16 އޮކްޓޯބަރ 2025 - 10:13

ޖެހިޖެހިގެން އެންމެ ގިނަ ބައިނަލްއަގުވާމީ މެޗުން މޮޅުވުމުގެ ރެކޯޑް މޮރޮކޯގެ ގައުމީ ފުޓްބޯޅަ ޓީމުން ހޯދައިފި އެވެ.

މޮރޮކޯ މި ރެކޯޑް ހެދީ ރޭ ކޮންގޯއާ ދެކޮޅަށް ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ މެޗު 1-0 އިން ކާމިޔާބު ކޮށްގެން ޖެހިޖެހިގެން 16 މެޗުން މޮޅުވެގެންނެވެ.
ރޭގެ މެޗުގައި މޮރޮކޯގެ ހަމައެކަނި ގޯލު ޖަހައިދިނީ ފެނަބާޗޭއަށް ކުޅޭ ފޯވާޑް ޔޫސުފް އައްނަސީރީ އެވެ. މިއާ އެކު އެ ޓީމު ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ގުރޫޕް ސްޓޭޖުގެ އަށް މެޗުން ވެސް މޮޅުވެފަ އެވެ.
މީގެ ކުރިން މި ރެކޯޑް އޮންނަނީ 26 ޖޫން 2008 އިން 20 ޖޫން 2009 އަށް ޖެހިޖެހިގެން 15 މެޗުން މޮޅުވި ސްޕެއިން އަތުގަ އެވެ. މި މުއްދަތުގައި ސްޕެއިނުން 39 ގޯލު ޖަހާފައި ވާއިރު، ބައިކޮޅަށް ވަދެފައިވަނީ ދެ ގޯލެވެ. އޭގެ ކުރިން ޖެހިޖެހިގެން 14 މެޗުން މޮޅުވުމުގެ ރެކޯޑް ފްރާންސާއި ބްރެޒިލް އަދި އޮސްޓްރޭލިއާ އަތުގައި އޮވެ އެވެ.
މޮރޮކޯ ވަނީ މިދިޔަ އަހަރުގެ ޖޫން 7 ގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުން ފެށިގެން މިހާތަނަށް 50 ގޯލު ޖަހައިފަ އެވެ. ބައިކޮޅަށް ވަދެފައި ވަނީ ހަތަރު ގޯލެވެ.
އެންމެ ފަހުން އޮތް ގަތަރު ވޯލްޑް ކަޕްގައި ވަރުގަދަ ޓީމުތައް ސިސްތުވާލާފައި ސެމީ ފައިނަލް ކުޅުނު މޮރޮކޯ އަކީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ އަރަބި ގައުމެވެ. މޮރޮކޯ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެ ޓީމުގެ ޖާގަ ޔަގީން ކޮށްފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް އެ ޓީމަށް ނިމިފައި ވާއިރު، އަންނަ އަހަރުގެ މުބާރާތުގެ ކުރިން ޑިސެމްބަރު މަހު އޮންނަ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި އެ ގައުމު ވާދަކުރާނެ އެވެ.
މޮރޮކޯގެ 20 އަހަރުން ދަށުގެ ގައުމީ ޓީމް ވަނީ އެ އުމުރުފުރާގެ ވޯލްޑްކަޕްގައި ރޭ ފްރާންސް ބަލިކޮށް ފައިނަލުން ޖާގަ ހޯދައިފަ އެވެ. ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން ނިމުނު މެޗު މޮރޮކޯ ކާމިޔާބުކުރީ ޕެނަލްޓީގައި 5-4 އިންނެވެ. އިތުރު ވަގުތުގެ ކުޅުން ހަމަވަނިކޮށް މޮރޮކޯގެ ތިންވަނަ ކީޕަރު އަބްދުލްހަކީމް އަލް މިސްބާހީ ވަނީ ޕެނަލްޓީ ޝޫޓައުޓަށް އަރައި ޕެނަލްޓީއެއް ވެސް މަތަކޮށްފަ އެވެ.
ޗިލީގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ފައިނަލްގައި މޮރޮކޯ ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. މޮރޮކޯ ވަނީ މިއަހަރު އޮތް މި އުމުރުފުރާގެ އެފްކޮންގެ ދެ ވަނަ ހޯދައިފަ އެވެ.