެމީހުން ވެސް ފެނެ އެވެ.
"ސަން، ސޯލްޓް، ސީ،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.
އެ ޕޯސްޓުގެ ކެޕްޝަންގައި ލިއަމް ވަނީ ރިސޯޓުގެ މެހުމާންދާރީ ރަނގަޅު ކަމާއި ކެއުން މީރު ކަމަށް ބުނެ، ޝުކުރު އަދާކޮށްފަ އެވެ.
ލިއަމް ޗުއްޓީއަށް ރާއްޖެ އައިރު، އޭނާ ކުޅޭ އާ ސީރީޒް "ދަ ވިޗާ"ގެ އާ ސީޒަން މި މަހު 30 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ވަނީ ހަމަޖެހިފަ އެވެ.
"ދަ ވިޗާ"ގެ އާ ސީޒަންގައި ގެރެލްޓްގެ ރޯލުން ފެންނާނީ ލިއަމް އެވެ.
ގެޒެލްޓްގެ ރޯލު ކުރިން ކުޅުނީ އިނގިރޭސި އެކްޓަރު ހެންރީ ކެވިލް އެވެ. ހެންރީ އެ ސީރީޒް ދޫކޮށްލީ އޭގެ އުފެއްދުންތެރިންނާ މެދުގައި ހިނގި ފަންނީ ދެބަސްވުންތަކެއްގަ އެވެ. އަދި އޭނާ މަސައްކަތްކުރާ އެހެން ޕްރޮޖެކްޓުތަކަށް ވަގުތު ދިނުމަށެވެ.
ލިއަމް ކުރިން ބުނެފައިވާ ގޮތުގައި، ވިޗާގެ ފޭނެއްގެ ހައިސިއްޔަތުން ގެރަލްޓްގެ ރޯލު ކުޅެން ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.