17 އޮކްޓޯބަރ 2025 - 21:42

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތް އަދި މައްސަލަތައް ބެލުމުގެ ސްޕީޑު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ މަޖިލިހުގެ މެމްބަރަކު މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާއި މިހާރު ނިމިފައި ހުރި މައްސަލަ ނިންމުމުގައި އަމަލު ކޮށްފައިވާ ގޮތް ބެލުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ ބޭނުމަކީ އެ ކޯޓުތަކުގެ މަސައްކަތްތަކުގެ ސްޕީޑު ލަސްވެފައި ހުރުމުން، މަސައްކަތްތައް އަވަސްކުރެވޭ މަގެއް ހޯދުން ކަމަށް މެމްބަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާތަނަށް ބެލިއިރު ވެސް ކުދިކުދި މައްސަލަތައް ނިންމާފައި ބޮޑެތި މައްސަލަތައް ވަކިކޮޅެއްގައި ނުޖައްސައި ބަހައްޓާފައި އެބަހުރި. އޭގެ ތެރޭގައި މަދަނީ ބޮޑެތި މައްސަލަތަކާއި ޖިނާއީ ވަރަށް ބޮޑެތި ތުހުމަތުތަކުގައި ގޮތެއް ނުނިންމައި އެތައް ދުވަހެއް ކޮށްފައިވޭ،" މެމްބަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ މައްސަލަތައް ނުނިމި މިހާ ދުވަސްވާ ސަބަބު ބަލައި އަދި ކޯޓުތައް ވެސް ޒިންމާދާރު ކުރުވޭނެ ގޮތެއް ބެލުން."
ކޯޓުތަަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ލަސްވާ މައްސަލަ އާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ ވިދާޅުވީ، މައްސަލަތައް ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އެދިގެން ވެސް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުން ހިމެނޭ ކަމަށެވެ.
ފުލުހުން ހާޒިރުކުރަން ޖެހޭ ހެކިން ހާޒިރު ނުކުރެވިގެން މައްސަލަތައް ކެންސަލް ކުރަން ޖެހުމަކީ ވެސް މައްސަލަތައް ލަސްވާ ސަބަބެއް ކަމަށް ރިޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދެވަނަ ސަބަބަކީ މުސާރަ އާއި އިނާޔަތްތައް ބޮޑު ނުވާތީ ކޯޓުތަކަށް އެކަށީގެންވާ މުވައްޒަފުން ނުލިބުމެވެ.
ރިޒާ ވިދާޅުވީ ކޯޓުތަކުގެ މުވައްޒަފުންގެ މުސާރަ 2008 ގެ ފަހުން އެއްގޮތަކަށް ވެސް ބޮޑު ނުވާ ކަމަށެވެ. އަދުލު އިންސާފު ގާއިމްކުރުމާ ބެހޭ އެހެން މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކަމަށާއި އެހެންވީމާ ޝަރުއީ ދާއިރާއަކީ "އެއްވެސް ބާރެއް ނެތް" ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައްސަލަތައް ލަސްވާ ތިންވަނަ ސަބަބަކީ ރިޒާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކޯޓުތަކުގެ އިމާރާތްތަކުގެ ހާލަތު ގޯސްވުމާއި އިމާރާތްތައް އެކަށީގެންވާ ވަރަށް ނެތުމެވެ.
ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ނުނިމި ދިގުލައިގެން ދާތީ މީގެ ކުރިން ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޖޭއެސްސީއާ އެތައް ފަހަރަކު ސުވާލުކުރި އެވެ. ރިޒާ މިއަދު ހުށަހެޅުއްވި ގިނަ ޝަކުވާތަކަކީ ކުރިން ބޭއްވި ބައެއް ބައްދަލުވުންތަަކުގައި ވެސް ޖޭއެސްސީން ތަކުރާރުކޮށް ހުށަހަޅާފައިވާ ޝަކުވާތަކެވެ.