ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފި

އަންނަ މަހު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް އިއްޔެ ބަދަލުކޮށްފި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފި

އެ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ ގްރައުންޑް ފުލޯގައި އޮޕަރޭޝަންތައް އިއްޔެ ފަށާފައިވާ ކަމަށެވެ. އެއާ އެކު، އެ އެއާޕޯޓަށް މިހާރު ކޯޑް-ސީގެ ނުވަތަ އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް ޖެއްސޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ކުރިން "މިހާރު" އަށް ވިދާޅުވި ގޮތުގައި، ރަސްމީކޮށް ހުޅުވުމުގެ ކުރިން އާ ޓާމިނަލް ބޭނުންކުރަން ފެށީ އެ އެއާޕޯޓުގެ އާ ރަންވޭ ފުރިހަމައަށް ބޭނުން ކުރުމަށްޓަކައި، މިހާރު ބޭނުންކުރާ ޓާމިނަލް ތަޅާލަން ޖެހޭތީ އެވެ. އެހެންވެ، އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށް، ބާ ޓާމިނަލް ތަޅާލުމުގެ މަސައްކަތް ފަށާނެ އެވެ.

ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.

އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީ ކޮށްފައިވާ ރަންވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ނިމިފަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.