17 އޮކްޓޯބަރ 2025 - 13:10

އެމްޕީއެލްގެ ބަނދަރުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ކޮންޓެއިނަރުގެ މައްސަލައިގައި ގައުމީ ސަލާމަތީ ބެހޭ ހިދުމަތްތަކާ ބެހޭ (241) ކޮމެޓީން ކަމާގުޅޭ އިދާރާތަކާ އެކު ބާއްވަން އޮތް ބައްދަލުވުން އެއް ހަފުތާ ފަސްކޮށްފި އެވެ.
މަޖިލީހުން ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އަށް ކޮމިޓީ ބައްދަލުވުމެއް ތާވަލުކޮށްފަ އެވެ. އެޖެންޑާގައި ވަނީ ކޮމިޓީން ދިރާސާކުރަމުން އަންނަ މައްސަލައަކާ ގުޅޭ ގޮތުން ކަމާ ގުޅޭ އިދާރާތަކާ ބައްދަލުކުރުމަށް ބާއްވާ ކޮމިޓީ ބައްދަލުވުމެއް ކަމަށެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީ، ޕޮލިސް، ކަސްޓަމްސް އަދި އެމްޕީއެލްގެ އިސް ބޭފުޅުން ހިމެނެ އެވެ.
ނަމަވެސް، މަޖިލީހުގެ ގްރޫޕަށް މިއަދު ފޮނުވި މެސެޖުގައި ބުނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ބާއްވަން އުޅުނު 13 ވަނަ ބައްދަލުވުން ފަސްކުރީ، މި ވަގުތު ކޮމެޓީގެ ބައްދަލުވުން ބާއްވައިފި ނަމަ އެ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އެހެންވެ، އެ ބައްދަލުވުން އެއް ހަފުތާއަށް ފަސްކުރީ ކަމަށް ބުނެފައިވެ އެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ވަގަށް ގެންގޮސްފައިވާކަން އެނގުނީ މިދިޔަ ހަފްތާގަ އެވެ. އެކަމާ ގުޅިގެން ހަތަރު މީހަކު މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވެ އެވެ.
ވަގަށް 1،360 ކޭސް ސިނގިރޭޓު ނަގަން ރޭވުމާއި އެ އަމަލު ހިންގުމަށް ފަންޑުކުރި ކަމަށް ތުހުމަތުކުރަނީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަށެވެ. އޭގެ ތެރެއިން ދިގަލީގެ ބަންދަށް 10 ދުވަސް އަދި އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.
އެ މައްސަލާގައި ދެން ހައްޔަރުކުރީ ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީ އެވެ. އޭގެ ތެރެއިން ޒިވާރުގެ ބަންދަށް 15 ދުވަސް އަދި މުއާޒުގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ޖަހައިފަ އެވެ.
އެ މީހުންގެ އިތުރުން 12 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ކަސްޓަމްސްގައި ޒިވާރު އަދާކުރަމުން އައި ވަޒީފާއިން ސަސްޕެންޑުކޮށް، މިފްކޯގެ ސީނިއާ މަގާމެއްގައި މި ވަގުތު ހުރި މުއާޒު ވެސް ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ. އަދި އެމްޕީއެލުން އެ ކުންފުނީގެ ހަ މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ބޭރުކޮށްލީ އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި އޮތް ދޯންޏަކަށް އަރުވައިގެންނެވެ. ސީސީޓީވީ އަށް މަންޒަރު ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައި ވެ އެވެ.
ކަސްޓަމްސް އިން ބުނެފައިވާ ގޮތުން، ޕުލައިވުޑް ޝިޕްމެންޓެއްގައި ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތަކަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި 122 މިލިއަން ރުފިޔާ އަރާނެ އެވެ.