18 އޮކްޓޯބަރ 2025 - 15:11

ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް އެލަވަންސެއް ދީގެން ހިންގާ ތަމްރީން ޕްރޮގްރާމަށް ކުރިމަތިލާން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ގެޒެޓްކުރި އިއުލާނެއްގައި ބުނީ ވޯލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމްއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ޒުވާން، ފަސް މަސްވެރިއަކު ތަމްރީންކުރާނެ އެވެ.
މި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ، މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުސަތު ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އަންނަ ނޮވެންބަރު މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖެނަވަރީ މަހުގެ ނިޔަލަށް ކަމަށެވެ. ތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޕްރޮގްރާމްގައި ބައިވެރިވެވޭ ޝަރުތުތައް:
- މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތެއް ކަމުގައިވުން
- އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށްވުން
- ފިޝަރީޒް މިނިސްޓްރީގެ މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށްވުން