16 އޮކްޓޯބަރ 2025 - 12:37

ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ އެކަމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުދައްކާ ވިޔަފާރިތަކާއި މީހުންގެ ނަންތައް އާއްމުކުރަން ފެށުމުގެ ގޮތުން އެކަމާ ބެހޭ އުސޫލެއް އެ އިދާރާއިން އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.
ކަސްޓަމްސް ގާނޫނުގެ (5) ވަނަ މާއްދާގެ ދަށުން އެކުލަވާލައި މިއަދު އާއްމުކުރި އެ އުސޫލުގައިވާ ގޮތުން ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ނަން ހާމަކުރާނީ ނުދައްކާ ހުރި ފައިސާގެ އަަދަދު 10،000.ރ އަށް ވުރެ މަތި ނަމަ އެވެ. ނަން ހާމަކުރާނީ އޭގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ގިނަ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށް ވެސް އެ އުސޫލުގައި ވެ އެވެ.
ފުރަތަމަ މަރުހަލާއަކީ ނުދައްކާ ހުރި ފައިސާ ދައްކަން ލިއުމުން އެންގުމެވެ. ފައިސާ ދައްކަން ލިއުމުން އެންގިދާނެ ގޮތްތައް ވެސް އެ އުސޫލުގައި އެބަ އޮތެވެ. އެއީ ސީދާ ގޮތެއްގައި ލިއުން ހަވާލުކުރުމާއި ދީފައިވާ އެޑްރެހަށް ލިއުން ފޮނުވުމާއި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ލިއުން ފޮނުވުމާއި އީމެލަށް ފޮނުވުން ނުވަތަ ދާއިމީ އެޑްރެހަށް ލިއުން ފޮނުވުމެވެ.
ހ. ފައިސާ ދައްކަން ޖެހޭ ފަރާތުގެ ފުރިހަމަ ނަން
ށ. ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރީ ނަންބަރު، އަމިއްލަ ފަރާތެއް ނަމަ ނަމާއި ދާއިމީ އެޑްރެސް
ނ. ވިޔަފާރި ރަޖިސްޓްރީ ނަންބަރު، ގާނޫނީ ޝަހުސެއް ނަމަ އެ ފަރާތުގެ ރަޖިސްޓްރީ ނަންބަރު
ރ. ނަން ހާމަކުރާއިރު އެހާތަނަށް ނުދައްކާ ހުރި ފައިސާގެ އަދަދު
ބ. ފައިސާގެ ބާވަތް
ކަސްޓަމްސްގެ އުސޫލުގައިވާ ގޮތުގައި، ފައިސާ ނުދައްކައިގެން ނަން ހާމަކުރާއިރު އެ މައުލޫމާތު ޝާއިއުކުރާނީ ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ހޭންޑުލްތަކުގަ އެވެ.
އެ އުސޫލުގައިވާ ގޮތުން ނަން ހާމަކުރާނީ ފައިސާ ދައްކަން އެންގުމުން އެ ފައިސާ ނުދައްކައި އަދި ބަހާލައިގެން ދައްކަން ވެސް އެއްބަސްނުވާ ފަރާތްތަކަށް، އެއިން ކޮންމެ މަރުހަލާއެއްގެ ދެމެދުގައި 15 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުގަ އެވެ.
އެ އުސޫލުން އިސްތިސްނާވާނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މަޝްރޫއުތައް ހިންގާ ކުންފުނިތަކާއި ފައިސާ ދައްކަން ޖެހިފައި ވަނިކޮށް ނިޔާވާ މީހުންނެވެ.