ފައިނަލުގެ ފަހު ޖާގަ ކިރްގިސްތާނަށް
ފައިނަލުގެ ފަހު ޖާގަ ކިރްގިސްތާނަށް

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް ކުރި ހޯދުމަށް ފަހު ފައިނަލުގެ ފަހު ޖާގަ ކިރްގިސްތާނުން ހޯދައިފި އެވެ.

ފައިނަލުގެ ފަހު ޖާގަ ކިރްގިސްތާނަށް
ފައިނަލުގެ ފަހު ޖާގަ ކިރްގިސްތާނަށް

ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހު ކިރްގިސްތާން ނުކުންނާނީ ލީގު ބުރުގެ އެއް ވަނަ ހޯދި ތުރުކަމަނިސްތާނާ ދެކޮޅަށެވެ. ތުރުކަމަނިސްތާން ވަނީ ލީގު ބުރުގައި ފަހަތުން އަރައި 3-2 ސެޓުން ކިރްގިސްތާން ބަލިކޮށްފަ އެވެ.

ލީގު ބުރުގެ ފަހު މެޗުގައި އިއްޔެ ކިރްގިސްތާން ވަނީ ނޭޕާލްގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިފަ އެވެ. މިއީ މިއަދުގެ މެޗަށް ނުކުތްއިރު ކިރްގިސްތާނަށް އޮތް ހިތްހަމަ ޖެހުމެކެވެ.

އިއްޔެގެ މެޗާ ހިލާފަށް މި މެޗު ކިރްގިސްތާނުން ފެށީ އިތުބާރާ އެކު އެވެ. ނޭޕާލްގެ އެޓޭކްތައް ހުއްޓުވައި ކިރްގިސްތާނުން ދިޔައީ މެޗުގެ ކޮންޓްރޯލް ހޯދަމުންނެވެ. އެ ޓީމު ފުރަތަމަ ސެޓު ގެންދިޔައީ 25-16 އިންނެވެ.

ދެ ވަނަ ސެޓަށް ނޭޕާލުން ނުކުތީ ހުދު ޖާޒީގަ އެވެ. ފުރަތަމަ ސެޓާ ހިލާފަށް ދެ ވަނަ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމު ދާދި ހަމަހަމަކޮށްދިޔައިރު، ސެޓުގެ ކުރީކޮޅުގައި ނޭޕާލް ލީޑުގައި އޮތެވެ. އެހެން ނަމަވެސް ސެޓުގެ މެދުތެރެއިން 13-13 އިން އެއްވަރުކޮށް ކިރްގިސްތާން ލީޑު ހޯދި އެވެ. ނޭޕާލުން ފަހަތުން އަރައި 22-22 އިން އެއްވަރުކުރި ނަމަވެސް ކިރްގިސްތާނުން ވަނީ ފަހު ވަގުތު މޮޅު ކުޅުން ތަކުރާރުކޮށް 25-23 އިން ސެޓު ގެންގޮސްފަ އެވެ.

މި މެޗުގައި ވެސް ނޭޕާލުން އެންމެ މޮޅު ކުޅުމެއް ދެއްކީ އެ ޓީމުގެ އިސްކޮޅުން ދިގު ދެ ކުޅުންތެރިން ކަމަށްވާ ކަންޔެބެކް އޮންލޮބެކް އެވެ. މި މުބާރާތުގެ ފައިނަލުން ކިރްގިސްތާނަށް ޖާގަ ހޯދައިދިނުމުގައި އޭނާގެ ދައުރު ބޮޑެވެ.

ފުރަތަމަ ދެ ސެޓު ގެންދެވުމުން ކިރްގިސްތާން ތިން ވަނަ ސެޓަށް ނުކުތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. ސެޓުގެ ކުރީކޮޅުގައި ނޭޕާލުން ރަނގަޅަށް ކުޅުނު ނަމަވެސް މެދަކާ ހަމައިން އެ ޓީމުގެ ހިތްވަރު އެލުނެވެ. އޭގެ އެޑްވާންޓޭޖް ނަގައި ކިރްގިސްތާނުން ލީޑުފުޅާކުރި އެވެ. ކިރްގިސްތާނުން މި ސެޓުގެ ގިނަ ވަގުތުގައި ހަތަރު ޕޮއިންޓުން ކުރީގައި އޮތެވެ. އެ ޓީމުން ސެޓު ގެންދިޔައީ 25-20 އިންނެވެ.

ކިރްގިސްތާނަކީ އެންމެ ފަހުން ބަންގްލަދޭޝްގައި އޮތް އޭވީސީ މުބާރާތުގެ ދެ ވަނަ ޓީމެވެ. އެ ޓީމު އެ މުބާރާތުގެ ފައިނަލުން ބަލިވީ ބަންގްލަދޭޝް އަތުންނެވެ. ތުރުކުމަނިސްތާނާއި ކިރްގިސްތާން ކުޅޭ ސެންޓްރަލް ޒޯން މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު ހަތަރެއް ޖަހާއިރު އެވެ.