16 އޮކްޓޯބަރ 2025 - 11:15

އިނގިރޭސި ޕްރިމިއާ ލީގުގައި މި މަހު ޗެލްސީ އާއި ލިވަޕޫލް ބައްދަލުކޮށް ޗެލްސީ ފަހު ވަގުތު 2-1 އިން މޮޅުވި ލަނޑު ޖެހި ވަގުތު އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ އުފާފާޅުކުރުމުގެތެރޭގައި އަމަލުކުރި ގޮތުން އޭނާއަށް އެފްއޭއިން ފިޔަވަޅު އަޅައިފި އެވެ.
އުފާފާޅުކުރި ގޮތުން ދެވަނަ ރީނދޫ ކާޑެއް ދެއްކުމުން އޭނާ ވަނީ އެއް މެޗަށް ސަސްޕެންޑް ވެފަ އެވެ. މީގެ އިތުރުން މަރެސްކާ ވަނީ 8000 ޕައުންޑުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
"އުފާފާޅުކުރުމުގެ ތެރޭގައި ކޯޗު އުސޫލާ ހިލާފުވި ކަމަށާއި ބޭއަދަބީ ބަސްތަކެއް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ، އޭގެ ސަބަބުން މެޗުގެ 96 ވަނަ މިނިޓުގައި އޭނާ ވަނީ ބެންޗުން ފޮނުވާލައިފައި،" އެފްއޭގެ ސްޓޭޓްމަންޓުގައިވެ އެވެ.
މަރެސްކާ ވެސް އޭނާގެ އަމަލުތަކަށް އެއްބަސް ވާކަމަށާއި އެ އަދަބަށް އޭނާގެ އިއުތިރާޒެއް ނެތް ކަން ވެސް އެފްއޭއިން ހާމަކުރި އެވެ.
މިއާ އެކު އިންޓަނޭޝަނަލް ބްރޭކަށް ފަހު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ޗެލްސީ ރަށުން ބޭރުގައި ނޮޓްނަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗުގައި ޗެލްސީއަށް އިރުޝާދުދޭނީ، ލެސްޓާ ސިޓީގައި ވެސް އޭނާގެ އެސިސްޓެންޓަކަށް ހުރި ވިލީ ކަބަލޭރޯ އެވެ. ކަބަލޭރޯ އޭނާގެ ކެރިއަރުގެ ފަހުކޮޅު ހޭދަކޮށްފައި ވަނީ ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
މިއީ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ ފަހުން މަރެސްކާ ސަސްޕެންޑް ކުރި ދެ ވަނަ ފަހަރެވެ. ފުރަތަމަ ސަސްޕެންޑް ކުރީ މިދިޔަ އޭޕްރީލް މަހު ފުލަމް ކޮޅަށް ޕެޑްރޯ ނެޓޯ ޖެހި ގޯލާ އެކު އުފާފާޅުކުރި ގޮތުންނެވެ. އެފަހަރު ސަސްޕެންޑް ވީ ތިން ރީނދޫ ކާޑުު ހަމަވުމުންނެވެ.