16 އޮކްޓޯބަރ 2025 - 10:49

ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ޒުވާން އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމަށް އޭނާގެ އިސްތަށިގަނޑު ކޮށާލައި ހެއާސްޓައިލް ބަދަލުކޮށްލައިފި އެވެ.
އަހާން ވަނީ އޭނާގެ އާ "ހެއާކަޓް"ގެ ފޮޓޯތައް އިންސްޓަގްރާމްގައި އިއްޔެ ޕޯސްޓުކޮށްފަ އެވެ.
"ސައްޔާރާ"ގެ ބޮޑު ކާމިޔާބީއަށް ފަހު އަހާން މިހާރު ތައްޔާރުވަމުން އަންނަނީ ޔަޝް ރާޖް ފިލްމްސްއާ އެކު އޭނާ ކުޅޭ ދެވަނަ ފިލްމަށެވެ. އެއީ، "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" ކަހަލަ ފިލްމުތައް ގެނެސްދިން އަލީ އައްބާސް ޒަފަރު ޑައިރެކްޓުކުރާ ފިލްމެކެވެ.
އަހާންއަށް ވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް ވެސް ލިބިފަ އެވެ. ނަމަވެސް، އޭގެ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
އަހާން އެންމެފަހުން ފެނުނީ "ސައްޔާރާ"ގައި އޭނާއާ އެކު ލީޑު ރޯލު ކުޅުނު އަނީތު ޕައްޑާގެ 23 ވަނަ އުފަންދުވަސް ފާހަގަކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޕާޓީންނެވެ. ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، އަހާން އާއި އަނީތުއަކީ އަސްލު ދިރިއުޅުމުގައި ވެސް މިހާރު ލޯބިވެރިންނެވެ.
އަނީތު ވެސް މިހާރު ވަނީ އޭނާގެ ދެވަނަ ފިލްމަށް ސޮއިކޮށްފަ އެވެ. އެއީ، ޕްރައިމް ވީޑިއޯގެ ކާމިޔާބު ސީރީޒް "މޭޑް އިން ހެވަން" ގެނެސްދިން ނިތުޔާ މެހެރާ އާއި އޭނާގެ ފިރިމީހާ ކަރަން ކަޕާޑިއާގެ ކޯޓްރޫމް ޑްރާމާ ފިލްމު "ނިޔާއީ" އެވެ.