ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު އިސްތިއުނާފަށް ވެސް ބަލައެއް ނުގަތް
ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު އިސްތިއުނާފަށް ވެސް ބަލައެއް ނުގަތް

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ މައްސަލައިގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގެލަންޓް ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރެފައިވާ އަމުރު އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

ޣައްޒާގައި ހިންގާ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފް އަމަލުތަކުގެ ޒިންމާ ނަތަންޔާހޫ އާއި ގެލަންޓް ގާނޫނީ ގޮތުން އުފުލަންޖެހޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތައް ހުރުމުން އެ ދެ މީހުން ހައްޔަރުކުރުމަށް އައިސީސީން އަމުރު ނެރުނީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ އިސް މެންބަރަކު ހައްޔަރުކުރުމަށް ވެސް އައިސީސީން އަމުރު ނެރުނެވެ. އެކަމަކު އެ ލީޑަރުން މިހާރު ދުނިޔޭގައި ނެތްކަން ކަށަވަރުވުމުން މިހާރު ވަނީ އެ އަމުރުތައް ބާތިލްކޮށްފަ އެވެ.

އިޒްރޭލުން މިދިޔަ މެއި މަހު ވަނީ އަމުރު ބާތިލްކުރުމަށް ހުށަހަޅައިފަ އެވެ. އަދި ވެރިން ހައްޔަރުކުރުމުގެ އަމުރަކީ އައިސީސީގެ އިހްތިސާސުން ބޭރުން ނިންނި ނިންމުމެއް ކަމަށް ބުނެ ވަކި މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. ޖުލައި މަހުގެ 16 ވަނަ ދުވަހު އެ ކޯޓުން ނިންމީ ކޯޓުގެ އިހްތިސާސާ މެދު ސުވާލު އުފައްދައި ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، އަމުރު ބާތިލްކުރުމާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. އެހެންވެ ހުށަހެޅުން ވެސް ކޯޓުން ބޭރުކޮށްލީ އެވެ.

އޭގެ ހަފްތާއެއް ފަހުން އިޒްރޭލުން އަނެއްކާ ވެސް އަމުރުގެ މައްސަލަ އިސްތިއުނާފުގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅީ އެވެ. އައިސީސީން މި މައްސަލައިގައި ނިންމި ނިންމުމުގައި ބުނެފައިވަނީ "އިޒްރޭލުން ސިފަކޮށްފައިވާ ގޮތަށް، އެއީ އިސްތިއުނާފުކުރެވޭ ބާވަތުގެ މައްސަލައެއް ނޫން" ކަމަށެވެ.

"އެހެންވެ، މި ހުށަހެޅުން ބަލައި ނުގަތުމަށް ފަނޑިޔާރުން ނިންމެވީ" ކަމަށް 13 ސަފުހާގެ ހުކުމުގައިވެ އެވެ.

މި މައްސަލަ މިގޮތަށް ނިންމި ނަމަވެސް ކޯޓުގެ އިހްތިސާސާ މެދު ހުށަހެޅި މައްސަލަ ކުރިއަށް ގެންދާނެ އެވެ. މިދިޔަ ނޮވެމްބަރު މަހު އެ ކޯޓުން ފުރަތަމަ އަމުރު ނެރުމާ އެކު އިހްތިސާސްގެ މައްސަލަ އިޒްރޭލުން އިސްތިއުނާފަށް ހުށަހެޅި އެވެ. އެކަމަކު ކޯޓުން ފުރަތަމަ ނިންމީ އެ ހުށަހެޅުން ބަލައިނުގަތުމަށެވެ. ނަމަވެސް އައިސީސީގެ އިސްތިއުނާފް މަޖިލީހުން ފަހުން ވަނީ ޕްރީ-ޓްރަޔަލް ޗެމްބަރުގެ އެ ނިންމުން ގޯސް ކަމަށް ކަނޑައަޅައި މައްސަލަ ބަލަން ނިންމައިފަ އެވެ. އެކަމަކު މި މައްސަލައިގެ ހުކުމް ކުރާނެ އިރެއް އަދި ނޭނގެ އެވެ.

އިޒްރޭލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރަކީ ޔަހޫދީންނާ ދެކޮޅު، އިންސާފުން އެއްކިބާވެފައިވާ ނިންމުމެއް ކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުން ގެންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އެމެރިކާއިން ވަނީ އައިސީސީގެ އިސް ބައެއް ޕްރޮސިކިއުޓަރުންނާ ދެކޮޅަށް މި މައްސަލައިގައި ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ. -- އޭއެފްޕީ