18 އޮކްޓޯބަރ 2025 - 13:52

ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް ފުރަތަމަ ފަހަރަށް އެއްހަމަކޮށް 7،000ރ. އަށް ބޮޑުކޮށްފި އެވެ.
ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ މެދުގައި ވެސް އިނާޔަތް އެއް އެއްހަމައަކޮށް ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއްއްޒުގެ ރިޔާސީ ވައުދެކެވެ.
ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް ކޮންމެ މަހަކު ކުރިން ދެމުން ދިޔައީ 5،000ރ. ގެ އިނާޔަތެކެވެ. އޮފިޝަލުންނަށް ކުރިން ކޮންމެ މަހަކު ދެނީ 2،500ރ. އެވެ.
އިނާޔަތް އެއްހަމަކޮށް ބޮޑުކުރުމުން އޮފިޝަލުންނަށް ވެސް 7،000ރ. ލިބޭނެ އެވެ.
ސްޕޯޓްސް މިނިސްޓްރީން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ސާކިއުލާގައި ބުނެފައިވާ ގޮތުގައި ރައީސްގެ ވައުދާ އެއްގޮތަށް ގައުމީ ޓީމުތަކުގެ އިނާޔަތް ބޮޑުކުރުމާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުން ފެށިގެން 7،000ރ ގެ އިނާޔަތް ދިނުމަށެވެ.
އެކަމަކު މެއި މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކުރީގެ އަދަދުން އެތުލީޓުންނާއި އޮފިޝަލުންނަށް އިނާޔަތް ވަނީ ޖަމާކޮށް އެވެ.
އެ މުއްދަތަށް ކޮންމެ މަހަކަށް ޖެހޭ 7،000ރ. އިން އެތުލީޓުންނަށް އިތުރަށް ދޭނީ ކޮންމެ މަހަކަށްވާ 2،000ރ އެވެ. އޮފިޝަލަކަށް އިތުރުވާބައިން ދޭނީ ކޮންމެ މަހަކަށް ޖެހޭ 4،500ރ. އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ އެ ފައިސާ އަދަދު، ޖަމާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ބޮޑު ކުރި 7،000ރ ޖުމުލަ އަދަދު އެކުގައި ޖަމާކުރަން ފަށާނީ މިދިޔަ މަހު 15 އިން ފެށިގެން ތައްޔާރުކުރާ "މުސާރަ ޝީޓުން" ކަމަށް ވެސް މިނިސްޓްރީގެ ސާކިއުލާގައި ވެއެވެ.
މި މަހުގެ ދެވަނަ ދުވަހު ރައީސް ވަނީ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމާ އެކު ހަވީރު ސައިފޮދެއްގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
އެ ބައްދަލުވުމުގައި ގައުމީ ޓީމުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް ވަރަށް އަވަހަށް ބޮޑުކޮށްދެއްވާނެކަމަށް، ކުޅުންތެރިންގެ ގާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި ކަމަށް ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލް ބުންޏެވެ.