"ދިއްލީ ކްރައިމް"ގެ ތިން ވަނަ ސީޒަން އަންނަ މަހު 12 ގައި ގެނެސްދެނީ
"ދިއްލީ ކްރައިމް"ގެ ތިން ވަނަ ސީޒަން އަންނަ މަހު 12 ގައި ގެނެސްދެނީ

ނެޓްފްލިކްސް އިންޑިއާގެ މަގުބޫލު ސީރީޒް "ދިއްލީ ކްރައިމް"ގެ ތިންވަނަ ސީޒަން އަންނަ މަހު 12 ގައި ގެނެސްދޭން ނިންމައިފި އެވެ.

އިންޓަނޭޝަނަލް އެމީ އެވޯޑް ކާމިޔާބުކޮށްފައިވާ މި ސީރީޒްގެ ކުރު ޓީޒާއަކާ އެކު، ތިންވަނަ ސީޒަން ގެނެސްދޭ ތާރީހު ނެޓްފްލިކްސް އިއުލާންކުރީ އިއްޔެ އެވެ.

މި ސީޒަންގައި ވެސް ލީޑުން ފެންނާނީ ފުރަތަމަ ދެ ސީޒަންގައި ވެސް ޑީސީޕީ ވަރްތިކާ ޗަތުރްވޭޑީގެ ރޯލު ކުޅުނު ޝެފާލީ ޝާހެވެ.

ޝެފާލީއާ އެކު މި ސީޒަންގައި ހުމާ ގުރޭޝީ ވެސް މުހިންމު ރޯލެއް ކުޅޭނެ އެވެ. ހުމާ ކުޅޭނީ މި ސީޒަންގެ ވިލަން "ބަޑީ ދީދީ"ގެ ރޯލެވެ.

މިފަހަރުގެ ސީޒަން ބިނާކޮށްފައިވާ ދިއްލީގައި ހިންގާ އިންސާނީ ވަގުވިޔަފާރިގެ މައްޗަށެވެ. މިދިޔަ ދެ ސީޒަނަކޭ އެއްގޮތަށް މިފަހަރުގެ ސީޒަން ވެސް ގެނެސްދޭނީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށެވެ.

މީގެ ހަ އަހަރު ކުރިން 2019 ގައި ގެނެސްދިން "ދިއްލީ ކްރައިމް"ގެ ފުރަތަމަ ސީޒަން ބިނާކޮށްފައި ވަނީ ރޭޕްގެ ހާދިސާއެއްގެ މައްޗަށެވެ. އަދި 2022 ވަނަ އަހަރު ގެނެސްދިން ދެވަނަ ސީޒަން ބިނާކޮށްފައި ވަނީ ގޭންގު ކުށްތަކުގެ މައްޗަށެވެ.

ސެޕްޓެމްބަރު 2020 ގައި ބޭއްވި އިންޓަނޭޝަނަލް އެމީ އެވޯޑްސް ހަފުލާގައި މި ސީރީޒަށް ވަނީ "އައުޓްސްޓޭންޑިން ޑްރާމާ ސީރީޒް"ގެ އެވޯޑް ލިބިފަ އެވެ. އެއީ އެ އެވޯޑް ލިބުނު އިންޑިއާގެ ފުރަތަމަ ސީރީޒެވެ.

"ދިއްލީ ކްރައިމް"ގެ ފުރަތަމަ ދެ ސީޒަނަށް ވެސް ނެޓްފްލިކްސްގައި ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.