ސިނގިރެޓް ވައްކަން: ޒިވާރު ސަސްޕެންޑްކޮށްފި
ސިނގިރެޓް ވައްކަން: ޒިވާރު ސަސްޕެންޑްކޮށްފި

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލް މިއަދު ސަސްޕެންޑުކޮށްފި އެވެ.

ކަސްޓަމްސް އިން މިރޭ ބުނީ ސިނގިރެޓްތައް ގެއްލުނު މައްސަލާގައި ތަހުގީގަށް ފާހަގަވާ ކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ކަސްޓަމްސް އިން ޒިވާރު ސަސްޕެންޑްކުރި އިރު 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ވަގަށް ބޭރުކުރުމުގެ އޮޕަރޭޝަން ރާވައި ހިންގުމުގެ ތުހުމަތުގައި އޭނާ ވަނީ ރޭ ހައްޔަރުކޮށް، ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފަ އެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގައި ދެން ހައްޔަރުކުރީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި މިފްކޯގެ އިސް މަމާގެއްގައި ހުރި މުއާޒް އަލީ އެވެ.

ސިނގިރޭޓުތައް ގެއްލުނު މައްސަލައިގެ ތަހުގީގާ ގުޅިގެން އެމްޕީއެލްގެ މުވައްޒަފުންތަކެއް އަދި ހައްޔަރު ނުކުރި ނަމަވެސް އެ ކުންފުނިން މިއަދު ބުނިގޮތުގައި މިހާތަނަށް ހަ މީހަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ފުލުހުން ރޭ ބުނީ، މި ތަހުގީގުގެ ބޭނުމަށް 12 މީހަކު ވަނީ ރާއްޖެ އިން ފުރުން މަނާކޮށްފައި ކަމަށެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓުތައް ނައްތާނުލައި އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރީ ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ތަހުގީގު ނުނިމޭތީ އެވެ.

އެ ތަކެތި ބަނދަރުގައި ހުއްޓާ ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.

ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.