ރެޖިސްޓްރޭޝަން ފީ ނުދެއްކި ކަމަށް ބުނެ 70 ކިލޯ ޑްރަގްގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި
ރެޖިސްޓްރޭޝަން ފީ ނުދެއްކި ކަމަށް ބުނެ 70 ކިލޯ ޑްރަގްގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

މަސް ދޯންޏެއްގައި 72 ކިލޯގެ ޑްރަގު އެތެރެކުރި އިރުފާން ތަގިއްޔުގެ މައްސަލައިގެ ރަޖިސްޓްރޭޝަން ފީ ދައްކާފައި ނުވާ ކަމަށް ބުނެ ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.

ދައުލަތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރީ ސ. ހުޅުދޫ، ދޭލިޔާގޭ އިރުފާންގެ ތަގިއްޔުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުންނެވެ.

އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ، "މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް ޑްރަގް މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށެވެ. ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވާއިރު ދެން ދައުވާކުރީ އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީގެ މައްޗަށެވެ. މި ދެ މީހުންގެ މައްސަލަ ވެސް އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ތަގިއްޔުގެ ކުށްސާބިތުނުވާ ކަމަށް ކްރިިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރެޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވި ނިންމެވުމުގައި ވިދާޅުވީ އެ މައްސަލައިގެ ރެޖިސްޓްރޭޝަންފީ ދައްކަން އަންގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިމަހުގެ ފަސް ވަނަ ދުވަހު އީމެއިލެއް ކޮށްފައިވާނެ ކަމަށެވެ.

އެކަމަކު އީމެއިލްގެ ޒަރިއްޔާއިން އެންގި އެ އެންގުމުގައިވާ މުއްދަތުގެ ތެރޭގައި ފީދައްކާފައި ނުވާ ކަމަށާއި އެހެންވެ މައްސަލަ ބަލައިނުގަންނަން ނިންމީ ހައިކޯޓުގެ ގަވައިދުގެ 33 ވަަނަ މާއްދާގެ (ނ) އާ ހަވާލާދީ ކަމަށް ވެސް ރެޖިސްޓްރާގެ ނިންމެވުމުގައި ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ހައި ކޯޓުގެ އެ އީމެއިލް ނުލިބޭ ކަމަށެވެ.

އެފަދަ ލިޔުންތައް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހު ވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައިވީ ނަމަވެސް ޑްރަގު މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"...އެހެންކަމުން މި ނިންމުން މުރާޖައާކުރުމަށް މި އޮފީހުން ހުށަހަޅާނަމެވެ. އަދި މި ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖައާކުރައްވަންޖެހޭ ނިންމުމެއް ކަމަށް ދެކެމެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

ދޯނީގައި ޑްރަގް އެތެރެކުރިކުރަން ސާބިތުނުވާ ކަމަށް ބުނެ ތިން މީހުންނަށް ވެސް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީގައި ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު، އެ މައްސަލައިގައި ދެން ހިމެނުނު ހަތް މީހެއްގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އެއީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.