17 އޮކްޓޯބަރ 2025 - 20:17

ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަސް އަހަރު ދުވަހަށް މަޑުޖައްސާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވާނީ "އިހަށް މަޑުކޮށްލާ" ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިގަންނަވާ ރައީސެއްގެ ވައުދަކަށް ވެސް ވާން ޖެހޭނީ އެ ޝިއާރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގާފައިވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަކީ ދައުލަތުން ބޭރު ގައުމުތަކުން ބޮޑެތި ދަރަނި ނަގައިގެން ކުރާ މަސައްކަތްތަކަށް ވާތީ، ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި އެއީ ގިނަ ފަހަރަށް ދަރަނި ކަމަށެވެ.
ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ދައުލަތުން ނަގާފައިވާ ބޭރުގެ ދަރަނި 149 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އޭގެ ތެރެއިން 16 ބިލިއަން ރުފިޔާގެ ދަރަނި އަންނަ އަހަރު އެކަނި ވެސް އަނބުރާ ދައްކަން ޖެހެ އެވެ.
"ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތް، ހަތަރު ފަސް އަހަރަށް ހުއްޓާލުން މުހިންމު،" ރާއްޖޭގެ ރައީސްކަން ތިން އަހަރުގެ މުއްދަތަށް ކުރެއްވި އަދި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ދެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާ ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރެވޭނީ ދައުލަތުގެ ބަޖެޓް ސަލާމަތްކޮށް، ރިޒާވް އިތުރުކޮށް އަދި ދަރަނި ކުޑަކުރެވިގެން ކަމަށެވެ.
ދިވެހިންނަކީ ތަންދޮރު ދަންނަ ބަޔަކަށް ވާތީ، ގައުމަށް މިހާރު ވަމުންދާ ގޮތާއި އެމަނިކުފާނު ދައްކާ ވާހަކަ ވެސް ވަރަށް ރަނގަޅަށް ދިވެހިންނަށް ފަހުމުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން ކައިރިކައިރީގައި އެއާޕޯޓުތައް އަޅަން ހަވާލުކުރަމުން ދާތީ ނަޝީދު ވަނީ އެކަމަށް ވެސް އިއްޔެ ފާޑު ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެއީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން ގައުމީ އެއާލައިނަށް "ދެއުޅިއެއް ނުވާ" ހަރަދުތަކެއް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ށ. އަތޮޅުގައި ހަތަރު އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާފައި ވާއިރު، އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ނަޝީދު އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އުތުރުގައި ހަތަރު އެއާޕޯޓު އޮއްވާ އިތުރު ހަތަރު އެއާޕޯޓު އަޅަނީ ބައިގަޑިއެއްހާއިރުން ލޯންޗެއްގައި ދެވޭހާ ކައިރީގަ ކަމަށެވެ.
އޭގެ ނަތީޖާއަކީ ލޯކަލް ޓޫރިޒަމުން ލިބޭ މަންފާ ވެސް ނުލިބުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސްޕީޑު ބޯޓުގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަޅަމުން ދިއުމުން ފެންނާނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެެއްގެ ޕްލާނެއް ނެތުމާއި ޒިންމާދާރުކަން ކުޑަކަން ކަމަށެވެ.