ރަޝިޔާގެ ތެޔޮ ނުގަންނާނެ ކަމަށް މޯދީ ވިދާޅުވެއްޖެ: ޓްރަމްޕު
ރަޝިޔާގެ ތެޔޮ ނުގަންނާނެ ކަމަށް މޯދީ ވިދާޅުވެއްޖެ: ޓްރަމްޕު

ރަޝިޔާގެ ތެޔޮ ގަތުން އިންޑިއާއިން ހުއްޓާލާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ތެޔޮ ގަތުމަކީ އެ ގައުމުން ޔުކްރެއިނާ ދެކޮޅަށް ދޭ ހަމަލާތަކަށް އެހީވުން ކަމަށް ބަލައި އެކަމުގެ އަދަބެއްގެ ގޮތުން އިންޑިއާގެ މުދަލަށް ބޮޑު ޓެރިފެއް އެެމެރިކާއިން ވަނީ މީގެ މަސްތަކެއް ކުރިން ކަނޑައަޅައިފަ އެވެ.

"މޯދީ ވަނީ ރަޝިޔާއިން ދެން އިތުރަށް ތެޔޮ ނުގަންނާނެ ކަމުގެ ޔަގީންކަން ދެއްވާފައި،" ޓްރަމްޕު ނޫސްވެރިންނަށް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ، އެއީ ކުއްލިއަކަށް ހުއްޓާލެވޭނެ ކަމެއް ނޫން. އެކަން ހުއްޓާލަން ފުރިހަމަކުރަންޖެހޭ ޕްރޮސެސްއެއް އޮވޭ. އެކަން ވަރަށް އަވަހަށް ފުރިހަމަވާނެ."

ޓްރަމްޕުގެ މި ވާހަކައާ ގުޅޭ ގޮތުން އިންޑިއާއިން އަދި ވާހަކައެއް ނުދައްކަ އެވެ.

މޯދީ މީގެ ކުރިން ވަނީ ރަޝިޔާ އަކީ ޒަމާންވީ އެކުވެރިއެއް ކަމަށް ވިދާޅުވެ، ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމަ ކުރިއަށް ދިޔަ ކަމުގައި ވިޔަސް ރަޝިޔާއިން ތެޔޮ ގަތުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ އެކަން ދިފާއުކުރައްވައިފަ އެވެ.

ނަމަވެސް މޯދީ ވަނީ އެމެރިކާގެ އާ ސަފީރު ސާޖިއޯ ގޯރް އާ ބައްދަލުކުރައްވައި، ގުޅުން ރަނގަޅު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އެ ބައްދަލުވުމަށް ފަހު ގޯރް ވިދާޅުވީ ޓްރަމްޕާއި މޯދީއާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައިވާ ކަމަށާއި ދެ ގައުމުގެ ގުޅުމަށް ދެ ލީޑަރުން ވެސް އަހަންމިއްޔަތުކަން ދެއްވާ ކަމަށެވެ.

ޓްރަމްޕު އެކި ގައުމުތަކުގެ މުދަލުން ޓެރިފް ބޮޑުކުރި އިރު އިންޑިއާގެ މުދަލަށް ނަގަން ނިންމެވީ 25 ޕަސެންޓެވެ. އެކަމަކު ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެންނަން ކުރާ މަސައްކަތުގެ ބައެއް ކަމަށް ބުނެ ޓްރަމްޕު ވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަނެ ރަޝިޔާއަށް އެހީވާ ކަމަށް ބުނެ އެކަމުގެ އަދަބަކަށް އިތުރު 25 ޕަސެންޓުގެ ޓެރިފެއް ކަނޑައަޅުއްވައިފަ އެވެ. އެހެންވެ، އިންޑިއާއިން އެމެރިކާއަށް މުދާ އެތެރެކުރާއިރު ގިނަ ބާވަތްތަކަށް މިހާރު 50 ޕަސެންޓް ޓެރިފް ދައްކަން ޖެހެ އެވެ.