15 އޮކްޓޯބަރ 2025 - 20:23

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ގަޔަށް ސްރީ ލަންކާގެ ކޯޓެއްގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު ބަޑިޖަހައި މަރާލި މައްސަލައިގައި ހިމެނޭ، އެ ގައުމުގެ "މޯސްޓް ވޯންޓެޑް" އަންހެން މީހާ ފިލައިގެން ގޮސް ނޭޕާލުގައި އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
އިޝަރަ ސެއްވަންދީ، 25، ގެ މައްޗަށް ތުހުމަތުކުރަނީ ގާނޫނީ ވަކީލެއްގެ ގޮތަށް ހެދުން އަޅައިގެން، ލަންކާގެ ޖިނާއީ އިޖުރާއަތު ފޮތެއްގެ ތެރޭ ބާގަނޑެއް ހަދައި އޭގެ ތެރޭގައި ފޮރުވައިގެން ކޯޓު ތެރެއަށް ފިސްތޯލަ ވެއްދި ކަމަށެވެ. ގޭންގު ލީޑަރެއް ކަމަށްވާ ގަނޭމުއްލާ ސަންޖީވާ ކޯޓަށް ހާޒިރުކޮށްފައި ހުއްޓާ އޭނާއަށް އެ ފިސްތޯލައިން ހަމަލާދީ މަރާލީ ވެސް ވަކީލެއްގެ ގޮތަށް ހެދުން އަޅައިގެން ހުރި މީހެކެވެ. އެ ފިރިހެން މީހާ ވަނީ ހަމަލާއަށް މާ ގިނައިރު ތަކެއް ނުވެ ހައްޔަރުކޮށްފަ އެވެ.
ލަންކާ ފުލުހުންގެ ތަރުޖަމާނު އެފް. ޔޫ. ވޫޓްލާ ވިދާޅުވީ ސެއްވަންދީ އާއި އިތުރު ފަސް މީހަކު މި ހަފްތާގައި ނޭޕާލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
"އެ މީހުން ތިބި ތަނެއް ހޯދުމުގައި އިންޓަޕޮލްގެ އެހީ އާއި އައިޓީ އިންޓެލިޖެންސް އަދި ނޭޕާލް ފުލުހުންގެ އޮޕަރޭޝަނަލް އެހީ ވަނީ ލިބިފައި،" ވޫޓްލާ އޭއެފްޕީއަށް ވިދާޅުވި އެވެ.
ސެއްވަންދީ ހައްޔަރުކުރެވޭނެ މައުލޫމާތެއް ދިން މީހަކަށް 1.2 މިލިއަން ރުޕީސް (4،000 ޑޮލަރު) ހުށަހަޅާފައިވެ އެވެ.
ފުލުހުން ބުނީ ސެއްވަންދީ ފިލައިގެން ފުރަަތަމަ ދިޔައީ ކަނޑު ބޯޓެއްގައި އިންޑިއާއަށް ކަމަށެވެ. ނޭޕާލަށް ދިޔައީ އޭގެ ފަހުން ކަމަށް ބުންޏެވެ.
ސެއްވަންދީ ހައްޔަރުކުރީ އެހެން އަންހެނަކާއި ހަތަރު ފިރިހެނުންނާ އެކުގަ އެވެ. އެ އެންމެންނަކީ ވެސް މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުން ކަމަށް ތުހުމަތުކުރެވެ އެވެ.
"ހަ މީހުން ހައްޔަރުކޮށްފައިވަނީ ހަތަރު ދުވަހުގެ އޮޕަރޭޝަނެއްގައި،" ނޭޕާލް ފުލުހުންގެ ތަރުޖަމާނު ބިނޯދު ޖިމިރޭ އޭއެފްޕީއަށް ވިދާޅުވި އެވެ. "އެ އޮޕަރޭޝަން ހިންގީ ލަންކާ ފުލުހުންނާ ވަރަށް ގާތުން މަސައްކަތްކޮށްގެން."
ކޯޓުގައި ބަޑިޖަހައި މީހަކު މަރާލި ހަމަލާ ރޭވިކަމުގެ ތުހުމަތުކުރެވޭ މީހާ މިދިޔަ ޖޫން މަހު ވަނީ އިންޑޮނީޝިއާއިން ހައްޔަރުކޮށް ލަންކާއަށް ފޮނުވާލައިފަ އެވެ.
ވޫޓްލާ ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަންކަމުގައި މީހުން މެރުމުގެ ތުހުމަތުވާ، ސްރީ ލަންކާގެ އިތުރު 22 މީހަކު އެހެން ގައުމުތަކުގައި އުޅޭ ކަމަށް ބެލެވޭ ކަމަށާއި އެ މީހުން ހޯދަން އިންޓަޕޮލްއާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. -- އޭއެފްޕީ