ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް އޮތީ އެއް އަމާޒެއް، ފުށުނާރާނެގޮތެއް ހޯދަންޖެހޭ: ލުއިސްމާ
ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް އޮތީ އެއް އަމާޒެއް، ފުށުނާރާނެގޮތެއް ހޯދަންޖެހޭ: ލުއިސްމާ

ފުޓްބޯޅަ އާއި ފުޓުސަލްގައި ވެސް އޮތީ އެއް އަމާޒެއްކަމަށާއި އެހެންވެ ފުށުނާރާނެ ގޮތަކަށް ކުރިއަށްގެންދަންޖެހޭ ކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.

މިހާރު ކުރިއަށްދާ، ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތަށް، ކުޅުންތެރިން ވަޒީފާއަދާކުރާ އޮފީސް ނިސްބަތްވާ ޓީމުތަކަށް ދޫކުރަންޖެހެ އެވެ. ފުޓްސަލް މުބާރާތްތައް ކުރިއަށްދާ ދުވަސްވަރެއްނަމަ އަބަދުވެސް އޮންނަނީ އެ ހާލަތެވެ.

ފުޓްސަލް އާއި ފުޓްބޯޅަ ފުށުނާރާނެ ގޮތަކަށް ކުރިއަށްގެންދަނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ފުޓްބޯޅަ ކްލަބްތަކުގެ ކޯޗުން އަބަދުވެސް ވާހަކަ ދައްކަ އެވެ. އާންމުކޮށް މި ވާހަކަ ދައްކަނީ ދިވެހި ކޯޗުންނެވެ. މިފަހަރު އެ ވާހަކަ ތަކުރުރު ކުރީ މާޒިޔާގެ ކޯޗު ސްޕެއިންގެ ލުއިސްމާ އެވެ.

އޭނާ ބުނި ގޮތުގައި ފުޓްބޯޅަ އާއި ފުޓްސަލްއިން ވެސް މަސައްކަތް ކުރަނީ އެއް މިސްރާބަކަށެވެ.

ފީފާގެ މިންގަނޑުގައި ވެސް ފުޓްސަލް ވެސް ބަލަނީ ފުޓްބޯޅައިގެ ބައެއްގެ ގޮތުގަ އެވެ. ފުޓްސަލްގެ ހަރަކާތް ހިންގާ ދުނިޔޭގެ މައި ޖަމިއްޔާއަކީ ވެސް ފީފާ އެވެ. ފުޓްސަލްއަކީ ފުޓްބޯޅައިގެ އޮނިގަނޑުގެ އެއް ފިޔަ އެވެ. އެއީ ފީފާއިން ބަލަހައްޓައި ކުރިއަރުވާ އިންޑޯ ގޭމެކެވެ.

ރާއްޖޭގައި ފުޓްސަލްގެ އިންޑޯއެއް ނެތުމުން، ހުރިހާ މުބާރާތެއް ވެސް ކުރިއަށްގެންދަނީ އައުޓްޑޯގަ އެވެ.

މި އަހަރު ޖެނުއަރީ މަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވި ލުއިސްމާ ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އޮތްކަން ގައުމީ ޓީމުން، މިދިޔަ އަންގާރަ ދުވަހު ކުޅުނު މެޗާއި މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުން ވެސް ފެނުނު ކަމަށެވެ.

"އަހަންނަކީ މި ތަނަށް އާ މީހެއް. އެކަމަކު ގައުމީ ޓީމުގެ މެޗުން އަހަންނަށް ފެނުނީ ފުޓްބޯޅައިގެ ފޯރި އޮތްކަން. ވަރަށް ގިނަ ސަޕޯޓަރުން ދަނޑަށް އައި މަންޒަރު ފެނުނު. އަހަންނަށް ހީވަނީ އެއީ ރާއްޖެއަށް އޮތް އުފާވެރި ޚަބަރެއްހެން،" އޭނާ ބުންޏެވެ.

"ހަމައެޔާ އެކު މި ދަނޑިވަޅުގައި އަހަންނަށް ފެނުނު ފުޓްސަލްގައި ވެސް މި ފޯރި. ހާއްސަކޮށް ހުޅުމާލޭގައި ކުރިއަށްދާ މުބާރާތުގައި. އަހަރެން ދިރިއުޅެނީ އެތާންގައި [ހުޅުމާލޭގައި]. ސަޕޯޓަރުންގެ އަޑު ކޮންމެ ރެޔަކު އަހަންނަށް އިވޭ. އެހެންވީމަ އަހަރެމެން އެބަޖެހޭ މއަށް ހައްލުތަކެއް ހޯދަން ފުށުނާރާނެގޮތަކަށް (މި ދެ ގޭމް، ފުޓްސަލް އާއި ފުޓްބޯޅަ) ކުރިއަށްގެންދަން.

"ސަބަބަކީ އަހަންނަށް ހީވާ ގޮތުގައި މި ދެ ގޭމްގެ ޓާގެޓްތައް ވަރަށް އެއްގޮތް."

ދޮޅު އަހަރަށް ފަހު ފުޓްބޯޅައިގެ ރަސްމީ އެއްވެސް މުބާރާތެއް ނެތި ދިއުމަށް ފަހު އަލުން ފުޓްބޯޅަ ފެށުމުން، އެފްއޭއެމާ މެދު ވެސް މީހުންގެ އިތުބާރު އުފެދެން ފަށައިފި ކަމަށް ލުއިސްމާ ބުންޏެވެ.

"އަހަންނަށް ހީވަނީ މިހާރު މީހުންގެ ހިޔާލު ފެޑެރޭޝަން [އެފްއޭއެމް] އާ މެދު އުފެދެން ފަށައިފިހެން. އިތުރު ސަޕޯޓަރުން ވެސް އަންނާނެ. އިންޝާﷲ،" ކުރިން ކުވައިތުގެ ލީގުގައި ވެސް މަސައްކަތް ކުރި ލުއިސްމާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަންގާރަ ދުވަހު މާލޭގައި ތަޖިކިސްތާނާ ދެކޮޅަށް ދިވެހިން ޓީމުން ދެއްކީ ރަނގަޅު ކުޅުމެކެވެ. އެ މެޗުގައި ކުޅުންތެރިން ރަނގަޅަށް ކުޅުނުތަން ފެނުމުން ހިތްހަމަޖެހުން ލިބުނުކަމަށް ލުއިސްމާ ބުންޏެވެ.

"ހާއްސަކޮށް މާޒިޔާގެ ކުޅުންތެރިން [ގައުމީ ޓީމުގައި] މޮޅަށް ކުޅުނުތަން ފެނުމުން އަހަންނަށް އިތުރަށް ހިތްހަމަޖެހުން ލިބުނު،" ލުއިސްމާ ބުންޏެވެ.