16 އޮކްޓޯބަރ 2025 - 05:58

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ހަމާސް އިން އަމަލު ނުކުރާ ނަމަ ޣައްޒާގައި އަލުން ހަމަލާތައް ފަށަން ޖެހިދާނެ ކަމަށް ބުނެ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް އިންޒާރު ދީފި އެވެ.
އޭނާ މި އިންޒާރު ދީ ބަޔާނެއް ނެރުނީ އިޒްރޭލުގެ އަސީރުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ކަށިތައް ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު ދެ މީހެއްގެ ކަށިތައް އިޒްރޭލާ ހަވާލުކޮށް އިތުރު ހަށިތައް ޣައްޒާގެ ފުނޑުފުނޑު ވެފައިވާ އިމާރާތްތަކުގެ ތެރެއިން ހޯދައި ނަގަން އެކަމަށް ހާއްސަ އާލާތްތައް ބޭނުންވާނެ ކަމަށް ހަމާސް އިން ބުނުމާ އެކުގަ އެވެ.
އިޒްރޭލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމުގެ ދަށުން، ހަމާސް އިން އިޒްރޭލުގެ ދިރިތިބި 20 އަސީރުންނާއި މަރުވެފައިވާ 28 އަސީރެއްގެ ހަށިތައް ހަވާލުކުރަން ޖެހެ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ 2000 މީހަކު މިނިވަންކުރި އެވެ.
ހަމާސް އިން ބުދަ ދުވަހު ދެ މީހެއްގެ ކަށިތައް ހަވާލުކުރި އިރު، މަރުވި ކަމަށް ބެލެވޭ 28 އަސީރުންގެ ތެރެއިން ހަތް މީހެއްގެ ކަށިތައް ކުރިން ވަނީ ހަވާލުކޮށްފަ އެވެ. އިޒްރޭލުން ބުނި ގޮތުގައި މި ކަށިތަކާ އެކު، ރަހީނުން ނޫން އަށް މީހެއްގެ ކަށިތައް ވެސް ލިބިފައިވެ އެވެ.
"އެއްބަސްވުމުން ހަމާސް އިން އަމަލު ނުކުރާ ނަމަ އިޒްރޭލުން އެމެރިކާގެ އެހީތެރިކަމާ އެކު، ހަމާސް އެއްކޮށް ނައްތާލައި ޣައްޒާ ބަދަލުކުރުމުގެ ހަމަލާތައް ފަށާނަން،" ޑިފެންސް މިނިސްޓަރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ހަމާސްގެ ހަތިޔާރުއެޅި ގޮފިން ބުނީ އިއްޔެ އެންމެ ފަހުން ހަވާލުކުރި ދެ މީހެއްގެ ކަށިތަކުގެ އިތުރުން މި ވަގުތަށް ހަވާލުކުރެވޭނެ ކަށިތަކެއް ދެން ނެތް ކަމަށެވެ.
"މި ހަރަކާތުންވާނީ ދިރިތިބި ހުރިހާ އަސީރުން މިނިވަންކޮށް އަދި ހޯދެން ހުރި ކަށިތައް ހަވާލުކުރުމަށް އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި،" އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑްސް އިން ނެރުނު ބަޔާނުގައިވެ އެވެ.
"ބާކީ ހުރި ކަށިތައް ހޯދުމަށް ވަރަށް ބޮޑެތި މަސައްކަތްކުރަންޖެހޭ. އެ ހޯދައި ނަގަން ހާއްސަ އާލާތްތައް ބޭނުންވާނެ. މިކަން ފުރިހަމަކުރުމަށް މި ގެންދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން."
ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު އިޒްރޭލުން ދިން ނަމަވެސް އެމެރިކާގެ އެޑްވައިޒަރުން ވަނީ ހަމާސް އިން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމުގެ ނިޔަތާ އެކު މަސައްކަތްކުރާ ކަމަށް ބުނެފަ އެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ހަމާސް އިން އެއްބަސްވުމަށް އަމަލުކުރަން ބޭނުންވާ ކަމަށް. އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަކުރަން އެ މީހުން ބޭނުންވާކަން،" ނަން ހާމަ ނުކުރާ ގޮތަށް އޭއެފްޕީއާ ވާހަކަ ދެއްކެވި އެޑްވައިޒަރަކު ވިދާޅުވި އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި، ހަމާސް އިން ހަވާލުކުރާ އިޒްރޭލުގެ ކޮންމެ މީހެއްގެ ކަށިތަކުގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނު 15 މީހެއްގެ ކަށިތައް ހަވާލުކުރަންޖެހެ އެވެ. އިޒްރޭލުން މިހާތަނަށް ވަނީ 90 މީހެއްގެ ކަށިތައް ހަވާލުކޮށްފަ އެވެ.
ޣައްޒާގައި އަލުން ހަމަލާތައް ފަށާނެ ކަމަށް އިޒްރޭލުން އިންޒާރު ދޭއިރު މިހާރު ވެސް ޣައްޒާގެ ބައެއް ހިސާބުތަކުގައި އިޒްރޭލުން ހަމަލާދެ އެވެ. މިދިޔަ ދެ ދުވަހު ވެސް ހަމަލާތަކުގައި ބަޔަކު ޝަހީދުކޮށްލި އެވެ.