17 އޮކްޓޯބަރ 2025 - 13:52

މާތްވެގެންވާ މައްކާގެ ހަރަމްފުޅާ އިންވެގެން، ހައްޖާޖީން ތިބޭނެ ބޮޑެތި ބިނާތަކެއް ހެދުމުގެ މަޝްރޫއެއް ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި އެވެ.
ސައުދީ ސަރުކާރުގެ ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުރާސްފަތި ދުވަހު ބުނީ "ކިންގް ސަލްމާން ގޭޓް" ގެ ނަމުގައި އިމާރާތްކުރާ އެ ބިނާތަކުގެ ޖުމްލަ ފްލޯ އޭރިއާގައި 12 މިލިޔަން އަކަމީޓަރު ހުންނާނެ ކަމަށެވެ. އެއީ ހައްޖާޖީންނަށް ފަސޭހަވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ސައުދީ ސަރުކާރުން ހިންގާ "ޕިލިގްރިމް އެކްސްޕީރިއެންސް ޕްރޮގްރާމް"ގެ ބައެއް ކަމަށް ވެސް އެ ޖެންސީން ބުންޏެވެ.
މަޝްރޫއު ކުރިއަށް ގެންދާ ރުއުޔާ އަލް ހަރަމް އަލްމައްކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ ހައިސިއްޔަތުން އެ މަޝްރޫއު އިއުލާނުކުރެއްވީ ސައުދީ އަރަބިއްޔާގެ ޑީފެކްޓޯ ލީޑަރު އަމީރު މުހައްމަދު ބިން ސަލްމާން އާލް ސުއޫދެވެ.
ނިދައި ކައިބޮއި އުޅޭނެ ތަންތަނާއި އެތެރޭގައި އަދި ބޭރުގައި ނަމާދުކުރާނެ ބޮޑު ސަރަހައްދުތައް ގާއިމްކުރާ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއުގައި ގިނަ އަދަދެއްގެ އުސް އިމާރާތްތައް ހިމެނޭނެ އެވެ. އެ މަޝްރޫއުގައި ނަމާދުކުރަން ހާއްސަކުރާ ބައިތަކުގައި ޖުމްލަ 900،000 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެ ކަމަށް އެސްޕީއޭގެ ރިޕޯޓުގައި ބުންޏެވެ.
މައްކާއަށް ދަތުރުކުރަން ގާއިމްކޮށްފައިވާ އާއްމު ދަތުރުފަތުރުގެ ނިޒާމަށް ފަސޭހައިން ދެވޭ ގޮތަށް ތަަރައްގީކުރާ އެ ސަރަހައްދުގައި ގާއިމްކުރާ އިމާރާތްތައް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ފައްކާކުރި ނަމަވެސް، އެތަންތަން ފަރުމާކުރާނީ މައްކާގެ ގަދީމީ ތަރިކައިގެ ސިފަތައް ނުގެއްލޭ ގޮތަށެވެ.
ސައުދީ ސަރުކާރުގެ 2030 ގެ ތަރައްގީގެ ތަސައްވުރުގައި ހިމެނޭ އެ މަޝްރޫއުން 300،000 ވަޒީފާ އުފެދޭނެ ކަމަށް ވެސް އެސްޕީއޭއިން ބުންޏެވެ.