19 އޮކްޓޯބަރ 2025 - 06:30

އިޒްރޭލުން ހިސާރުކޮށް ބަނޑަށްޖައްސާފައިވާ ޣައްޒާއަށް އެހެން ގައުމަކުން އެއްގަމު މަގުން ތަކެތި އެތެރެކުރެވެން އޮތް ހަމައެކަނި މަގު ކަމަށްވާ ރަފަހް ބޯޑަރު ހުޅުވާނީ ހަމާސްއިން އަސީރުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރެއިން މަރުވި އެންމެންގެ ހަށިތައް ހަވާލުކުރުމުން ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.
"ވަކި ގޮތަކަށް އަންގަންދެން ރަފަހް ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށް ބޮޑުވަޒީރު ވަނީ އަންގާފައި،" އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"އެތަން ހުޅުވުން ބިނާވެގެންވާނީ އަސީރުން މިނިވަންކުރުމާއި އަސީރުންގެ ތެރެއިން މަރުވި މީހުންގެ ހަށިތައް އިޒްރޭލާ ހަވާލުކުރުމަށް، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރުމުގެ މައްޗަށް."
ހަމާސް އިން އިއްޔެގެ ނިޔަލަށް ވަނީ މަރުވި 28 އަސީރުންގެ ތެރެއިން 10 މީހެއްގެ ހަށިތައް ހަވާލުކޮށްފަ އެވެ.
އިޒްރޭލުން މިހެން ބުނުމުގެ ކުރިން މިސްރުން ވަނީ، އެ ގައުމާއި ޣައްޒާ ގުޅުވައިދޭ ރަފަހް ބޯޑަރު ހޯމަ ދުވަހު ހުޅުވައި މިސްރުން ޣައްޒާއަށް ދާން ބޭނުންވާ ޣައްޒާގެ ރައްޔިތުންނަށް ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުނެފަ އެވެ.
އިޒްރޭލުން ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި ރަފަހް ބޯޑަރު މިހާރު ހުޅުވި ކަމުގައި ވިޔަސް އެއީ ހަމައެކަަނި މީހުން ދަތުރުކުރުމަށް ދޭނެ ފުރުސަތެކެވެ. އެހީގެ ސާމާނާއި މުދާ އެތެރެކުރުމަށް ރަފަހް ބޯޑަރު ނުހުޅުވާނެ ކަމަށް ބުންޏެވެ.
ރަފަހް ބޯޑަރުގެ ޣައްޒާ ފަޅި އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިޔައީ މިދިޔަ އަހަރުގެ މެއި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ އެ މަގު ބޭނުންކުރަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ކަމަށާއި އެ މަގަކީ ހަމާސް އިން ހަތިޔާރު އެތެރެކުރަން ބޭނުންކުރާ މަގެއް ކަމުގެ ޝައްކު ވެސް ވަރަށް ބޮޑު ކަމަށް އޭރު ބުނެފައިވެ އެވެ.
އިޒްރޭލުން އެތަން ހިފުމާ އެކު، ރަފަހް ބޯޑަރު ހުރަސްކޮށް އެއްވެސް މުއާމަލާތެއް ނުކުރެވެ އެވެ. އދ.ގެ އިންސާނީ އެހީގެ ޓީމުތަކުގެ މީހުންނަށް ވެސް ރަފަހް ބޯޑަރުން ފުރުސަތެއް ނުދެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު، އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާތައް މެދުކަނޑާލުމަށް ފަހު ބޯޑަރު ވަގުތީ ގޮތުން، ކުރު މުއްދަތަކަށް ހުޅުވާލި އެވެ. -- އޭއެފްޕީ