ފަހު ހާފުގެ ތިން ގޯލުން ފަލަސްތީނުން ރާއްޖެ ބަލިކޮށްފި
ފަހު ހާފުގެ ތިން ގޯލުން ފަލަސްތީނުން ރާއްޖެ ބަލިކޮށްފި

ދެ ވަނަ ހާފުގައި ވައްދާލި ތިން ލަނޑާ އެކު އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ޑީ ގެ ފުރަތަމަ މެޗުގައި މިރޭ ދިވެހިރާއްޖެ އަތުން 3-0 އިން ފަލަސްތީން މޮޅުވެއްޖެ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ފުރިހަމަ ކޮންޓްރޯލް ނެގިފައިނުވާއިރު ދެ ޓީމަށް ވެސް ނުރައްކާތެރި ފުރުސަތުތަކެއް ނުހޯދެ އެވެ. ދެ ހާފު ފަށައިގެން ރާއްޖޭން އިތުބާރާ އެކު ކުޅެން ފެށިތަނ ފަލަސްތީނުން ވަނީ ކައުންޓާ އެޓޭކެއްގައި ގޯލް ޖަހައިފަ އެވެ. އަދި މާގިނަ އިރުތަކެއް ނުވަނީސް ދެ ވަނަ ލަނޑާ އެކު ލީޑްފުޅާކުރި އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގަ އެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި އޮމާން ވަނީ ބޫޓާން އަތުން 14-0 އިން މޮޅުވެފަ އެވެ. ތިން ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި އޮމާން އޮތްއިރު ދެ ވަނައިގައި ފަލަސްތީން އޮތީ ތިން ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ. ޔޫއޭއީގައި އަންނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވާނީ ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މިރޭގެ މެޗު ރާއްޖޭން ފެށީ ޑިފެންސަށް އިސްކަންދީގެންނެވެ. އެގޮތުން ހަތަރު ޑިފެންޑަރުންގެ ކުރިމަތީގައި ދެ ޑިފެންސިވް މިޑްފީލްޑަރުން ބައިތިއްބައިގެން ރާއްޖޭން ކުޅުނުއިރު، ފުރަތަމަ މިނެޓުން ފެށިގެން ފަލަސްތީނުން ކޮންޓްރޯލް ނެގި އެވެ. އެކަމަކު އެ ޓީމަށް ރާއްޖޭގެ އޭރިއާ ތެރެއަށް ވަދެ ނުރައްކާތަކެއް ނުކުރެވުނެވެ.

ރާއްޖޭން ދިޔައީ ފަލަސްތީން ކުރިއަށް ޖެހުމުގެ ފައިދާ ނަގައި ކައުންޓާ އެޓޭކްތައް ދެމުންނެވެ. ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) އާއި ކެޕްޓަން އަޝްހަދު އަލީ (އަޑުބަރޭ) މެދުތެރެއިން ބޯޅަ ހިފައިގެން ކުރިއަށް ޖެހުނު ނަމަވެސް އެ ބޯޅަ ފޯވާޑް އަސަދުﷲ އަބްދުﷲ އާ ހަމަޔަށް ފޯރުކޮށްނުދެވުނެވެ.

މީގެ އިތުރުން ސެންޓޭ އުފައްދަން މަސައްކަތްކުރި ދެ ކައުންޓާ އެޓޭކެއް ފަލަސްތީން ޑިފެންޑަރުން ވަނީ ފައުލްކޮށް ހުއްޓުވައިފަ އެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ބޯޅަ ހިފައިގެން ކުރިއަށް އަރަނިކޮށް އޭނާ ވައްޓާލުމުން ދިން ހިލޭ ޖެހުން ސެންޓޭ ނަގައިދިނުން އޭރިއާ ތެރެއިން ފަލަސްތީން ޑިފެންޑަރަކު ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

ފަލަސްތީނަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 22 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ކުޅުންތެރިޔަކު އަރިމަތިން ނެގި ހުރަހެއް ރާއްޖޭގެ ޑިފެންޑަރުންނަށް ސާފުކޮށްނުލެވުމުން ލިބުނީ ހުސްކޮށް ހުރި ޔާސިރު އިސްލާމީ ޕިންޓޯ އަށެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތީ ކަނާ ދިމާލުން ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން ފަލަސްތީނުގެ ޖޮނަތަން ޒޮރިއްލާ ނެގި ބޯޅަ ޕިންޓޯ ގޯލަށް ޖަހަޖަހާ އޮއްވާ ގޯލްކީޕަރު ފައިސަލް އެ ބޯޅަ ސަލާމަތްކުރި އެވެ.

ޖުމްލަކޮށް ފުރަތަމަ ހާފުގައި ދެ ޓީމުގެ ގޯލްކީޕަރުންނަށް ވެސް މާ ނުރައްކާތެރި ހަމަލާތަކެއް އަމާޒެއް ނުވެ އެވެ. މިދިޔަ 17 އަހަރު ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އިމްރާން މުހައްމަދު ރިޓަޔާކޮށްފައިވާތީ ބަދަލުގައި އެރި މުހައްމަދު ފައިސަލް ވެސް ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާއެއް ފަލަސްތީނަށް ފޮނުވައެއް ނުލެވުނެވެ.

ސެންޓޭ 51 ވަނަ މިނެޓުގައި ހާފުގެ މެދުތެރެއިން ފޮނުވާލި ހިލޭ ޖެހުން ފަލަސްތީނުގެ ގޯލްކީޕަރު ވަނީ ފަސޭހަކަމާ އެކު ސަލާމަތްކޮށްފަ އެވެ. 53 ވަނަ ރާއްޖޭގެ ޑިފެންޑަރުންގެ އަތެއް ދޫވި ބޯޅައެއް ފަލަސްތީނުގެ ޒޮރިއްލާ އަށް އޭރިއާ ތެރެއިން މުޅިން ހުހަށް ލިބި ބޭނުން ގޮތަކަށް ޖަހަން ލިބުނުއިރު އެ ބޯޅަ އޭނާ ފޮނުވާލުމުން ކީޕަރު ފައިސަލް ވަނީ ހުށިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ޒޮރިއްލާ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ވެސް ފައިސަލް މަތަކުރި އެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ރާއްޖޭން ވެސް ރަނގަޅު ފުުރުސަތެއް ހޯދި އެވެ. އަސަދުﷲ ބޯޅަ ހިފައިގެން ކުރިއަށް އަރައި ޖަހަން އުޅުނު ނަމަވެސް ފަލަސްތީނުގެ ދެ ޑިފެންޑަރުން އޭނާ އަށް ހުރަސް އެޅުމުން އެ ބޯޅަ ޖައްސާލީ އަރިމަތިން ހުހަށް ހުރި ސެންޓޭ އަށެވެ. އެކަަމަކު އަސަދުﷲ އަށް ޖައްސާލެވުލެއް ބާރުވުމުން ސެންޓޭ އަށް އެ ބޯޅަ ލިބޭ ގޮތެއް ނުވި އެވެ.

މުޅި މެޗުގެ މަންޒަރު ބަދަލުވެގެން ދިޔައީ މެޗުގެ 61 ވަނަ މިނެޓުގައި ރާއްޖޭގެ ސެންޓޭ އުފެއްދި ހަމަލާއާ އެކު އެވެ. އޭނާ އަށް އަރިމަތިން ލިބުނު ބޯޅަ، ކުރީގައި ހުސްކޮށް މުހައްމަދު އުމެއިރު ހުރި ނަމަވެސް ކުރިއަށް ފޮނުވާނުލެވި ގެއްލުނެވެ. އެ ބޯޅަ ހޯދައިގެން ފަލަސްތީން ކުޅުންތެރިން އުފެއްދި އެޓޭކުގައި، ބަދަލު ކުޅުންތެރިޔާ މަހަޖްނާ ވަނީ ގޯލް ޖަހައިފަ އެވެ. އޭނާ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ކީޕަރު ފައިސަލަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ވައްދާލީ ބާރު ޝޮޓަކާ އެކު އެވެ.

އެ ގޯލަށް ފަހު ރާއްޖެ އަށް ހަމަޖެހިނުލެވެނީސް މަހަޖްނާ ވަނީ ދެ ވަނަ ގޯލް ޖަހައިފަ އެެވެ. އޭނާ އޭރިއާ ތެރެއިން ރާއްޖޭގެ ދެ ޑިފެންޑަރުން ތިއްބާ، މަޑުން އެތެެރެއަށް ޖެހި ގޯލް ތެރެއަށް ބޯޅަ ވައްދާލި އެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ރާއްޖޭގެ ސެންޓޭ ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ނުރައްކާތެރި ބޯޅައެއް ހުރަސްކުރި ނަމަވެސް ފަލަސްތީން ޑިފެންޑަރުން ވަނީ އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްފަ އެވެ. އެ ކޯނަރުން ސެންޓޭ އަނެއްކާ ވެސް އޭރިއާ ތެރެއަށް ބޯޅަ ހުރަސްކުރި ނަމަވެސް މި ފަހަރު ވެސް ދިފާއުކުރި އެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ފަލަސްތީނުން ތިން ވަނަ ލަނޑު ޖެހުމާ ގާތަށް ދިޔަ އެވެ. އެކަމަކު އެ ޓީމުގެ ޒޮރިއްލާ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ކީޕަރު ފައިސަލް މަތަކުރި އެވެ.

މެޗުގެ ފަހުކޮޅު ރާއްޖޭން އަސަދުﷲގެ ބަދަލުގައި މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ)، މުހައްމަދު އުމެއިރުގެ ބަދަލުގައި އިސްމާއިލް އީސާ އަދި އާއްކޮގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) އެރުވި އެވެ. މެޗުގެ 89 ވަނަ މިނެޓުގައި ދާދު ކައުންޓާ އެޓޭކުގައި ކުރިއަށް ޖެހި ރަނގަޅު ހަމަލާއެއް އުފެއްދި ނަމަވެސް އެ ބޯޅަ ގޯލާ ދިމާލަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އިތުރު ވަގުތުގެ ތެރޭ ސެންޓޭ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ބާރު ޝޮޓަކާ އެކު ފޮނުވާލުމުން ފަލަސްތީން ޑިފެންޑަރަކު ބްލޮކްކުރި އެވެ.

ރާއްޖޭން ކުރިއަށް ޖެހި ތިއްބާ ފަލަސްތީނުން ތިން ވަނަ ގޯލް ޖެހީ އިތުރު ވަގުތުގެ ފަހު މިނެޓުގަ އެވެ. މި ގޯލް ޖެހީ ބަދަލު ކުޅުންތެރިޔާ އަހުމަދު އަބޫނާހިއާ އެވެ.