16 އޮކްޓޯބަރ 2025 - 12:57

ށ. ޅައިމަގަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ރައީސް މުއިއްޒު މިހާރު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޅައިމަގަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި، އެރަށުގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ލޯޑު ދަށްވެ، ކަރަންޓް ކެނޑޭ މައްސަލާގައި އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި އެވެ.
އެކަމުގެ ސަބަބުން އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އަދި އެހެންވެ، އެކަމަށް ދާއިމީ ހައްލެއް ހޯދައިދޭން ރައްޔިތުން އެދުނެވެ.
އެކަމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަމަށް ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ އެ ރަށަށް 400 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެރަށުގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެރަށުގައި މިއަދު އަމަލީ މަސައްކަތް ފެށުމަށް ތާވަލްކޮށްފައިވާ ތިން މަޝްރޫއުގެ ބިންގާ އެޅުމުގެ މަސައްކަތް މޫސުން ގޯސްވުމުގެ ސަބަބުން ކުރިއަށް ނުގެންދެވުނު ނަމަވެސް، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
- ފިޓްނެސް އެޑް ރެކްރިއޭޝަން ސެންޓަރު
- ސިއްހީ މަރުކަޒު އިމާރަތް
- ކައުންސިލް އިމާރާތް
- ކުނިކޮށީގެ މަސައްކަތް
- ސްކޫލުގެ އޮފީސް އިމާރާތް
- ފުޓްސަލް ދަނޑު މަރާމާތުކުރުން
- ސްވިމިން ޓްރެކެއް އެޅުން
- ފުލުހުންގެ އިމާރާތެއް
ރައީސް ވިދާޅުވީ ސިއްހީ މަރުޒަކުގެ އާ އިމާރާތަށްފަހު، އެތަނުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުވާނެ ކަމަށެވެ.
މީގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އެރަށުގައި ހުޅުވައިދިނުމަށް ރައްޔިތުން އެދިފައިވާތީ، ރައީސް ވިދާޅުވީ ރަށްރަށުގައި ގުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވުމުގެ މަސައްކަތް ކުރިއަށް ތިން އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، އެ މަޝްރޫއުގެ ދަށުން އެރަށުގައި ވެސް ގޮތްޕެއް ހުޅުވާނެ ކަމަށެވެ.