އަސީރެއްގެ ހަށިގަނޑުގެ މައްސަލައިގައި ރަފަހް ބޯޑަރު ނުހުޅުވި
އަސީރެއްގެ ހަށިގަނޑުގެ މައްސަލައިގައި ރަފަހް ބޯޑަރު ނުހުޅުވި

ޣައްޒާއަށް އެއްގަމު މަގުން އެހީގެ ސާމާނު ވެއްދޭ ގޮތަށް އޮންނަ ހަމައެކަނި ބޯޑަރު ކަމަށްވާ، މިސްރާ ގުޅުވައިދޭ ރަފަހް ބޯޑަރު މިއަދު އިޒްރޭލުން ހުޅުވާނެ ކަމަށް ބުންޏަސް ހަމާސް އިން ހަވާލުކުރި އަސީރުންގެ ހަށިތަކުގެ ތެރެއިން އެކަކީ މަރުވި އެއްވެސް އަސީރެއްގެ ކަށިތައް ނޫން ކަމަށް ބުނެ ބޯޑަރު ހުޅުވަން އިންކާރުކޮށްފި އެވެ.

ބޯޑަރު ހުޅުވާނެ ކަމަށް ބުނީ އިޒްރޭލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކަން އިން ނެވެ. އެކަމަކު އެހީގެ ޖަމާއަތްތަކުން ބުނީ އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށާއި އިޒްރޭލު ސަރުކާރުގެ ތަރުޖަމާނު އެކަމާ ގުޅޭ އެއްވެސް ސުވާލަކަށް ޖަވާބު ވެސް ނުދިން ކަމަށެވެ.

އދ.ގެ ހިއުމެނިޓޭރިއަން ސެކްރެޓަރީ ޓޮމް ފްލެޗާ ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިސްނެންގެވުމަށް ހަނގުރާމަ ހުއްޓާލި އެއްބަސްވުމާ އެއްގޮތަށް ފަލަސްތީނަށް އެހީ ފޯރުކޮށްނުދެވޭ ކަމަށެވެ. އަދި އެކަމާ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ހަމާސް އިން އެއްބަސްވެފައިވާ ފަދައިން، މަރުވެފައިވާ މީހުންގެ ހަށިތައް ވަގުތުން ހަވާލުކުރަން އެ ޖަމާއަތުން މަސައްކަތް ކުރަން ޖެހޭ. އަދި ޣައްޒާގައި އާންމުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކާ މެދު ވެސް ވަރަށް ކަންބޮޑުވޭ،" ފްލެޗާ ވިދާޅުވި އެވެ.

"އިޒްރޭލުން އެއްބަސްވެފައިވާ ގޮތަށް، އެތައް ބައެއްގެ ފުރާނައަށް އެކަމަކާ ގުޅިފައިވާ އަދި މުޅި ދުނިޔެ ޑިމާންޑް ކުރަމުން އަންނަ، ކޮންމެ ހަފްތާއަކު އެތައް ހާސް ޓްރަކެއްގެ އެހީ އެތެރެ ކުރުމުގެ ހުއްދަ ދޭން ޖެހޭ. އިތުރު އެންޓްރީ ޕޮއިންޓްތައް ހުޅުވަން އެބަޖެހޭ.

އިޒްރޭލުގެ ދިރިތިބި 10 އަސީރުން ހަމާސް އިން މިނިވަންކުރުމަށް ފަހު، އަސީރުންގެ ތެރެއިން މަރުވި މީހުންގެ ހަށިތައް ވެސް ހަވާލުކުރަން ޖެހެ އެވެ. ބަންދު މީހުން މިނިވަންކުރުމުގެ ގޮތުން ހަމާސް އިން 20 މީހަކު އިޒްރޭލާ ހަވާލުވުކުމާ އެކު އިޒްރޭލުން ފަލަސްތީނުގެ ދެ ހާހެއްހާ މީހުން މިނިވަންކުރި އެވެ. އަދި އޭގެ ފަހުން އިއްޔެ އާއި މިއަދު ހަމާސް އިން ވަނީ އަށް މީހެއްގެ ހަށިގަނޑު އިޒްރޭލާ ހަވާލުކޮށްފަ އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ 45 މީހެއްގެ ހަށިގަނޑު ހަވާލުކުރި އެވެ.

އެކަމަކު އިޒްރޭލުން ބުނީ ހަމާސް އިން ހަވާލުކުރި އަށް މީހުންގެ ތެރެއިން އެކެއްގެ ކަށިތަކަކީ އަސީރުންގެ ތެރެއިން އެއްވެސް މީހަކާ ދިމާވާ ކަށިތަކެއް ނޫން ކަމަށެވެ.

އިޒްރޭލުގެ ސިޔާސީ މީހުން ގެންދަނީ މިއީ ހަމާސް އިން އެއްބަސްވުމާ ހިލާފުވުން ކަމަށް ބުނެ، ރަފަހް ބޯޑަރު ނުހުޅުވާ ބެހެއްޓުމަށާއި އެހީއަށް ހުރަސްއެޅުމަށް ގޮވާލަމުންނެވެ.