29 މާޗް 2017 - 08:11

މީގެ ދެ އަހަރު ކުރިން މަސައްކަތް ފެށުމަށް ފަހު، މާލީ މައްސަލަތަކަކާ ހެދިހުއްޓާލި ފިލްމެއްގެ މައްސަލައެއްގައި މަޝްހޫރު އެކްޓަރު ބުރޫސް ވިލިސް ކުރި ދައުވާއެއްގެ އާބިޓްރޭޝަން މަރުހަލާގައި ކާމިޔާބުކޮށް، އޭނާ އަށް 5.9 މިލިއަން ޑޮލަރު ދޭން ލޮސް އެންޖަލިސްގެ ސްޕީރިއާ ކޯޓުން ހުކުމްކޮށްފި އެވެ.

މާޖިން ކޯލް (2011) އާއި ލޯލެސް (2012) ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޕްރޮޑިއުސަރު މައިކަލް ބެނޮރޯޔާގެ ކުންފުނި ބެނޮރޯޔާ ޕިކްޗާސްއާ ދެކޮޅަށް ވިލިސް ކުރި ދައުވާގައި ބުނީ އޭނާ ސޮއި ކުރި ސައިކޮލޮޖިކަލް ތުރިލާ "ވޭކް" ގެ މަސައްކަތް ފެށުމަށް ފަހު، ވަކި ހިސާބަކުން ފިލްމް ހުއްޓާލުމުން ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ.
ފަންސަވީސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދަން ފެށި ފިލްމަށް އޭނާ ސޮއިކުރީ ހަތް މިލިއަން ޑޮލަރުގެ އިތުރުން ފިލްމް ރިލީޒްކޮށްގެން ލިބޭ އާމްދަނީން 10 ޕަސަންޓް ފައިދާ ހިއްސާ ވެސް ކުރާ ގޮތަށެވެ.
ފިލްމުގެ މަސައްކަތް ފެށި އިރު، "ޑައި ހާޑް" ގެ ބަތަލަށް ދީފައި ވަނީ ތިން މިލިއަން ޑޮލަރެވެ.
އެހެން ނަމަވެސް އެންމެ ފަހުން ފިލްމް ނަހަދަން ނިންމައި، މުޅި ޕްރޮޖެކްޓް ހުއްޓާލުމުން މާލީ ގޮތުންނާއި އެ ފިލްމަށް ހުސްކުރި ވަގުތާއި އެއަށްވި ތައްޔާރީތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވިލިސް، 62، ދައުވާ ކުރަން ނިންމީ އެވެ.
ފެބްރުއަރީ 16، 2015 ގައި ޝޫޓިން ފެށި، "ވޭކް" ގެ ރޯލަކަށް ވިލިސް ވަނީ މަޝްހޫރު އެކްޓަރު ބެން ކިންގްސްލީ ވެސް އެއްބަސް ކުރުވައިފަ އެވެ. އެހެންވެ އެއީ ވެސް އޭނާ އަށް ލިބުނު ގެއްލުމެއް ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
އޭނާ ބުނީ ދައުވާ ކުރަން ނިންމީ އެގްރިމަންޓާ ބެނޮރޯޔާ ޕިކްޗާސް އިން ހިލާފުވުމުން ކަމަށާއި އެއީ ވަރަށް އަންޕްރޮފެޝަލްކޮށް ކޮށްފައިވާ ކަމަށެވެ.
"ވޭކް" ގެ މަސައްކަތް ހުއްޓާލި އިރު، އޭގެ ކުރޫ އަށް ވެސް ދޭން ޖެހޭ ފައިސާ ނުދީގެން އެ މީހުން ވަނީ ޑިރެކްޓާސް ގިލްޑް އޮފް އެމެރިކާ (ޑީޖީއޭ) އަށް މައްސަލަ ހުށަހަޅައިފަ އެވެ.
ފިލްމް ހުއްޓާލަން ނިންމި އެއް ސަބަބަކީ ވެސް އެ މީހުންނަށް އާމްދަނީ ނުދެވުމެވެ.
"ޕަލްޕް ފިކްޝަން" އާއި "ދަ ސިކްސްތު ސެންސް" ފަދަ ފިލްމްތައް ކުޅެފައިވާ ވިލިސް ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި އަހަރު ރިލީޒް ކުރާ "ޑެތު ވިޝް" އިންނެވެ.
އެހެން ނަމަވެސް އެ ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ޑެތު ވިޝް" އަކީ ހަމަ އެ ނަމުގައި 1974 ގައި ރިލީޒް ކުރި ފިލްމެއްގެ ރިމެކިންއެކެވެ.