ސިނގިރޭޓް ވައްކަން: ދިގައްޔާއި އާއްޓެ އަށް ކުރަނީ ފަންޑުކުރި ކަމުގެ ތުހުމަތު!
ސިނގިރޭޓް ވައްކަން: ދިގައްޔާއި އާއްޓެ އަށް ކުރަނީ ފަންޑުކުރި ކަމުގެ ތުހުމަތު!

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ހައްޔަރުކުރި މަޝްހޫރު ދެ ވިޔަފާރިވެރިންނަށް އެ ވައްކަން ކުރުމަށް ފަންޑުކުރި ކަމުގެ ތުހުމަތުކޮށްފި އެވެ.

ސިނގިރޭޓް ވައްކަން: ދިގައްޔާއި އާއްޓެ އަށް ކުރަނީ ފަންޑުކުރި ކަމުގެ ތުހުމަތު!
ސިނގިރޭޓް ވައްކަން: ދިގައްޔާއި އާއްޓެ އަށް ކުރަނީ ފަންޑުކުރި ކަމުގެ ތުހުމަތު!

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެ އެވެ.

އުމުރުން 65 އަހަރުގެ ދިގަލީގެ ބަންދަށް 10 ދުވަސް އަދި އުމުރުން 61 އަހަރުގެ އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ އިއްޔެ ދީފަ އެވެ.

ބ. އޭދަފުއްޓަށް އުފަން ދިގަލީގެ ބަންދު އަމުރުގައިވާ ގޮތުން މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، އެމްޕީއެލްގެ ތެރޭގައި ހިފަހައްޓާފައި ހުރި ކޮންޓެއިނަރެއް ގިނަ ބައެއްގެ ބައިވެރިވުމާ އެކު، ރާވައިގެން ގަވާއިދާ ހިލާފަށް ވަގަށް ބޭރުކޮށްފައި ކަމަށް ތުހުމަތު ކުރެވެ އެވެ. އެކަން ރޭވުމާއި އެ އަމަލު ހިންގުމަށް ފަންޑުކުރި ކަމަށް ދިގައްޔާއި އާއްޓޭގެ މައްޗަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި އެބަ ހުރި ކަމަށް އަމުރުގައިވެ އެވެ.

އާއްޓޭ ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި، އަމުރުގައި ވަނީ ބޭސް ފަރުވާގެ ކަންކަމާ ގުޅިގެން ފާހަގަކުރި ކަންކަމަށް ކަސްޓޯޑިއަލްގައި ހުންނަ އުސޫލުގެ ތެރެއިން ހަމަޖެއްސުމަށް އައިއޯއަށް އަންގާފައިވާ ކަމަށެވެ.

ދިގަލި ހައްޔަރު ކޮށްގެން ފުރަތަމަ ގެންދިޔައީ ކަސްޓޯޑިއަލް ޖަލަކަށް ކަމަށް ވާތީ އޭނާގެ ހައްޔަރު އިޖުރާއަތު ގޯސްކަމަށް ދިފާއުން ފާހަގަކުރިޔަސް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ހައްޔަރުކުރީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.

އެ މައްސަލާގައި ދެން ހައްޔަރުކުރީ ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީ އެވެ. އޭގެ ތެރެއިން ޒިވާރުގެ ބަންދަށް 15 ދުވަސް އަދި މުއާޒުގެ ބަންދަށް ފަސް ދުވަސް ކޯޓުން އިއްޔެ ޖެހި އެވެ.

ސިނިގިރޭޓް ކޮންޓެއިނަރުތައް "ވަގަށް ބޭރު ކުރުމުގެ އޮަޕަރޭޝަން" ގައި ޒިވާރާއި މުއާޒުގެ ބައިވެރިވުން އޮތް ކަމާއި އަމަލީ ގޮތުން އެކަން ރާވާއި ހިންގުމުގައި އެ މީހުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކަމަަށް ބަންދު އަމުރުގައިވެ އެވެ.

މުއާޒަކީ ކަސްޓަމްސްގައި އޭނާ މަސައްކަތް ކުރި ދުވަސްވަރު ވެސް ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ މީހެކެވެ. އޭނާ ހުރީ ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ޖެނެރަލް މެނޭޖަރު އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގަ އެވެ.

އެކަމަކު ސިނގިރޭޓުގެ ވައްކަމާ އެކު އެމީހުން ހައްޔަރުކުރުމާ އެކު ކަސްޓަމްސް އިން ވަނީ ޒިވާރު އަދި މިފްކޯ އިން ވަނީ މުއާޒު ސަސްޕެންޑްކޮށްފަ އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި އެ މައްސަލާގައި 12 މީހުން ފުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވިޔަފާރި ބަނދަރުތައް ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރަން ފަށާފައިވާ ކަމަށާއި އެމްޕީއެލުން އިއްޔެ ބުނީ ސިނގިރޭޓްތައް ގެއްލުނު މައްސަލައާ ގުޅިގެން އެ ކުންފުނީގެ ހަ މީހަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ބޭރުކޮށްލީ އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި އޮތް ދޯންޏަކަށް އަރުވައިގެންނެވެ. ސީސީޓީވީ އަށް މަންޒަރު ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައި ވެ އެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓުތައް ނައްތާލުލައި އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރީ ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ތަހުގީގު އަދިވެސް ނުނިމޭތީ އެވެ. އެހެން އެ ތަކެތި ހުއްޓާ ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.

ވަގަށް ނެގި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.

ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.