ރަތް ސިގުނަލު
ރަތް ސިގުނަލު

ރަތް ސިގުނަލު

މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހުނު ރެއެކެވެ. ބައެއް ފިހާރަތައް ދިހައެއް ނުޖަހަނީސް ބަންދުކުރިއެވެ. ގިނަ ޓެކްސީތައް ހުރީ ޕާކުކޮށްފައެވެ. ކޮންމެ މީހަކު ވެސް ބެލީ އަވަހަށް ގެއަށް ވަދެވޭތޯއެވެ. ރޯޅިއެއް ނުޖެހި އެއްވާނަކަށް ވެހެމުންދިޔަ ވާރޭ ހުއްޓައިލުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. އަހުސަން ހުރީ ބޭރަށް ނުކުންނަން ބޭނުންވެފައެވެ. އެންމެ ފަހުން އުންމީދުކަނޑައިލިއެވެ. މަޑު ހިނގުމެއްގައި ގޮސް ދޮރާށީގެ މަތީގައި ހުރި ތަންޑުއަޅުވައިލިއެވެ. އެޕޯލޯތަޅަށް ފިއްތައިލައި ދޮރު ތަންޑުއެޅުވިއެވެ. އެ ގޭގައި އުޅެނީ އަހުސަންގެ ދެމަފިރިންނާއި ދަރިފުޅެވެ. އުމުރުން ދެ އަހަރުގެ ދަރިފުޅުގެ ނަމަކީ ސަނާއެވެ. އަނބިމީހާގެ ނަމަކީ ނާހިދާއެވެ. އެ ކުޑަކުޑަ ޢާއިލާ އެ ގޭގައި އުޅޭތާ އަހަރެއް ވެއްޖެއެވެ. ކޮންމެ ވަގުތަކު ވެސް ތަޅާލަން ތައްޔާރަށް ހުރި ގެއެކެވެ. ގެ ކުޑަވެފައި ދައްކަންޖެހޭ ކުލި ވެސް ކުޑައެވެ. ސިޑިން އަރާކަށް ނުޖެހެއެވެ. ކަކުލުގެ ރިހުމެއް ހުންނަ ނާހިދާއާއި އަހުސަނަށް އެއީ ވަރަށް ބޮޑު ފަސޭހަޔަކާއި ލުޔެކެވެ.

ހޫނުކަމުން ނުނިދިގެން އުޅުނު މީހުންނަށް އެ ރެއަކީ ލެއްވި ހެޔޮ ރަޙުމަތެކެވެ. ގަދަ ނިދީގެ ތެރެއަށް ގެނބެމުން ފެތެމުންދިޔައެވެ. އަހުސަންގެ ޢާއިލާއަށް ވެސް ވީ އެހެންނެވެ. އެކަމަކު، ދަންވަރު ވާރޭ ހުއްޓިއެވެ. ފަތިސްވުމުގެ މާ ކުރިން ބައެއް މަގުތަކުން ފެން ހިނދިއްޖެއެވެ. ވައިކަފައިފައި ދިޔަ އަޑުގަދަ ސައިކަލެއްގެ އަޑަށް ސަނާއަށް ހޭލެވުނެވެ. އެ ގޮތަށް ކިތަންމެ ރެޔަކު ސަނާއަށް ހޭލެވެއެވެ. ސަނާ ނުކުތަނުދޭން ހަރުކޮށްފައިވާ ހުރަސްފިލާގަނޑުމަތިން، ފަސޭހަކަމާއެކު ސަނާ ގިރާކުރެއެވެ. ގެއިން ބޭރަށް ނުނިކުމެވެނީ، ދޮރާށްޓާ ހަމައަށް ސަނާއަށް ދެވޭ ރޭރޭ ދޮރާށީގެ މަތީ ތަންޑު އަޅުވައިފައި ހުންނާތީއެވެ. އެ ރޭ ވެސް ސަނާ ދިޔައީ ބޭރަށް ނުކުންނަހިތް ވެގެންނެވެ. އަތުގައި ކުޑަ ބުދެއް އޮތެވެ. ދޮރާށީގެ ތަންޑު އެ ރޭ ހުރީ ނެއްޓިފައެވެ. ސަނާ ދޮރު ހުޅުވައިލައިފައި ބޭރަށް ނުކުތެވެ. މަގުމަތި އޮތީ ފަޅުކޮށެވެ. ސަނާ ބޭނުންވަނީ ކުޅޭ އެއްޗެހި ވިއްކާ ފިހާރައަށް ދާށެވެ. ގެއިން ނުކުމެގެން ސަނާ ހިނގައިގަތެވެ. ކަޅު ކުލައިގެ ނިދާ ހެދުމުގައެވެ. ހުސްފައިގައެވެ. ބިރުގަންނާކަށް ސަނާއަކަށް ނޭނގެއެވެ. ކުއްލިއަކަށް ސަނާގެ ލޮލުގައި އަޅައިގަތީ ބުޅަލެކެވެ.

"ކެޓް! ކެޓް!" އުފާވެފައި ސަނާ ގޮވައިލިއެވެ.

ބުޅާ ފަހަތުން ސަނާ ދުއްވައިގަތެވެ. ސަނާއަށް ވުރެ ބާރަށް ބުޅާ ދުއްވައިގަތެވެ. ބޮޑު މަގަކަށް ސަނާ ނުކުމެފައި ހުއްޓުނެވެ. ދެން ބުޅާ ދިޔަތަނެއް ސަނާއަކަށް ނޭނގެއެވެ. ހިނގައިގަންނާނެ ކޮޅެއް ނޭނގިފައި އިރުކޮޅަކު ސަނާ ހުއްޓެވެ. އެ އަށް ފަހު ދުވާރުމަތިން ހިނގަން ފެށިއެވެ. މަދުމަދުން ސައިކަލާއި ކާރު އެ މަގުން ދަތުރުކުރެއެވެ. އެކަކުގެ ލޮލަކު ވެސް ސަނާއެއް އަޅައެއް ނުގަނެއެވެ. ހެދުމުގެ ކުލަ އަނދިރިކަމުންނެވެ. ބައެއް ފިހާރައިގެ ކުރިމައްޗަށް ސަނާ ހުއްޓެއެވެ. ބަލަން ހުރެލައިފައި އަނެއްކާ ވެސް ހިނގައިގަނެއެވެ. ގެއާ ދުރަށެވެ. ސަނާގެ ގެ އޮތީ ފަޅުކޮށެވެ. އެކަކަށް ވެސް ނުހޭލެވެއެވެ. ސަނާ ގެންގުޅޭ ކުޑަކުޑަ ބުދު ދޮރާށި ކައިރީގައި އޮތެވެ.

ނުނިދިގެން ނުކުމެ ދުވާރުގައި އިށީނދެލައިގެން އިން މީހެއްގެ ލޮލުގައި ސަނާ އަޅައިގަތެވެ. އެ މީހާ ފުރަތަމަ ހީކުރީ ކުށްހީއެއްކަމަށެވެ. އެހާ ދަން ގަޑިއެއްގައި، އެހާ ތުއްތު ކުއްޖެއް މަގުމަތީގައި އެކަނި އުޅޭނީ ކިހިނެއް ހެއްޔެވެ؟ ކަށަވަރު ވުމުން އެ މީހާ ތެދުވިއެވެ. ސަނާޔާ ދިމާއަށް ހިނގައިގަތެވެ. ސަނާގެ ބެލެނިވެރިއެއް ފެންނަން ނެތުމަކީ އެ މީހާގެ ހިތުގެ ވިންދު އަވަސްވިކަމެކެވެ. ސަނާއަށް އެ މީހާ ފެނުނެވެ. މާ ޚާއްޞަ ސަމާލުކަމެއް ނުދިނެވެ. އެ މީހާ ހުއްޓުނެވެ. ސަނާ ދިޔައީ އެ މީހާޔާ ދިމާއަށެވެ. އަދި އެ މީހާގެ ކަނާއަތް ފަރާތުން ދާން އުޅުމުން އެ މީހާ މަގުބެއްދިއެވެ. ވައަތްފަރާތުން ދާން އުޅުމުން އެ ފަރާތް ވެސް ބެއްދިއެވެ.

"ކޮއްކޮ ކޮންތާކަށް ތި ދަނީ؟" އެ މީހާ ވަރަށް އޯގާތެރި ރާގަކަށް އެހިއެވެ.

"ޓޯއީ ޝޮޕަށް!" ސަނާ ޖަވާބުދިނެވެ.

"އެހެންތަ؟ ކޮބާ ޓޯއި ޝޮޕް؟" ދެ ފަރާތް ބަލައިލައިފައި، ސަނާޔާ އެއްވަރަށް ތިރިވެލައިފައި އެ މީހާ އެހިއެވެ.

"ނާނައަކަށް ނޭނގެ،" މައުސޫމް ތުއްތު ކުއްޖާ ބުންޏެވެ. "ބޭބެއަށް އެނގޭތަ ޓޯއީ ޝޮޕް؟"

"ކަށަވަރެއްނު!" ސަނާގެ އަތުގައި ހިފަމުން އެ މީހާ ބުންޏެވެ. "ހިނގާ ޓޯއީ ދައްކާނަން."

ސަނާގެ އަތުގައި ހިފައިގެން އެ މީހާ ހިނގައިގަތީ، ވީހާ ވެސް ބޮޑަކަށް ސަނާ ނިވާކޮށްގެންނެވެ. އެހެން މީހަކަށް ފެނުނަ ނުދިނުމަށްޓަކައެވެ. ސަނާ އެއްވެސް ގަދައެއް ނަހަދައެވެ. ދުނިޔެއަކީ ކިހާ ކެހިވެރި ތަނެއްކަމެއް، އިންސާނުންގެ ސިފައިގައި ޖަނަވާރުން އުޅޭކަމެއް ސަނާއަކަށް ނޭނގެއެވެ. ސަނާ ހުރީ ވަރަށް އުފާވެފައެވެ. ބޮޑު މަގުގެ އަލިކަމުން ސަލާމަތް ވުމަށްޓަކައި އެ މީހާ ވަނީ، މީހެއްގެ ހިލަމެއް ނުވާ އަނދިރި ގޯޅިއަކަށެވެ. އަދި ސަނާ އުރައިލިއެވެ. ހަދަން ފަށައިފައިވާ ދެ ގެ އެ ގޯޅީގައި ހުއްޓެވެ.

އަހުސަނަށް ހޭލެވުނުއިރު ފަތިސްނަމާދުގެ ބަންގި ގޮވަނީއެވެ. އަވަސްއަވަހަށް ތައްޔާރުވެލައިގެން އަހުސަން ނުކުތެވެ. ދޮރާށި ހުޅުވަން ބަލައިލިއިރު އެޕޯލޯ ތަޅު ހުރީ ހުޅުވިފައެވެ. ބައެއް ރޭރޭ އެހެން ހުންނަކަން އަހުސަނަށް ފާހަގަވެއެވެ. އެ ކަމާ ނާހިދާއާ މަޝްވަރާކުރަން އަހުސަން ބޭނުމެވެ. ދުވާލަކު ހަނދާނެއް ނުހުރެއެވެ. މިސްކިތުން ގެއަށް އައިސް އަހުސަން ނިދީއެވެ.

"އަހުސަން! އަހުސަން!" ނާހިދާ ހަޅޭއްލަވައިގަތް އަޑު އަހުސަނަށް އިވުނެވެ.

ސިހިފައި އަހުސަނަށް ހޭލެވުނެވެ. އޭރު ހެނދުނު ހަޔެއް ޖަހަނީއެވެ.

"ކޮބާ ސަނާ؟" ނާހިދާ އެހިއެވެ.

"ސަނާ!" ނިދިއަޑަކުން އަހުސަން ބުންޏެވެ. "ކޮބާ ސަނާ؟"

ނާހިދާ ނިކަން ބާރަށް އަހުސަން ތަޅުވައިގަތުމުން އަހުސަނަށް ހޭވެރިކަން ވިއެވެ.

"ސަނާ ނެތޭ އެނދަކު،" ނާހިދާ ރޮއިގެންފައި ބުންޏެވެ. "ކޮބައިހޭ ސަނާ؟"

އަހުސަން ފުންމައިގެން ތެދުވިއެވެ. ދުވެފައި ގޮސް ސަނާގެ ކޮޓަރި ބެލިއެވެ. ދަރިފުޅެއް ނެތެވެ. މުޅި ގޭތެރެ ހޯދިއެވެ. އެއްވެސް ތާކު ނެތެވެ. ދޮރާށި ކައިރީގައި އޮތް ބުދު ފެނުނީ ނާހިދާއަށެވެ. ސަނާ ގެއިން ނުކުތްކަން ޔަގީންވީ އެ ހިސާބުންނެވެ. އަހުސަން ބޭރަށް ނުކުތެވެ. ކައިރި މަގުތަކާއި ގޯޅިތައް ހޯދިއެވެ. ކައިރި ގެތަކުގެ ދޮރުގައި ނާހިދާ ތެޅިއެވެ. ހުޅުވީ ބައެއް ދޮރެވެ. އެ އިން އެއްވެސް ގެޔަކަށް ސަނާއެއް ނުވަދެއެވެ.

ފުލުހުންނަށް ގުޅިއިރު ހަތެއްޖަހައި ބޮޑުވެއްޖެވެ. ދެތިން މިނެއްޓު ތެރޭގައި ފުލުހުންގެ ސައިކަލަކާއި ކާރެއް އައެވެ. އެ މީހުން ވަރަށް ގިނަ ސުވާލުކުރިއެވެ. މަޢުލޫމާތު އެއްކުރިއެވެ. އަހުސަނާއި ނާހިދާ އެ ސުވާލުތަކަށް ޖަވާބުދިނެވެ. ބައެއް ފަހަރު ދެމަފިރިން އެކައްޗެއް ކިއެވެ. އަނެއްބައިފަހަރު އެކަކުއަނެކަކުގެ ބޮލުގައި ތުހުމަތުއެޅުވިއެވެ. ދަރިފުޅަށް ސަމާލުކަން ދޭންވީ ވަރަށް އަހުސަން ނުދިނީތީއެވެ. ހަމަ އެހެންމެ، ދަރިފުޅު ބެލެހެއްޓުމުގެ ޒިންމާ ނާހިދާއަށް އަދާނުކުރެވުނީތީއެވެ. އެ ފަދަ ގޮތަކަށް ދަރިފުޅު ގެއްލިދާނެކަމަކަށް އެ މީހުން ހިއެއްނުކުރެއެވެ. ޓޯކީ މެދުވެރިކޮށް ފުލުހުންގެ އެހެން ޔުނިޓުތަކާ ވާހަކަދެއްކިއެވެ. ސަނާގެ ސިފައާއި، ލައިގެން ހުރި ހެދުމުގެ ކުލަ ކިޔައިދިނެވެ. އަހުސަނާއި ނާހިދާ އެކި ރައްޓެހިންނަށް ގުޅައިފައި އެ ޚަބަރު ދިނެވެ. އެއްވެސް ވަރެއްގެ ކާމިޔާބެއް ނުލިބުނެވެ. ފިހާރަތައް ހުޅުވުމުން، ސީސީޓީވީ ކެމެރާތަކަށް ނެގިފައިވާ މަންޒަރުތައް ފުލުހުން ބެލިއެވެ. ތިން ތަން ބަލައިފިއްޔާ ކެމެރާ ސަލާމަތުން ހުންނަނީ އެންމެ ތަނެއްގައެވެ. ބައެއް ކެމެރާތަކަށް ސަނާ އަރައިފައި ހުއްޓެވެ. އެކަނިމާއެކަނި ހިނގައިފައި ދަނިކޮށެވެ. ބޮޑު މަގަށް ނުކުތްތަން ވެސް ފެނެއެވެ. ބައެއް ފިހާރައިގެ ކުރިމަތީގައި ހުއްޓިގެން ހުރިތަން ވެސް ފެނެއެވެ. މީހަކާ އެކުގައި ސަނާ ދަނިކޮށް ނެގިފައިވަނީ އެންމެ ކެމެރާއަކަށެވެ. ކެމެރާގެ ފެންވަރު ދަށްކަމާއި، އަނދިރިކަމުން އެ މީހާގެ ޖިންސު ވަކިކުރާކަށް ނޭނގެއެވެ. ފެންނަނީ ކެމެރާ ހުރަސްކޮށްލިތަން އެކަންޏެވެ.

މެންދުރުވިއެވެ. އިރުއޮއްސުނެވެ. މުޅި ރާއްޖެއަށް އެ ޚަބަރު ފެތުރުނެވެ. ސަނާގެ ފޮޓޯ އާންމުކުރިއެވެ. އެކަމަކު، ސަނާ ދުށް މީހަކު ނެތެވެ. ސަނާ ގާތުގައި ހުރި މީހާ ވަކިކުރަން އެނގުނު މީހެއް ވެސް ނެތެވެ. ސަނާގެ މައިންބަފައިންގެ ލޮލަކަށް ނިންޖެއް ނައެވެ. އިރުއަރަންދެން އެ މީހުން ތިބީ ހޭލައެވެ. ހިތާމައަކީ، މާ ގިނަ ދުވަހު އެ މީހުންނަށް ނިދާފައި ތިބެވުނުކަމެވެ. ހޭލަން ލިބުނު ފުރުޞަތުގައި ހޭނުލެވުނުކަމެވެ. ހިސާބުގަނޑުގެ ހުރިހައި ގެއެއްގެ އެކި ބައިބަޔަށް ފުލުހުން ވަނެވެ. މޫދާއި ފަޅުތެރެ ވެސް ބެލިއެވެ. ސަނާއެއް ނުފެނުނެވެ.

ސަނާ ގެއްލުމުގެ ހާދިސާ ހިނގީ އެންމެ ކަމެއްގެ ސަބަބަކުން ނޫނެވެ. އެއީ، ކުދިކުދި ސަބަބުތަކަކުން ގެތިފައިވާ ހިލިހިލާ ބޮޅުފައްޗެކެވެ. ދޮރުގެ ތަންޑު ހުރީ ހަލާކުވެފައެވެ. އެޅުވިޔަސް ބައެއް ފަހަރު އެ ތަންޑު ހުންނަނީ ނެއްޓިފައެވެ. އެއީ ނުރައްކާތެރި ރަތް ސިގުނަލެކެވެ. އާ ތަންޑެއް ހަރުކުރަން އަހުސަން ވިސްނާތާ ކިތަންމެ ދުވަހެކެވެ. ކަމުގެ ބާވަތުން ކަންފަސޭހަކޮށްލެވުނީއެވެ. ކުރިން ސަނާ ނުކުމެފައި ނުވާތީ ދުވަހަކު ވެސް ނުކުންނާނެކަމަށް ހީ ނުކުރެވުނީއެވެ. ސަނާގެ ކޮޓަރީގެ ދޮރު ހުންނަނީ ތަޅުނުލައެވެ. ސަނާ ނުކުމެދާނެތީ ހުރަސް ފިލާގަނޑެއް ހަރުކޮށްފައި ހުރެއެވެ. އެކަމަކު، ފިލާގަނޑު ގިރާކޮށްފައި ސަނާއަށް ދެވިދާނެތޯއެއް އެކަކު ވެސް ނުބަލައެވެ. ފަތިސްނަމާދަށް ހޭލައިފައި، ސަނާ އެނދުގައި އޮތްތޯއެއް އަހުސަނަކަށް ނުބެލުނެވެ. ނާހިދާ އާންމުކޮށް ބަލައެވެ. އެ ރެއަކު ނާހިދާއަކަށް ނުހޭލެވެއެވެ. ދޮރާށި ހުޅުވިއިރު ތަންޑު ނެއްޓިފައިވާކަން އަހުސަނަށް އެނގުނެވެ. އަމިއްލައަށް ނެއްޓޭ ތަންޑެއްކަމުން އެއީ މާ ބޮޑު ކަމަކަށް ނުހެދުނެވެ. އެޕޯލޯ ތަޅު ހުރީ ހުޅުވައިފައެވެ. އެއީ ކީއްވެގެންބާއޭ އަހުސަން ހިތަށްއެރިއެވެ. އޭނަގެ ލޮލަކު ކުޑަކުޑަ ބުދެއް އަޅައެއް ނުގަތެވެ. މިސްކިތުން އެނބުރި އައިސް ނިދިއިރު ސަނާ އެނދުގައި އޮތްތޯ އަހުސަނަކަށް ބަލައެއް ނުލެވުނެވެ.

ކަން ވެ ނިމުނީއެވެ. ކޮންމެ މީހަކު ވެސް އިނގިލި ދިއްކުރަނީ އަނެކަކާ ދިމާއަށެވެ. ޒިންމާނަގާނެ މީހަކު ނެތެވެ. ކުށް ގަބޫލުކުރާނެ މީހަކު ނެތެވެ. ދެން އޮތީ ރުއިމެވެ. ކަރުނައެޅުމެވެ. އެ އިން ވާނެ އެއްވެސް ފައިދާއެއް ނެތެވެ. މާ ކުރިން އަހުސަނަށް ރަތް ސިގުނަލު ފެނުނެވެ. ފަރުވާ ކުޑަ ކޮށްލެވުނީއެވެ.

ނިމުނީ