ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ 716 ވެހިކަލް ހުޅުމާލޭގެ މަގުތަކުގައި އެބަހުރި
ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ 716 ވެހިކަލް ހުޅުމާލޭގެ މަގުތަކުގައި އެބަހުރި

ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ 716 ވެހިކަލް ހުޅުމާލޭގެ މަގުތަކުގައި މިހާރު ބަހައްޓާފައި އެބަހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަ ދުވަސް ވެފައިވާ ވެހިކަލްތަކުގެ މައުލޫމާތު އެއްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ހުޅުމާލޭގެ ފުލުހުން އެ މަސައްކަތް ކުރިއަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭގެ ފުލުހުން ކުރި އެ މަސައްކަތުން 716 ވެހިކަލް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ ވެހިކަލްތަކުގެ ތެރޭގައި ކާރާއި ސައިކަލާއި ޕިކަޕުގެ އިތުރުން ވޭން ވެސް ހިމެނޭ ކަމަށެވެ. އަދި އެ މައުލޫމާތު މާ ގުޅުން ހުރި އިދާރާތަކާ މިހާރު ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެއީ، ފުލުހުންނާއި އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ކަމާ ގުޅުން ހުރި އެހެން އިދާރާތައް ގުޅިގެން ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން، ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް ފުލުހުން ބުންޏެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމާއި ބާ އުޅަނދުތައް ނަގައި ނައްތާލުމުގެ މަސައްކަތް ފުލުހުން ދޭތެރެއަކުން ކުރެ އެވެ. މިދިޔަ އަގޮސްޓު މަހު އެކަނި ވެސް ފުލުހުން ވަނީ މާލޭގެ މަގުތަކުން 200 އަށް ވުރެ ގިނަ ބާ އުޅަނދު ނަގައިފަ އެވެ.