18 އޮކްޓޯބަރ 2025 - 16:28

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އިއްޔެ ބަހަކަށް ހަމަލާދީ އެއް އާއިލާއެއްގެ ނުވަ މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މި ހަމަލާ ކަށަވަރުކޮށްދެމުން ބުނީ، ހަމަލާ ދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލު ސިފައިން ފަހަތަށް ޖެހުމަށް ކަނޑައަޅާފައިވާ "ރީނދޫ ރޮނގު" ހުރަސްކުރި ވެހިކަލަކަށް ހަމަލާ ދީފައިވާ ކަމަށެވެ.
"ޒައިތޫން ނެއިބަހުޑްގައި، ގެދޮރު ގެއްލިފައިވާ މީހުން ގޮވައިގެ ދަތުރުކުރި ބަހަކަށް އިޒްރޭލުގެ އިސްތިއުމާރީން އިއްޔެ ދިން ހަމަލާއަކަށް ފަހު ސިވިލް ޑިފެންސްގެ މެންބަރުންނަށް މިހާތަނަށް ވަނީ ނުވަ މީހެއްގެ ހަށިގަނޑު ފެނިފައި،" ހަމާސްގެ ބެލުމުގެ ދަށުން ހިންގާ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.
ބައްސާލް ވިދާޅުވީ ޝަހީދުވި އާއިލާގެ މީހުން މަސައްކަތްކުރީ ޒައިތޫން ނެއިބަހުޑްގައި ހުރި އެ މީހުންގެ ގެ ހުރި ހާލަތެއް ބަލަން ކަމަށެވެ.
އިޒްރޭލުން ބުނީ ހަމަލާ ބަދަލުކުރުން ހުއްޓާލަން ވެފައިވާ އެއްބަސްވުމުގައި އިޒްރޭލު ސިފައިންނަށް ތިބެން ކަނޑައަޅާފައިވާ ސަރަހައްދަށް ވެހިކަލް ވަނުމުން ހަމަލާ ދިނީ އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖެހުމަށް ފަހުގައި ކަމަށެވެ.
"ޝައްކުވާ ވެހިކަލާ ދިމާލަށް އިންޒާރުގެ ގޮތުން ބަޑި ޖެހިން. އެކަމަކު ސިފައިންނަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަށް، ވެހިކަލް ނުހުއްޓާ ސިފައިންނާ ދިމާލަށް އަންނަން ފެށުމުން ވާނީ ހަމަލާ ދީފައި،" އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުންޏެވެ.
ހަމާސް އާއި އިޒްރޭލުން ހަމަލާ ބަދަލުކުރުން ހުއްޓާލިތާ ދެ ވަނަ ހަފްތާ ވެފައި ވާއިރު އިޒްރޭލުން އެތައް ހަމަލާއެއް ދީފައިވެ އެވެ. އެންމެ ގިނައިން ހަމަލާ ދީފައިވަނީ "ޔެލޯ ލައިން" ހުރަސްކުރި ކަމަށް ބުނެ އެވެ. އެ ހަމަލާތަކުގައި ވެސް އެތައް ބަޔަކު ޝަހީދުވެފައިވެ އެވެ.
އިޒްރޭލުގެ ހަމަލާތައް ދެ އަހަރު ފަހުން ހުއްޓާލުމާ އެކު ޣައްޒާގެ އެތައް ބަޔަކު އެނބުރި ޣައްޒާގެ އެކި ސަރަހައްދުތަކަށް ގޮސް އެ މީހުންގެ ގެދޮރު ހުރި ހާލަތު ދަނީ ބަލަމުންނެވެ. މަދު ބަޔަކަށް ނޫނީ ފެންނަނީ އިޒްރޭލުގެ ހަމަލާތަކުގައި ގެތައް ބިމާ ހަމަކޮށްލާފައިވާ ތަނެވެ. އޭއެފްޕީއާ ވާހަކަ ދެއްކި އެތައް ބަޔަކު ބުނި ގޮތުގައި ޣައްޒާ ސުންނާފަތިކޮށްފައި އޮތްލެއް ބޮޑުކަމުން އެ މީހުންނަށް ގެ ހުރި ތަން ވަކިކުރަން ވެސް ނޭނގޭ ވަރު ވަނީ ވެފަ އެވެ. -- އޭއެފްޕީ