ޝިފާއު އުމުރު ދުވަހުގެ ހުކުމުން ސަލާމަތްވާ ގޮތަށް ޕީޖީން ހެދި އެއްބަސްވުމެއް ކޯޓުން ބަލައެއް ނުގަތް
ޝިފާއު އުމުރު ދުވަހުގެ ހުކުމުން ސަލާމަތްވާ ގޮތަށް ޕީޖީން ހެދި އެއްބަސްވުމެއް ކޯޓުން ބަލައެއް ނުގަތް

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް، 23 ދައުވާއެއް އިއްވާފައިވާ ހުސެއިން ޝިފާއު ޖަލު ހުކުމުން ސަލާމަތްވާ ގޮތަށް ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން ކޯޓުން އެ އެއްބަސްވުން ބަލައިނުގަންނަން ނިންމައިފި އެވެ.

ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި މި މައްސަލަތަކުގައި 123،844.54 ޑޮލަރު (1.9 މިލިއަން ރުފިޔާ) ހިމެނޭ ކަމަށް ޕީޖީން ކުރިން ބުނެފައިވެ އެވެ.

ނަމަވެސް ޝިފާއުއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދީ ޝަރީއަތް ނިމި ހުލާސާ ބަޔާން ހުށަހަޅާ ހިސާބުގައި އޮއްވަ އެވެ. މި އެއްބަސްވުން ބަލައިނުގަންނަން ގާޒީ އަލީ ނަދީމް ވަނީ އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ނިންމަވައިފަ އެވެ.

ކޯޓަށް ހުށަހެޅި އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން ޝިފާއުގެ މައްޗަށް އުފުލި 23 ދައުވާގެ ތެރެއިން ހަތް ދައުވާއެއް ފިޔަވައި އެހެން ހުރިހާ ދައުވާއެއް އަނބުރާ ގެންދާނެ އެވެ. އެއީ މަނީ ލޯންޑަރިންގެ ހުރިހާ ދައުވާއަކާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ހުރިހާ ދައުވާއެކެވެ. ކުރިއަށް ގެންގޮސް ސާބިތުކުރުމަށް އެއްބަސްވެފައި އޮތީ އަދަބު ކުޑަކޮށް ހުރި، މަކަރާއި ހީލަތްހެދުމުގެ ހަތް ދައުވާއެކެވެ. މި ދައުވާތަކަށް ޝިފާއުގެ މައްޗަށް އަންނާނީ 88 ދުވަހަށް ޖަލަށްލުމާ އެކު 184،600ރ. އިން ޖޫރިމަނާކުރުމުގެ އަދަބެއް ކަމަށް ވަނީ އެއްބަސްވެފަ އެވެ.

ދައުވާ ލިބޭ މީހާ ބަންދުގައި ހުރި މުއްދަތު، ޖަލު ހުކުމުން އުނިކުރަން ޖެހޭތީ މި ހުކުމާ އެކު ޝިފާއު ސަލާމަތްވާނެ އެވެ. އެއީ ހުކުމުގެ މުއްދަތު ކަމަށްވާ 88 ދުވަހަށް ވުރެ ގިނަ ދުވަހު ޝިފާއު ބަންދުގައި ހުރެފައި ވާތީ އެވެ. އެހެންވެ ޖަލު ހުކުމް ތަންފީޒު ނުކޮށް ދައްކަންޖެހޭނީ 184،600ރ. ގެ ޖޫރިމަނާއެކެވެ.

އެކަމަކު، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އިއުތިރާފުގެ އެއްބަސްވުން ބަލައި ނުގަތުމަށެވެ. ގާޒީ ވިދާޅުވީ މިއީ މި މައްސަލައިގައި ހިމެނޭ ކުށްތަކާއި ތަހުގީގު ރިޕޯޓުގައި ފުލުހުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.

ޝިފާއުގެ ފަރާތުން ގެއްލުންވި މީހުންނަށް އެ ގެއްލުންތަކުގެ ބަދަލު ލިބޭނެ ކަމުގެ ޔަގީން ކަމެއް ނުވަތަ ގެރެންޓީއެއް ވެސް އެއްބަސްވުމުގައިނެތް ކަމަށާއި އެހެންކަމުން އެއްބަސްވުން ޝަރީއަތަށް ބަލައިނުގަންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ މި މައްސަލަ މިހާރު ކުރިއަށްދާ ގޮތަށް ގެންގޮސް ހުލާސާ ބަޔާން ހުށަހަޅައި، މިހާރުވެސް ކުރިއަށްދާ ގޮތަށް ގެންގޮސް ޝަރީއަތް ނިންމާނެ އެވެ.

"ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކާ އެކު މަކަރާއި ހީލަތުން ކުރި ވިޔަފާރީގެ މުއާމަލާތްތަކުގެ މައްސަލައިގައި 2023 ވަނަ އަހަރު ޝިފާއު ހައްޔަރުކުރުމަށް ފަހު ކޯޓުން ދޫކޮށްލުމުން އޭނާ ފިލައިގެން ރާއްޖޭން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން އޭނާ ހޯދަން އިންޓަޕޮލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރުމުން އަމިއްލައަށް އޭނާ ރާއްޖެއަށް އައުމުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.

އޭނާގެ މައްސަލަތައް ކޯޓުގައި އޮއްވައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ވެސް އައްޔަންކުރި އެވެ. ނަމަވެސް މީޑިއާގައި އޭނާގެ މައްސަލަ ހާމަކުރުމާ އެކު މަގާމުން ވަކިކުރީ އެވެ.