ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ފުލުހުން ރޭ ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން މިފްކޯގެ އިސް މަގާމެއްގައި ހުރި މުއާޒް އަލީ އެ މަގާމުން މިއަދު ސަސްޕެންޑުކޮށްފި އެވެ.

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން މުއާޒު މިއަދުން ފެށިގެން ސަސްޕެންޑު ކުރިއިރު 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ވަގަށް ބޭރުކުރުމުގެ "ވައްކަމުގެ" އޮޕަރޭޝަން ރާވައި ހިންގުމުގެ ތުހުމަތުގައި އޭނާ ވަނީ ރޭ ހައްޔަރުކޮށް، ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް ޖަހައިފަ އެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓެއްގެ މަގާމުގައި ހުރެގެން، ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި މުއާޒުގެ މައްޗަށް ދައުވާ ކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ހަފުތާގައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވައިފަ އެވެ.

މިފްކޯ އިން މިއަދު ބުނީ، މުއާޒުގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަން ފަށާފައިވާއިރު، އެ ކަންކަން އިދާރީ ގޮތުން ވެސް އެ ކުންފުނިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެހެންވެ، މިފްކޯގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގެ ދަށުން 30 ދުވަހުގެ މުއްދަތަށް މުއާޒު ވަޒީފާ އިން ސަސްޕެންޑު ކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ވެ އެވެ.

"މި ނިންމެވުމާ ގުޅިގެން ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ކުރެއްވުމުގެ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައި އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރު މުއްމަދު ޝަމީމާ ވަނީ ހަވާލު ކުރައްވާފައި. އަދި އިންޖިނިއަރިން ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއަރު އުބައިދުﷲ ހުސައިންއާ ވަނީ ހަވާލު ކުރައްވާފައި،" މިފްކޯގެ ބަޔާނުގައި ވެ އެވެ.

ދައުލަތުގެ މަސް ކުންފުނިން ބުނީ، އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ބަހައްޓާފައިވާ ސިނގިރޭޓް ކޮންޓެއިނާތައް ގެއްލިގެން އުޅޭ މައްސަލައާ އެ ކުންފުންޏާ ގުޅުމެއް ނެތަސް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުން ހުރި މައްސަލަތައް މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ ކަމަށެވެ.

"މިގޮތުން ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި އާ ރޫހެއްގައި ކުރަމުންދާ މަސައްކަތްތަކާ އެކު އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުން ރައްޔިތުންނަށް ދެއްވާ. އަދި ރާއްޖޭގެ ގާނޫނުތަކާއި ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާއި ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ވެސް އަޅަމުންދާނެ ވާހަކަ ދަންނަވަން،" މިފްކޯގެ ބަޔާނުގައި ބުންޏެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގައި ދެން ހައްޔަރުކުރީ މުއާޒުގެ އިތުރުން މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްގެ މިހާރުގެ ވެސް އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ. ޒިވާރަކީ ހުޅުމާލެ ޕޯޓުގެ އިސް މުވައްޒަފެވެ.

މި ހަތަރު މީހުންނަށް ވެސް ކުރަނީ ސިނގިރޭޓް ވައްކަމުގެ އޮޕަރޭޝަން ރާވައި ހިންގުމުގެ ތުހުމަތެވެ.

- އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ބ. އޭދަފުށި (ބަންދުކުރީ 10 ދުވަހަށް)

- ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) މ. އެވާގްލޯރީ (ބަންދުކުރީ 15 ދުވަހަށް)

- ޒިވާރު އިސްމާއިލް، މެދުރީގެ، ހދ. ވައިކަރަދޫ (ބަންދުކުރީ 15 ދުވަހަށް)

- މުއާޒް އަލީ، ހ. ނިއުހެޕިނަސް (ބަންދުކުރީ ފަސް ދުވަހަށް)

ސިނގިރޭޓުތައް ގެއްލުނު މައްސަލައިގެ ތަހުގީގާ ގުޅިގެން އެމްޕީއެލްގެ މުވައްޒަފުންތަކެއް އަދި ހައްޔަރު ނުކުރި ނަމަވެސް އެ ކުންފުނިން މިއަދު ބުނިގޮތުގައި މިހާތަނަށް ހަ މީހަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ފުލުހުން ރޭ ބުނީ، މި ތަހުގީގުގެ ބޭނުމަށް 12 މީހަކު ވަނީ ރާއްޖެ އިން ފުރުން މަނާކޮށްފައި ކަމަށެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓުތައް ނައްތާލުލައި އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރީ ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ތަހުގީގު އަދިވެސް ނުނިމޭތީ އެވެ. އެ ތަކެތި ބަނދަރުގައި ހުއްޓާ ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.

ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.