ހޯމަ ދުވަހާ ހަމައަށް ވިއްސާރަ އަލިވާނެ ކަމަށް ނުބެލެވޭ
ހޯމަ ދުވަހާ ހަމައަށް ވިއްސާރަ އަލިވާނެ ކަމަށް ނުބެލެވޭ

މުޅި ރާއްޖެ އަށް ކުރިއަށް އޮތް ހަތަރު ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ދެންމެ ނެރުނު މޫސުމީ އިރުޝާދުގައި ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވުމާ އެކު، ކަނޑުތައް ގަދަވެ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ، އެންމެން އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި، މާދަމާ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ވެސް ވިއްސާރަ އެއްކޮށް އަލިވާނެ ކަމަށް ނުބެލެވެ އެވެ.

• ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވުން

• އާންމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުފައި އިތުރަށް ގަދަވުން

• ވިއްސާރަކުރުމާ އެކު ގުގުރުން

• ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން

މި ދުވަސްވަރު ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންނާއި ސިފައިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދަނީ ވިއްސާރަކުރަމުންނެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މިއަދަކީ ހުޅަނގު މޫސުމުގެ 14 ވަނަ ނަކަތް ކަމަށްވާ ހިތަ ނަކަތުން 13 ވަނަ ދުވަހެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެ އެވެ. ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ އެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. އަދި މަސްވެރިކަން ރަނގަޅުވެ، މަސްއައިންތައް އަތޮޅުތަކާ ކައިރިން ފެންނާނެ އެވެ.

އަންނަ ހޮނިހިރު ދުވަހު ހެއި ނަކަތް ފެށުމާ އެކު، ވައި ބާރުވެ، ކަނޑުތައް ގަދަވާން ފަށާނެ އެވެ. އެ ނަކަތުގައި ވައިބާރުވެފައި އެކި ފަހަރު ވައި ޖެހޭނީ އެކި ދިމާއިންނެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.