16 އޮކްޓޯބަރ 2025 - 15:15

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ނަންދަނަ ސެނެވިރަތުނެގެ އޭނާގެ މަގާމުގެ ދައުރު ހަމަކުރުމަށް ފަހު ބީއެމްއެލް އިން މިއަދު ވަކިވެއްޖެ އެވެ.
އޭނާ މަގާމުން ވަކިވެވަޑައިގަތީ 11 އަހަރު ބޭންކްގައި ހިދުމަތް ކުރެއްވުމަށް ފަހު އެވެ.
ބީއެމްއެލް އިން ބުނީ ބީއެމްއެލްގެ ފައިނޭންސްގެ ޑިވިޝަނަށް ނަންދަނަ ގެނެސްދެއްވި ބޮޑެތި ފަހި ބަދަލުތަކަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ޝުކުރުއަދާކުރެއްވި ކަމަށެވެ.
އެ ބޭންކުން ބުނީ ނަންދަނަ ކޮށްދެއްވި ހިދުމަތް ފާހަގަކޮށް ބީއެމްއެލްގެ ބޯޑް ޑިރެކްޓަރުންނާއި މެނޭޖްމެންޓާއި މުވައްޒަފުން ވެސް ޝުކުރުއަދާކުރެއްވި ކަމަށެވެ.
އޭނާ ބީއެމްއެލްއާ ގުޅުނީ ޖެނުއަރީ 2014 ގަ އެވެ.
ބީއެމްއެލްގެ ފައިނޭންސް ޑިވިޝަނުގައި މިހާރު ވެސް ހަތަރު ޗާޓަޑް އެކައުންޓުން މަސައްކަތް ކުރާ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ބޭންކުގެ އޮޑިޓް ޑިޕާޓްމަންޓްގައި ދެ ޗާޓަޑް އެކައުންޓަންޓުން ވަޒީފާގައި އެބަތިބި ކަމަށް ބުންޏެވެ.