18 އޮކްޓޯބަރ 2025 - 12:50

މިއަދު އިންސާނުން ދިރިއުޅެމުން މި ގެންދަނީ ސުމޭކު ނުވަތަ ޑިޖިޓަލް އިންގިލާބެއްގެ ތެރޭގަ އެވެ. ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ފިކުރު ކުރުމާއި މުވާސަލާތު ކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް ވަރަށް ބޮޑެތި ބަދަލުތައް އައިސްފަ އެވެ. މި ބަދަލުތަކާ އެކު، ދިރިއުޅުމުގެ ހުރިހާ މައިދާންތަކެއްގައި އިންސާނުން ކުރިއަރައި ތަރައްގީވާން މަގުފަހި ވެ އެވެ.
ނަމަވެސް މި ބަދަލުތަކާ އެކު، ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ވެސް ކުރިމަތިލާން ވަނީ ޖެހިފަ އެވެ. މި ގޮންޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުން އިންސާނާގެ ދުޅަހެޔޮކަން ނިކަމެތި ވެ އެވެ. "ސުމޭކީ ދުޅަހެޔޮކަން" ނުވަތަ ޑިޖިޓަލް ވެލްބީންގެ ވާހަކަ މިއަދު ހަމަ ކޮންމެހެން ވެސް ދައްކަން ޖެހިފައި ވެ އެވެ. މުސްލިމުންނަށް ވީތީ މި ކަމުގައި އިސްލާމީ ނަޒަރަކުން ބަލައިލުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ.
އިސްލާމީ ނަޒަރުން ބަލާއިރު ސުމޭކީ ދުޅަހެޔޮކަމުގެ މާނައަކީ އިންސާނާގެ ޖިސްމާނީ ރޫހާނީ ފިކުރީ ނަފުސާނީ އިޖުތިމާއީ ތަރުބިޔަތުގެ އިސްލާމީ އުސޫލުތަކަށް ފުށުނާރާނެ ގޮތަކަށް ސުމޭކު ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. މި މަފުހޫމު ގުޅިފައި ވަނީ ޝަރީއަތުގެ މަގުސަދުތައް ރައްކާތެރި ކުރުމާއި އިސްލާމީ އުންމަތުގެ މެދުމިންވަންތަކަން ދެމެހެއްޓުމާއި އިސްލާމީ އަހުލާގީ ގިޔަމުތައް ހިމާޔަތް ކުރުމުގެ މައްޗަށެވެ.
މިގޮތުން މުސްލިމެއްގެ ދީނަށް ނުވަތަ ނަފުސަށް ނުވަތަ ބުއްދި އަށް ނުވަތަ މުދަލަށް ނުވަތަ ނަސްލާއި އަބުރަށް ސުމޭކު ވަސީލަތަކުން ގެއްލުމެއް ލިބޭ ކަމުގައިވާ ނަމަ އެކަން ވެގެން ދާނީ ސުމޭކީ ދުޅަހެޔޮކަން ގެއްލިގެން ދިއުން ކަމަށެވެ. މިސާލަކަށް ބޭކާރު ގޮތުގައި ވަގުތު ގެއްލުވާލުމާއި އިސްރާފު ކުރުމާއި ސިއްހަތަށް ފަރުވާކުޑަ ކުރުމާއި ފާހިޝް އަމަލަކަށް މަގުފަހިވުން ފަދަ ކަމެއް ދިމާވުމެވެ.
އިސްލާމީ ނަޒަރުން ބަލާއިރު ސުމޭކީ ދުޅަހެޔޮކަން މުހިންމުވާ ގިނަ ސަބަބުތަކެއް ވެ އެވެ. މިގޮތުން އެއް ސަބަބަކީ، ފައިދާ އާއި ގެއްލުމާ ދެމެދު ވަޒަން ހިފެހެއްޓުމާއި އިސްލާމީ މެދުމިންވަންތަކަން ދެމެހެއްޓުމެވެ. އިސްލާމީ އުންމަތަކީ މެދުމިނުގެ އަދުލުވެރި އުންމަތް ކަމުގައި ﷲ ލައްވާފައިވާ އުންމަތެވެ (އަލްބަޤަރާ 143).
އެހެންކަމުން ސުމޭކު ވަސީލަތްތައް ބޭނުން ކުރާއިރު އެ އިން ލިބިގަނެވޭ މަންފާތައް އެންމެ ފުރިހަމަ ގޮތުގައި ހޯދަން އެއްކޮޅުން މަސައްކަތް ކުރަން ޖެހޭނެ އެވެ. އެކަމަކު ހަމަ އެއާ އެކު، އަނެއްކޮޅުން އެ އިން ލިބިދާނެ ގެއްލުންތަކުން ސަލާމަތް ވާން މަސައްކަތް ކުރަން ޖެހޭނެ އެވެ. އެ ވަސީލަތްތަކަކީ ތިމާގެ މައްޗަށް ކޮންޓްރޯލު އޮންނަ އެއްޗެއްގެ ބަދަލުގައި ތިމާ އަށް އޭގެ މައްޗަށް ކޮންޓްރޯލު އޮންނަ އެއްޗަކަށް ހަދަން ޖެހޭނެ އެވެ.
މާތް ﷲގެ އަޅެއްގެ ގޮތުގައި ބިމުގެ ޚަލީފާއެއްގެ ދައުރު އަދާކުރަން ޖެހޭ މަހުލޫގެއްގެ ހައިސިއްޔަތުން އަޅުކަންތައް އަދާކުރުމާއި އިލްމު ހޯދުމާއި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ސުމޭކު ވަސީލަތްތައް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެއީ ވަގުތުތައް ބޭކާރު ކުރުވައި ނިދި ނަގާލައި އިޖުތިމާއީ ގުޅުންތައް ހީނަރު ކުރުވައި އަހުލާގު ދަށްކުރާ ކަމަކަށް ހަދައިގެން ނުވާނެ އެވެ.
ދެވަނަ ސަބަބަކީ، އިންސާނާގެ ބުއްދި އާއި ނަފްސު ރައްކާތެރި ކުރުމެވެ. ފިކުރު ކުރުމަށް ނޭދެވޭ އަސަރު ކުރުވާ ފަދަ ދެވި ހިފުމަކަށް ނުވަތަ ޣާފިލު ކަމަކަށް މަގުފަހިވާ އެއްވެސް ކަމެއް އިސްލާމް ދީނުގައި ހުއްދައެއް ނުވާނެ އެވެ. ހަމަ އެއާ އެކު، އިންސާނާގެ ނަފުސަށް އެއްވެސް ގެއްލުމެއް ދިނުމެއް ވެސް ހުއްދައެއް ނުވާނެ އެވެ. ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއް ނެތް" ކަމަށެވެ (އިބްނު މާޖާ).
ހަމަ އެއާ އެކު، އިވުމާއި ފެނުމާއި ހިތަކީ އެއާ މެދު އިންސާނާ މަސްއޫލުވާން ޖެހޭ ގުނަވަންތަކެކެވެ (އަލްއިސްރާއު 36).
އެހެންކަމުން ސުމޭކު ވަސީލަތްތަކަށް ނުވަތަ މާހައުލުތަކަށް މީހާ ދެވި ހިފައި މީހާގެ ފިކުރު ކުރުމުގެ ގާބިލުކަން ކޮށިވެ ނިދި ހަމަނުވެ ސިއްހީ ގެއްލުންތައް ލިބި އިޖުތިމާއީ ގުޅުންތައް ހީނަރުވެ، ފިކުރު ބޮޑުވުމާއި ހާސްވުން ފަދަ ކަންކަން މެދުވެރިވުން ވެގެން ދާނީ ބުއްދި އާއި ނަފުސު ރައްކާތެރި ނުކުރުން ކަމުގަ އެވެ.
ސުމޭކީ ދުޅަހެޔޮކަން މުހިންމުވާ ތިންވަނަ ސަބަބަކީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާ ގޮތުގައި ސިއްހަތާއި ވަގުތަކީ ގިނަ މީހުން އެއާ މެދު ފަރުވާ ކުޑަ ކުރާ ދެ ނިއުމަތެވެ (ބުޚާރީ).
އެހެންވެ މި ދެ ނިއުމަތް ދެމެހެއްޓުން ލާޒިމެވެ. އިންސާނާ އަކީ ގެއްލުމާއި ހަލާކުގެ ތެރޭގައިވާ ފަރާތެއް ކަން ﷲ ބަޔާން ކުރައްވާފައި ވަނީ ވަގުތު ނުވަތަ ޒަމާން ގަންދެއްވައިފަ އެވެ (އަލްޢަޞްރު 1-2). އަދި އިސްރާފު ކުރުމަކީ ﷲ ނުރުއްސަވާ ކަމެއް ކަމުގައި ވާއިރު (އަލްއަޢުރާފު 31) ވަގުތު އިސްރާފު ކުރުން ވެސް ވެގެންދާނީ ހަމަ އެފަދަ ކަމަކަށެވެ.
ހަތަރުވަނަ ސަބަބަކީ، އިސްލާމީ އަހުލާގީ ގިޔަމުތައް ދެމެހެއްޓުމެވެ. މުސްލިމަކު ކޮންމެ ހާލަތެއްގައި ވިއަސް އިސްލާމީ ގިޔަމުތަކާއި ރިވެތި އަހުލާގުގެ މަތީ ދެމިހުންނަން ޖެހެއެވެ.
ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ތިބާ ވީ ކޮންމެ ތަނެއްގައި ﷲ އަށް ތަގުވާވެރި ވާށޭ" އެވެ (އައްތިރުމިޛީ).
މިގޮތުން މީހާގެ އިއްފަތްތެރިކަން ދަމަހައްޓައި، ފާހިޝް އަމަލުތަކުން ދުރުހެލިވާން ޖެހެ އެވެ. ޝައިތާނާގެ ފިޔަވަޅުތަކަށް ތަބާ ނުވާން ﷲ އަންގަވަ އެވެ (އައްނޫރު 21).
ސުމޭކު ވަސީލަތްތަކަކީ ނުބައި ގޮތުގައި އޭގެ ބޭނުން ހިފައި ހުއްދަ ނޫން ތަކެތި ބަލައި އަޑު އެހިދާނެ ވަސީލަތެކެވެ. ދެވަނަ ކަމަކަށް ތިމާއާ ނުބެހޭ ކަންކަމުން ދުރުހެލިވާން ޖެހެ އެވެ. މިއީ މީހާގެ އިސްލާމް ކަމުގެ ފުރިހަމަ ކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ (އައްތިރުމިޛީ).
ނަމަވެސް ސުމޭކު ވަސީލަތްތައް ނުބައި ގޮތުގައި ބޭނުން ކުރާއިރު މީހުންގެ ފަރާތުން ނުބައި ކަންކަން ދަސްކުރުމާއި ހަޑިހުތުރު ބަސްތައް ބޭނުން ކުރުމާއި މަލާމާތް ކުރުމާއި ބޭކާރު ޖަދަލުތައް ކުރުން ފަދަ ކަންކަން ހިނގަ އެވެ.
ތިންވަނަ ކަމަކަށް އިސްލާމީ ގިޔަމުތަކާއި އަހުލާގު ދެމެހެއްޓުމަށްޓަކައި އެއްވެސް ނުރަނގަޅު ސުލޫކެއް ސުމޭކު ވަސީލަތްތަކުގެ ތެރެއިން އިހުތިޔާރު ކޮށްގެން ނުވާނެ އެވެ. މިގޮތުން ދޮގު ހެދުމާއި ހަގީގަތެއް ނެތް ވާހަކަތައް ފެތުރުމާއި މީހުންނަށް މަލާމާތް ކުރުމާއި މީހުންގެ ސިއްރުތައް ހޯދަން ޖާސޫސް ކުރުމާއި ނެތިނުބައި މޮށުމާއި ދެބައުޑުވުމާއި ބިރުދެއްކުމާއި އަނިޔާވެރިވުމާއި މިހެން ގޮސް ނުރަނގަޅު އެއްވެސް ކަމެއް ސުމޭކު ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނަމަ އެއީ ސުމޭކީ ދުޅަހެޔޮކަމާ ހިލާފު ވުމެކެވެ.
ސުމޭކީ ދުޅަހެޔޮކަން މުހިންމުވާ ފަސްވަނަ ސަބަބަކީ، އިޖުތިމާއީ ގޮތުން ހެޔޮ މުއާމަލާތު ކުރުމާއި ގުޅުންތައް ވަރުގަދަ ކުރަން ޖެހުމެވެ. ސުމޭކު ވަސީލަތްތަކުގެ ސަބަބުން މުވާސަލާތު ކުރެވިފައި ގުޅުންތައް ކިތަންމެހާ ވެސް ގިނަ އެވެ. ނަމަވެސް އެއީ މާއްދީ ހަގީގަތެއް ނެތި ސުމޭކީ ވަސީލަތުން ހަގީގަތް ކަމަށް ދައްކާ (ދާދިވަރު) ގުޅުންތަކަށް ވާތީ އިޖުތިމާއީ ޖަޒުބާތުތަކަށް މިއިން ބާރެއް ނުލިބެ އެވެ. އަދި މީހުންނާ ބައްދަލުކޮށް އިޖުތިމާއީ އަހުލާގު އެންމެ ހެޔޮގޮތުގައި ތަރައްގީ ކުރަން ފުރުސަތެއް ނުލިބެ އެވެ. އިސްލާމް ދީން ބާރު އަޅަނީ އެކުވެރިކަމާއި އަޅާލުމާއި ވާގިވެރިވުން ފަދަ ރިވެތި ސިފަތައް މުޖުތަމައުގައި ދަމަހައްޓާށެވެ.
މުސްލިމެއްގެ ހަޔާތުގައި ސުމޭކީ ދުޅަހެޔޮކަން ދަމަހައްޓަން ބޭނުން ނަމަ ކުރަންޖެހޭ މުހިންމު ކަންކަމުގެ ތެރެއިން އެއް ކަމަކީ ތާވަލު ކުރެވިގެން ފައިދާ ހުރި ގޮތަކަށް ވަގުތުގެ ބޭނުން ހިފުމަށްޓަކައި ސުމޭކު ވެށީގައި ހޭދަކުރާ ވަގުތު ބޭކާރު ނުވާނެ ގޮތަކަށް ރޭވުމެވެ.
ދެވަނަ ކަމަކީ، ސުމޭކު ވަސީލަތްތަކުގެ ބޭނުން ކުރުމުގައި ހެޔޮކަންތަކަށް މަގުފަހި ކުރަން އިސްކަން ދިނުމެވެ.
ތިންވަނަ ކަމަކީ، ދިރިއުޅުމުގެ މަސައްކަތާއި އަޅުކަންތަކުގެ ވަގުތު ތަކުގައި ވީހާ ވެސް ބޮޑަށް ސުމޭކު ވަސީލަތްތައް މަދު ކުރުމެވެ.
ހަތަރުވަނަ ކަމަކީ، ފިކުރީ އަދި ރޫހާނީ ބާރު ވަރުގަދަ ކުރުމަށްޓަކައި ސުމޭކު ވަސީލަތްތައް ހަމަ އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ވަގުތު ކޮޅު ތަކެއް ކަނޑައެޅުމެވެ. މިއީ "ސުމޭކީ ރޯދަ" ހިފުމެކޭ ވެސް ބުނެވިދާނެ އެވެ.
ފަސްވަނަ ކަމަކީ، ސުމޭކީ ދުޅަހެޔޮކަމަށް ދަރިން ތަރުބިޔަތު ކުރުމެވެ.
ހަވަނަ ކަމަކީ، މިކަމުގައި އިހުލާސްތެރިކަން އޮތުމެވެ. ނަމަކަށް ނުވަތަ ކަންދައްކަން ކުރާ ކަމަކަށް ނުހަދައި ހަގީގަތުގައި ވެސް ސުމޭކީ ދުޅަހެޔޮކަން ހޯދަން މަސައްކަތް ކުރުމެވެ.
މި ނޫނަސް އެހެން ކަންކަމުގެ އެހީގައި ސުމޭކީ ދުޅަހެޔޮކަން ދަމަހައްޓަން މަސައްކަތް ކުރުމަކީ މުސްލިމަކަށް ނުހަނު ބޭނުންތެރި ކަމެކެވެ. އެއީ ޝަރީއަތުގެ މަގުސަދުތައް ހިމާޔަތް ކުރުމާއި އިސްލާމީ އަހުލާގު ދެމެހެއްޓުމާއި މެދުމިންވުމާއި ހެޔޮގޮތުގައި ތަރުބިޔަތު ވުމަށްޓަކަ އެވެ.