18 އޮކްޓޯބަރ 2025 - 07:49

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ތާރީހީ، ފެންނަ ނުފެންނަ ވޯޓާ ގުޅޭ ބަހުސެއް މާދަމާ ރޭ "މިހާރު" އިން ބާއްވަން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލުތައް ހެދުމަށް ފެނޭތޯ ބެލުމަށް ތިން ރަށުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓާ ގުޅޭގޮތުން "މިހާރު" އިން ބަހުސެއް ބާއްވަން ނިންމާފައިވާއިރު، އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނީ އައްޑޫގެ އެކި ދާއިރާތަކުގައި ތަޖުރިބާކާރު ބޭފުޅުންނެވެ.
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) އާއި އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ވެސް ހުންނެވި އިމާދު ސޯލިހާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގް (މަރޭ) އަދި ހުޅުމީދޫ އެއް ކައުންސިލެއްގެ ގޮތުގައި އޮތް އިރު އެ ކައުންސިލްގެ މެމްބަރު އަލީ މުހައްމަދެވެ.
މާދަމާ ރޭގެ 8:30 އިން 10:30 އަށް ބާއްވާ އެ ބަހުސްގެ މޮޑެރޭޓަރަކީ ކުރީގެ ޓީވީ ޕްރެޒެންޓަރު ހަސަން ޒިޔާއު އެވެ. މީރުމާ ހޯލުގައި ބާއްވާ ބަހުސަށް "މިހާރު" އިން ދައުވަތު ދޭ އާންމުންނަށް ވެސް ބައިވެރިވޭނެ އެވެ. އަދި އާއްމުންގެ ތެރެއިން މި ވޯޓާ ގުޅިގެން ނަގާ ބައެއް ސުވާލުތަކަށް ވެސް ހިޔާލު ބަދަލުކުރެވޭނެ އެވެ.
"އައްޑޫ ބަހުސް" ގެ ނަމުގައި ބާއްވާ މި ބަހުސްގެ ޕެނަލިސްޓުން އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ގޮތުން އެ ބޭފުޅުންގެ ރައުޔު ހާމަކުރައްވާނެ އެވެ. އޭގެ ތެރޭގައި ގެއްލުންތަކާއި ފައިދާގެ ވާހަކަތައް ހިމެނޭނެ އެެވެ.
މި ބަހުސް އެސްއެސްޓީވީ އާއި ސަން ޕްލޭއިން ލައިވްކޮށް ދައްކާނެ އެވެ. އަދި "މިހާރު" ގެ ފޭސްބުކާއި އެކްސް އިން ވެސް ލައިވްކުރާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން ފޭދޫން 4،355 މީހަކަށް މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭއިރު، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތަކެއް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓުގައި ހިމެނޭ ސުވާލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ މި މަހުގެ 12 ގައި އިސްލާހު ކުރައްވައިފަ އެވެ.
ފުރަަތަމަ ނެރުއްވި ގަރާރުގައި ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ކުރިން ކަނޑައަޅުއްވާފައިވާ ސުވާލު ވަނީ އުނިކުރައްވައިފަ އެވެ. އާ ގަރާރުގެ ދަށުން އެ ވޯޓުގައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލާނީ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ތިން ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށެވެ.
އެ ވޯޓުގައި ހުޅުދޫގައި ތިން ވޯޓު ފޮށްޓާއި މީދޫގައި ތިން ފޮށި އަދި ފޭދޫގައި ފަސް ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި އެ ރަށްރަށުގެ މީހުން ވޯޓުލުމަށް މާލޭގައި ވެސް ހަތް ވޯޓު ފޮށި ބަހައްޓާނެ އެވެ.