ކާބޯތަކެތީގެ ރައްކާތެރިކަމަށް މިސްރާއެކު ދަނޑުވެރިކަމުގެ ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި
ކާބޯތަކެތީގެ ރައްކާތެރިކަމަށް މިސްރާއެކު ދަނޑުވެރިކަމުގެ ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި

ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރަން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ހޯދުމަށް، ދަނޑުވެރިކަމުގެ ދާއިރާއިން މިސްރާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން، ދެ ގައުމުގެ ހާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަށް މިސްރާއެކު ދަނޑުވެރިކަމުގެ ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި
ކާބޯތަކެތީގެ ރައްކާތެރިކަމަށް މިސްރާއެކު ދަނޑުވެރިކަމުގެ ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިސްރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުލްލަތީ އާ ބައްދަލުކުރައްވައި، ގިނަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަށް މިސްރާއެކު ދަނޑުވެރިކަމުގެ ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި
ކާބޯތަކެތީގެ ރައްކާތެރިކަމަށް މިސްރާއެކު ދަނޑުވެރިކަމުގެ ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި

މިގޮތުން، ރާއްޖޭގެ އިންސާނީ ވަސަލަތް ބިނާ ކުރުމަށް މިސްރު ސަރުކާރުން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ވަކީން ހާއްސަކޮށް އަލް-އަޒްހަރު ޔުނިވާސިޓީން ފޯރުކޮށްދޭ މަތީ ތައުލީމުގެ ފުރުސަތުތަކަށް މިނިސްޓަރު ޝުކުރުއަދާ ކުރެއްވި އެވެ.

އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގުތިސާދީ، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަދި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

"މީގެ އިތުރުންވެސް ދެ ގައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ގައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށާއި ދިވެހިރާއްޖެއާއި މިސްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ،" އެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ، މި ބައްދަލުކުރެއްވުމުގައި ބައިނަލްއަގުވާމީ މަސްރަހުގައި އަދި ވަކީން ހާއްސަކޮށް ފަލަސްތީނުގެ ޢައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިސްރުން އަދާކުރި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާކަން މިނިސްޓަރު ހާމަކުރެއްވި ކަމަށެވެ.

މީގެއިތުރުން، މިސްރުގައި ބޭއްވި ޣައްޒާގެ ސުލްހައާ ގުޅޭ ސަމިޓު، އަދި އެޔަށްފަހު ސޮއި ކުރެވުނު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމުގައި މިސްރުން އަދާކުރި ދައުރަށް މަރުހަބާ މިނިސްޓަރު މަރުހަބާ ދެންނެވި ކަމަށް ބަޔާނުގައި ބުންޏެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން، ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ފުޅާކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްކުރުމުގެ ރަސްމީ އެއްބަސްވުމެއްގައި ވެސް ދެ ވަޒީރުން ވަނީ ސޮއިކުރައްވައިފަ އެވެ.