18 އޮކްޓޯބަރ 2025 - 23:37

ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން ކުރިއަށް ގެންދިޔަ "ބާނި" ހަރަކާތުގައި އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި, ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.

ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވިކަމަށް ވީއެމްސީން ބުންޏެވެ.
ބާނި އިވެންޓުގެ ބައިވެރިން ވަނީ ވިލިނގިލިފަރު ފިނޮޅާ ކައިރި އެކި ސަރަހައްދުތަކަށް ފީނާ ރެކޯޑު ގާއިމްކުރުމުގެ ހަރަކާތުގައި ބައިވެރިވެފަ އެވެ. މި ހަރަކާތަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ރެކޯޑް ގާއިމްކުރުމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ރާއްޖެއަށް ވަޑައިގެން ހުންނެވި މަންދޫބެކެވެ.
ދުނިޔޭގެ ރެކޯޑް ފޮތުގެ އިތުރުން މި ރެކޯޑު ވަނީ ވީއެމްސީން ބަލަހައްޓަމުން އަންނަ ރާއްޖޭގެ ރެކޯޑު ފޮތުން ވެސް ޖާގަހޯދާފަ އެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މިކަމުގެ ޝަރަފުގެ ހަނދާނީ ފިލާ އަދި ކޮއިން ބ. އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވީ ވީއެމްސީގެ މޭނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ އެވެ.
ބާނި އިވެންޓު ކުރިއަށް ގެންގޮސްފައި ވަނީ 13 ރަށަކާއި 15 ރިސޯޓެއްގެ ބައިވެރިވުމާ އެކު އެވެ. މި ހަރަކާތުގައި ބައިވެރިވި މީހުންގެ ތެރޭގައި ރިސޯޓު މުވައްޒަފުންނާއި، ފަތުރުވެރިންނާއި އެ އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު ހިމެނެ އެވެ.
ބ. އޭދަފުއްޓާ 10 މިނެޓް ދުރުގައި އޮންނަ ވިލިނގިލިފަރު ފިނޮޅަކީ ވަރަށް ގިނަ އަދަދަކަށް ކިރު ދޫނި ޖަމާވާ ފިނޮޅެއްކަމުން، މި ހަރަކާތާއެކު، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ރާއްޖޭގެ ރަށްތަކާއި ފަރުތަކުގެ ދިރުމުގެ މުއްސަނދިކަން ދައްކުވާދެވުނުކަމަށް ވީއެމްސީން ބުންޏެވެ.
މި ފިނޮޅުގެ ވަށައިގެންވާ ސަރަހައްދަކީ އެކި ކުލަކުލައިގެ މުރަކަ އާއި ކަނޑުފަޅުގެ އެކި ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ރީތި ސަރަހައްދެކެވެ.
ވީއެމްސީން ބުނި ގޮތުގައި، އެއްބައިވަންތަކަން ދަމަހައްޓައި އާލާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެ ކޯޕަރޭޝަނުގެ މައިގަނޑު އެއް މަގުސަދު ކަމުގައިވާ ކަނޑު ފަޅުގެ ޓޫރިޒަމް ދެމެހެއްޓެމުގައި ދުނިޔޭގެ އެންމެ އިސް ގައުމުގެ ގޮތުގައި ދެމެހެއްޓުމަށް ބާރުވެރި ކޮށްދޭނެ ހަރަކާތެކެވެ.