15 އޮކްޓޯބަރ 2025 - 21:48

ސަންވިލް ނަމަކަށް ކިޔާ ކުންފުންޏަކަށް އައްޑޫ މީދޫން ގާނޫނާ ހިލާފަށް ބޮޑު ބިމެެއް ދޫކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން ކުރެއްވި ތުހުމަތު އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ދޮގުކުރައްވައިފި އެވެ.
އައްޑޫ ސިޓީކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ މީދު އާއި އައްޑޫގެ އެހެން އަވަށްތަކުން ޓޫރިޒަމަށް ދޫކުރި ބިންތަކުގެ ވެސް ޑިޒައިން ބަދަލުކޮށްފައި ވާނެ ކަމަށާއި އެއީ ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކަށް ހުށަހަޅައި ފާސްކޮށްގެން ކަމަށެވެ.
"ހަގީގަތަކީ ކައުންސިލުން، މީދޫ ބިމެއް ނޫން ހުރިހާ ބިމަކަށް ވެސް، ފޭދުގައި ވެސް އަދި ހިތަދޫގައި ހުރި ޓޫރިޒަމް ޒޯނު ބިންތަކަށް ވެސް ހަމަ ބޮޑެތި ބަަދަލުތައް އަޅުގަނޑުމެން ގެންނަން. ހަމަ ބިންތައް ގެސްޓް ހައުސްތަކަށް އިތުރުކޮށްދެން، ގެސްޓްހައުސް އަޅަމުން އަންނަ ފަރާތްކަށް ކައިރީގައި ހުންނަ ބިންތައް ވެސް އިތުރުކޮށްދެން،" ނިޒާރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން މަޖިލީހުގެ ލާމަޒުކަޒީ ކޮމިޓީއަށް ހުށަހެޅުއްްވި މައްސަލައިގައި ތުހުމަތުކުރެއްވީ ސަންވިލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އައްޑޫ މީދޫގެ ޓޫރިޒަމް ޒޯނުން 17،000 އަކަފޫޓުގެ ބިމެއް ދޫކުރީ އާއްމުކޮށް އިއުލާނުކުރުމެއް ނެތި ކަމަށެވެ.
އެ ކުންފުންޏާ ހަވާލުކުރީ ހަމަ އެ ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތު އޮންނަ އެެހެން ދެ ކުންފުންޏެއް ހިމެނޭހެން ތިން ކުންފުންޏަކަށް ދޫކޮށްފައިވާ ތިން ސްލޮޓެއް އެެއްކޮށްލައި އެއް ބިމެއްގެ ގޮތުގައި ކަމަށް ވެސް ކޮމިޓީއަަށް ހުށަހެޅުއްވި މައްސަލައިގައި އަބްދުއްރަހުމާނު ތުުހުމަތުކުރެއްވި އެވެ.
އަބްދުއްރަހުމާނު ތުހުމަތުކުރެއްވި ގޮތުގައި އާއްމުކޮށް ހުޅުވާނުލައި ސަން ވިލް އަށް 17،000 އަކަފޫޓުގެ ބިމެއް ދޭން ސިޓީކައުންސިލުން އެއްބަސްވުން ހެދުމަށް ފަހު އެ ކުންފުންޏާ ހަވާލުކުރީ އަދި އެއަށް ވުރެ ވެސް ބޮޑު ބިމެކެވެ.
ނިޒާރު ވިދާޅުވީ އެ ބިންތައް ޑިޒައިންކުރީ ކައުންސިލުން ކަމަށާއި ކައުންސިލުން އެ ބިންތަކަށް ބަަދަލު ވެސް ގެނެވޭނެ ކަމަށެވެ.
"އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން، އެކަން ކުރާނީ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ނޫން، އަޅުގަނޑުމެން ދެއްތޯ އެތަންތަން ޑިޒައިންކޮށްފައި ޓޫރިޒަމަށް ޑިވެލޮޕްކުރަން ނިންމީ ކައުންސިލުން. އެހެންވީމާ ކައުންސިލުން އެތަންތަން އިތުރަށް ބަދަލުކުރަން ވެސް ނިންމޭނެ، އެއީ ކައުންސިލަށް ލިބޭ އިހުތިޔާރެއް،" ނިޒާރު ވިދާޅުވި އެވެ.
މެންބަރު އަބްދުއްރަހުމާނުގެ ތުހުމަތު އަމާޒުކުރެއްވި ބިމަކީ ސަންވިލް އަށް ދޫކޮށްފައި އޮތް ތިން ބިމެއް އެއްކޮށްލައި، ބޮޑުކޮށް ޑިވެލޮޕްކުރާ ގޮތަށް ބަދަލުކޮށްފައިވާ ބިމެއް ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
"ބޮޑުކޮށް، ބޮޑު ޑިވެލޮޕްމެންޓެއް އެތަނަށް ގެންނަން ބޭނުންވޭ، އޭގައި ކޮންމެހެން ލާޒިމެއް ނުކުރޭ ކޮންމެ ސްލޮޓެއްގައި 5،000 ނޫނީ 3،000 އަކަފޫޓު ހުންނާކަށް. އެއްކޮށްފައި މުޅި ސަރަހައްދު އެއްކޮށް ޑިވެލޮޕްކުރަން ވެސް ކައުންސިލަށް އިހުތިޔާރު ލިބިގެންވޭ،" ނިޒާރު ވިދާޅުވި އެވެ.
ބޮޑުކޮށް ބިން ދޫކުރީ އެ އިހުތިޔާރުގެ ތެރެއިން ކައުންސިލުން އެއްބަސްވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަންވިލް ނަމަކަށް ކިޔާ ކުންފުންޏަކަށް ބޮޑު ބިމެއް ދޫކުރި އިރު އެ ކުންފުންޏަކީ އައްޑޫ ސިޓީކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިމާދު ސޯލިހުގެ އާއިލީ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށް ވެސް ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަައިގައި ވެ އެވެ.
އެ ވާހަކައަށް ރައްދު ދެއްވައި ނިޒާރު ވިދާޅުވީ އޭނާގެ ތިމާގެ މީހުންނަކީ ހިތަދުއަށް އުފަން އައްޑޫ މީހުން ކަމަށާއި އެހެންކަމުން އެ މީހުންގެ ބިންތަކާއި ތަންތަން ވެސް ހުންނާނެ ކަމަށެވެ.
"އެހެން މީހުންނަށް ވެސް އޮންނަ އުސޫލުން އެވެރިންނަށް ވެސް ދޭން ޖެހޭ އުސޫލުން އިނާޔަތްތަކާ ކަންކަން ދީގެން ކަންކަން ނިންމައިދޭނެ. އެއީ އެކަން ހިނގާނެ ގޮތް. އެކަމަކު އެއީ ވެސް ގަވާއިދާ ގާނޫނުގެ ތެރެއިން ހިނގާ ކަންތައްތައް، މިތަނުން [ސިޓީ ކައުންސިލުން] ނިންމައިގެން ހިނގާ ކަންތައްތައް،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިން ދޫކުރުމުގެ ކަންތަކުގައި މެންބަރު ހިތްހަމަނުޖެހުން އެއީ ކައުންސިލުގެ މައްސަލައެއް ނޫނެވެ. ކައުންސިލަރުންނަކީ މެންބަރު ހިތްހަމަ ޖެހޭ ގޮތަށް ކަންކަން ކުރައްވަން ތިއްބެވި ބައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ބިންދޫކޮށްގެން މެމްބަރު ހިތްހަމަޖެހިވަޑައިނުގަތުމަކީ އެކަމުގައި ކޮރަޕްޝަން އެކުލެވިގެންވުން ނޫން ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.