އީގަލްސްއާ އެކު ބެންޖޯ ލީގުގައި ކޯޗެއްގެ ދައުރު ފަށަނީ އިތުބާރާ އެކު
އީގަލްސްއާ އެކު ބެންޖޯ ލީގުގައި ކޯޗެއްގެ ދައުރު ފަށަނީ އިތުބާރާ އެކު

އީގަލްސްގެ ކޯޗުގެ ގޮތުގައި ދިވެހި ޕްރިމިއާ ލީގުގެ ހެޑް ކޯޗެއްގެ ދައުރު ފެށަނީ އެ ކްލަބްގެ ހާލަތު ބަދަލު ކުރެވޭނެކަމުގެ އިތުބާރާ އެކު ކަމަށް ޒުވާން ކޯޗު ބްދުﷲ ހަނީފު (ބެންޖޯ) އޭނާ ބުނެފި އެވެ.

މިދިޔަ ތިން ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު އީގަލްސް އަށް، މި ސީޒަނުގައި އަދި އެންމެ މެޗަކުން ވެސް މޮޅެއް ނުވެވެ އެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗާ އެކު ޖުމުލަ ހަތަރު މެޗު އީގަލްސްއިން ކުޅުނެވެ. އެ ހަތަރު މެޗުގައި ޓީމަށް އިރުޝާދު ދިނީ އަހްމަދު ނިމާދު (ނިމާ) އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު ރާއްޖޭން ކުޅުނު ދެ މެޗަށް ލީގު 16، ދުވަހަށް މެދުކަނޑާލަުމަށް ފަހު މާދަމާ އަލުން ފަށާނެ އެވެ.

ލީގު އަލުން ފަށަން، އީގަލްސްއިން ކުރިމަތިލީ ކުރިން އެ ޓީމަށް ވެސް ކުޅުނު ބެންޖޯ ކޯޗެއްގެ ގޮތުގައި ހަމަޖައްސައިގެންނެވެ. އެއީ ކޯޗެއްގެ ގޮތުގައި ޓީމެއް ލީޑް ކުރަން ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގައި ކުރީގެ ޑިފެންޑަރު މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ބޭއްވި ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކުރި އައްޑޫ ޓީމު ގޮވައިގެން ބެންޖޯ ވަނީ ޕްލޭއާ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

އީގަލްސްއަކީ ހަމައެކަނި ކޯޗުގެ މަސްއޫލިއްޔަތާ ހަވާލުވެގެން އޭނާ މަސައްކަތް ކުރާ ފުރަތަމަ ކްލަބެވެ.

ބެންޖޯ ބުނީ ލީގުގެ ތާވަލަށް ބެލުމުން، އޭނާ އަށް އޮތީ ފަސޭހަ މަސައްކަތެއް ނޫންކަން އެނގޭ ކަމަށެވެ. ނަމަވެސް އެ ހާލަތު ބަދަލު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ބުންޏެވެ.

"ކޮންމެގޮތެއް ވިޔަސް އީގަލްސް މިއޮތީ ރަނގަޅު ހާލަތެއްގައެއްނޫން (މީގެ ކުރީގެ ސީޒަނުގައި ނުކުތް) އީގަލްސް އަށް ބަލާއިރު،" ބެންޖޯ ވާހަކަ ދެއްކި އެވެ.

"ދެން ޖެހޭނީ މި ހާލަތުން އަރައިގަތުން. އެ މަސައްކަތް މިހާރު މިކުރަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އީގަލްސްގެ މި ހާލަތު ބަދަލުކުރާނަން."

އީގަލްސްގެ ސްކޮޑްގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ބެންޖޯއާ އެކު ކުޅުނު ކުޅުންތެރިންނެވެ. އޭނާ ބުނީ އެއީ އޭނާ އަށް އޮތް ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.

"(އެ ކުޅުންތެރިންނަށް) މި (ޓީމު) ރަނގަޅު ކުރެވޭނީ ވެސް. އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް އެ މީހުން އަޅުގަނޑާ އެކު ތިބުން. އެ މީހުން ގޮވައިގެން މި ބަދަލުކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ހަމަ އެބައޮތް،" އީގަލްސްގައި މިހާރުގެ ސްކޮޑުން އޭނާއާ އެކު ކުޅުނު ކުޅުންތެރިންނާ ބެހޭގޮތުން ބެންޖޯ ބުންޏެވެ.

އޭނާ ބުނީ އޭނާގެ ޕްލޭނާއެއްގޮތަށް އީގަލްސްގެ ކުޅުމަށް ބަދަލު ގެންނާނެ ކަމަށެވެ.

ނިއު ރޭޑިއަންޓްގެ ކޯޗު އަލީ ސުޒޭން ވަނީ، ލީގުގެ ހެޑް ކޯޗެއްގެ ގޮތުގައި ބެންޖޯ މަސައްކަތް ކުރަން ފެށުމުން އެކަން ފާހަގަކޮށްފަ އެވެ.

ސުޒޭން ބުނި ގޮތުގައި ރާއްޖޭގެ އެންމެ މަލީ ލެވަލްގައި އެހާ ގިނަ ދުވަހު ކުޅުނު ކުޅުންތެރިޔަކު ކޯޗެއްގެ ގޮތުގައި ނުކުތުމަކީ ލީގަށް ލިބުނު ކުރިއެރުމެކެވެ.

"ލީގު އަލުން ފަށާއިރު ވަރަށް ރަނގަޅު ކޯޗެއް ލީގަށް އަތުވެއްޖެ. ބެންޖޯ. އެންމެ ފުރަތަމަ ވެސް ބެންޖޯ އަށް މަރުހަބާކިޔަން. ހަގީގަތުގައި ލީގަށް ލިބޭ ކުރިއެރުމަކަށްވާނެ އެހާގިނަ ދުވަހު ކުޅުނު ތަޖުރިބާކާރެއް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ލީގަށް އައި ވަރަށް އަގުބޮޑު ޕްރޮޑަކްޓެއް،"

"ބެންޖޯއަށް އަޅުގަނޑުގެ ހެޔޮ އެދުންތައް އޮންނާނެ. ވަރަށް ރަނގަޅު ޑެސިޝަންއެއް އީގަލްސްއިން މި ނެގީ."

ބެންޖޯގެ ފުރަތަމަ މެޗުގައި އީގަލްސްއިން ނުކުންނާނީ އޮޑި ސްޕޯޓްސްއާ ދެކޮޅަށެވެ.