18 އޮކްޓޯބަރ 2025 - 11:05

ފެތުމާއި ދުވުމުގެ ރޭސް ހިމެނޭ އެކުއަތުލޯން ޗެލެންޖެއް ކ. މާފުށީގައި ބާއްވަން އިއުލާން ކޮށްފި އެވެ.

ދިގު ފެތުމުގެ އިވެންޓްތައް ބާއްވާ އަމިއްލަ ކްލަބެއް ކަމަށްވާ، "ސްވިމް މޯލްޑިވްސް" އިން އިންތިޒާމު ކުރާ އިވެންޓަކީ އެކުއަތުލޯން އަށް ހާއްސަކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އިވެންޓެވެ.

"މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް" ގެ ނަމުގައި ބާއްވާ ރޭސް އޮންނާނީ މި މަހު 31 އަދި އަންނަ މަހު އެކެއްގަ އެވެ.
މި އިވެންޓްގެ ފެތުން އޮންނާނީ މާފުށީ ބިކިނީ ބީޗުން ބޭރަށް ތިނެސްކަން ރޫޓަކުން، ޖުމުލަ 500 މީޓަރުގެ ރާސްތާއެކެވެ. އެއަށްފަހު، ދުވުމުގެ ބައިގައި އޮންނާނީ މާފުށީ ވަށައިގެން، 2.5 ކިލޯ މީޓަރުގެ ރޫޓެއްގައެވެ. މީގެ ތެރޭގައި ބީޗުގައި ދުވާ ބައެއްވެސް ހިމެނޭނެކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.
ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމު، އިސްވެ އުފެއްދި ސްވިމް މޯލްޑިވްސްއިން ބާއްވާ މުބާރާތުގައި ތިން ކެޓަގަރީއެއް ހިމެނެ އެވެ.
އެއީ އެލީޓް، ސްޕްރިންޓް އަދި ޑިސްކަވާ އެކުއަތުލޯން ކެޓަގަރީ އެވެ.
އެ ކެޓަގަރީގައި ހިމެނެނީ އެއް ކިލޯމީޓަރަށް ފެތުމާއި ފަސް ކިލޯމީޓަރަށް ދުވުމެވެ. އެ ކެޓަގަރީ ހާއްސަކޮށްފައި ވަނީ އަންހެން، އަދި ފިރިހެން ބައިން، 15 އަހަރުން މަތީގެ މީހުންނަށެވެ. އެކަމަކު 15 އަހަރުންދަށުގެ ކުއްޖަކު އެ އިވެންޓްގައި ވާދަކުރަން ބޭނުންވިޔަސް އެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.
އެ ކެޓަގަރީގައި ފަތާނީ 500 މީޓަރަށެވެ. އަދި ދުވާނީ 2.5 ކިލޯމީޓަރަށެވެ. އެ ކެޓަގަރީ ހާއްސަކުރެވިފައި ވަނީ 15 އަހަރުންދަށުގެ ކުދިންނަށެވެ. ސްވިމް މޯލްޑިވްސްއިން ބުނީ 15 އަހަރުންމަތީގެ މީހުންނަށް ވެސް އެ ކެޓަގަރީގައި ވާދަކުރެވިދާނެ ކަމަށެވެ. ނަމަވެސް ސްޕްރިންޓް ކެޓަގަރީގައި ވާދަކުރާ 15 އަހަރުންމަތީ އުމުރުގެ މީހުންނަށް ވަނަ ނުލިބޭނެ ގޮތަށް ސްވިމް މޯލްޑިވްސްއިން ވަނީ ގަވާއިދު އެކުލަވާލާފަ އެވެ.
އެ ކެޓަގަރީގައި ހިމެނެނީ 200 މީޓަރުގެ ފެތުމާއި 500 މީޓަރުގެ ދުވުމެކެވެ. އެ ކެޓަގަރީއަކީ ކުޑަކުދިންނަށާއި މުޅިން އަލަށް މިކަހަލަ ޗެލެންޖެއްގައި ބައިވެރިވާ މީހުންނަށް ތަޖުރިބާކޮށްލަން ފުރުސަތު ދިނުމަށް ބާއްވާ، ވާދަވެރި ނޫން އިވެންޓެއްކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ. އެ އިވެންޓްގެ ފެތުން އޮންނާނީ މާފުށީ ބިކިނީ ބީޗުގެ ފަޅުތެރޭގައި، އިސްކޮޅު ޖެހޭ ހިސާބުގަ އެވެ.
ފެތުމުގެ ރޭހުގައި ފިންސާއި ނޫޑްލް އަދި ކިކްބޯޑް ބޭނުން ކުރުމުގެ ހުއްދަ ސްވިމް މޯލްޑިވްސްއިން ވަނީ ދީފަ އެވެ. ނަމަވެސް އެފަދަ އެއްވެސް އާލަތެއް ބޭނުންކުރާނަމަ، ވަނަ ހޯދުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވެސް އެ ކްލަބުން ބުންޏެވެ.
ފުރަތަމަ އޮންނާނީ ފެތުމެވެ. ފަތާ ނިމިގެން، ދުވާ ބޫޓަކަށް އަރައިގެން ވަގުތުން ދުވަން ފަށާނީ އެވެ. ވަނަ ހޮވާނީ ދުވުމުގެ ރޭސް އެންމެ ފުރަތަމަ ނިންމާ އެތުލީޓުންގެ މެދުގަ އެވެ.
އިންޑަވިޖުއަލް އަދި ޓީމެއް ގޮތަށް ވެސް ބައިވެރި ވެވޭނެ އެވެ. ޓީމެއްގައި ނަމަ ދެ އެތުލީޓުންނެވެ. އެކަކު ފަތާފައި އަނެކަކު ދުވާ ގޮތަށެވެ. ސްވިމް މޯލްޑިވްސް ބުނީ އިންޑަވިޖުއަލް އިވެންޓްގައި ވާދަކުރާ އެތުލީޓަކަށް ވެސް ޓީމު އިވެންޓްގައި ވެސް ވާދަކުރެވޭނެ ކަމަށެވެ.
އިންޑަވިޖުއަލް އިވެންޓްތައް އޮންނާނީ މި މަހު 31 ގަ އެވެ. ޓީމު އިވެންޓްތައް އޮންނާނީ ޖެހިގެން އަންނަ ދުވަހު (އަންނަ މަހު އެކެއްގަ) އެވެ.
މުބާރާތުގެ ވަނަވަނަ އަށް ދާ ފަރާތްތަކަށް އިނާމު ފައިސާ ހަމަޖެހިފައިވާކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކެވެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. މުބާރާތުގައި ރަޖިސްޓަރީ ކުރުމަށް
އެކުއަތުލޯން ޗެމްޕިއަންޝިޕްގައި ބައިވެރިވާ އެތުލީޓުންނާއި ބެލެނިވެރިންނަށް އަގުހެޔޮ ޕެކޭޖްތަކެއް ކާނި ޕާމް ބީޗް ހޮޓަލާއި ކާނި ގްރޭންޑުން ހަމަޖެހިފައިވާ ކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.