15 އޮކްޓޯބަރ 2025 - 21:40

ގައުމީ ޖިހާދަށް ނުކުންނެވުމަށް ކަޅުއޮށްފުންމި ތައްޔާރުކޮށް، އެ އޮޑީގެ ރިޔާ ހަދައިދޭން ބޮޑުތަކުރުފާނު އެދިވަޑައިގަތީ ށ. މަރޮށީ ރައިވެރިބޭގެ ކިބައިންނެވެ. ބުނެވޭ ގޮތުގައި، މަރޮށީގައި މިހާރު ފެންނަން ހުރި ބިޔަ ކާނިގަހަކީ ރައިވެރިބޭ ރިޔާ ތައްޔާރުކޮށްދިނުމުން އެ ރިޔާ ބޭއްވުމަށްޓަކައި ބޮޑުތަކުރުފާނު ޖެއްސެވި ތިން ކަޑައިގެ ތެރެއިން އެއް ކަޑައިން ހެދުނު ގަހެކެވެ.

އަނެއް ކަމަކީ އެ ރަށުގެ އިރުމަތިފަރާތުން އޮތް ކުޅިން، މައިކަނޑަށް ނުކުމެވޭ ގޮތަށް ހެދިފައި އޮތް ނެރެވެ. ކަޅުއޮށްފުންމި ވަދެ ނުކުމެ ހެދުމަށްޓަކައި ކެނޑި ނެރެއް ކަމަށް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެފައިވެ އެވެ. ދުޝްމަނުންނަށް ފިލުމަށް ކަޅުއޮށްފުންމި ވަދެ އޮންނަނީ އެ ރަށު ކުޅީގަ އެވެ. ބޮޑުތަކުރުފާނުގެ ޖިހާދުގައި މަރޮށީ ރައްޔިތުންގެ އެހީތެރިކަމާއި ހިއްސާ ބޮޑެވެ.

އެހެން ނަމަވެސް މަރޮށީ ރައްޔިތުންގެ ކަންބޮޑުވުމެއް އޮވެ އެވެ. އެއީ، ބޮޑުތަކުރުފާނުގެ ޖިހާދުގެ ވާހަކަ ދައްކާއިރު މި ރަށުގެ ވާހަކަ ނުދެއްކުމެވެ.
ށ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަރޮއްޓަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެކަކު ވަނީ އެ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އޭނާ ބުނީ ބޮޑުތަކުރުފާނުގެ ވާހަކައިގެ ހިއްސާއަކަށް ވާއިރު، ސަރުކާރުތަކުން ވެސް އެ ރަށަށް އެއްވެސް ހާއްސަ ކަމެއް ނުދޭ ކަމަށެވެ.
"މޕޯޗުގީޒުން އަރައި، ބޮޑުތަކުރުފާނު ރާއްޖެ މިނިވަން ކުރުމަށް ކުރި ޖިހާދުގައި ވަރަށް މުހިންމު މަސައްކަތެއް މި ރަށުގައި ކުރި. އޭރު އެ މަސައްކަތުގެ އެންމެ ބޮޑު އޮޕަރޭޝަން ސެންޓަރު މިއީ. ނަމަވެސް ސަރުކާރުން ވެސް އަދި އެހެން ބައެއް ފަރާތްތައް [ތާރީހު ދިސާރާ ކުރާ މީހުން] ވެސް އެކަން ފާހަގަ ކޮށްފައެއް ނެތް. ކޮންމެވެސް އެހެން ދެ ރަށެއްގެ ހިޔަނި އެޅިފައި މި އިންނަނީ މި ރަށަށް. އަޅުގަނޑުމެން ރަށުން ކުރި މަސައްކަތް އެއްވެސް ވަރަކަށް ފާހަގަ ކޮށްފައެއް ނުވޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ މަރޮށީގެ ރައިވެރިބެއަކީ އެ ޖިހާދުގައި ބައިވެރިވެ، މި ސަރަހައްދު ކަނޑުގެ އާޖުފާޖު ބަލައިދިން މީހާ ކަމަށާއި ބައެއް ދަތުރުތަކުގައި ބައިވެރިވެ ކާއެއްޗެހި ވެސް ފޯރުކޮށްދިން ކަމަށެވެ.
އަދި ބޮޑުތަކުރުފާނު ކުރި ބައެއް ކޮމާންޑުތައް ކައިރި ރަށްރަށަށް ގެންގޮސްދީފައި ހުރި ކަމަށާއި އެއީ ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއް ނެތް ޒަމާނެއްގައި އެ ރަށުން ބަޔަކު ނުކުމެ ބައިވެރިވެ އެހީވި ނަމަވެސް އެކަން ފާހަގަވާނެ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ.
މި ރަށަކީ ތާރީހީ ގޮތުން އެ ކަންތައް ރަމްޒުކޮށްދޭ ރަށަކަށް ވުމުން އޭނާ ވަނީ ރާއްޖޭގެ އުތުރުގެ ފުލުހުންގެ މެރިން އޮޕަރޭޝަން ސެންޓަރު އެ ރަށުގައި ގާއިމުކުރުމަށް ރައީސް އަރިހުން އެދިވަޑައިގެންފަ އެވެ. އަދި އެ ސެންޓަރު މެދުވެރިކޮށް އެ ސަރަހައްދުގެ މަސްވެރިންނަށާއި އެހެން މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމަށް އެހީތެރިވުމަށް ވެސް އޭނާ އެދުނެވެ.
ކަނޑުމަތީ ހާދިސާއެއް ދިމާވުމުން އޮޕަރޭޓްކުރާނެ އުޅަނދުތަކާއި މީހުން ރާއްޖޭގެ އުތުރުގައި އަދި ގާއިމުކުރެވިފައިނުވާތީ އެ ސެންޓަރު ގާއިމުކުރުމަށް ކައުންސިލުން ހަރަދުކުރަން ތައްޔާރަށް އޮތް ކަން ވެސް އޭނާ ފާހަގަ ކުރި އެވެ.
އޭނާގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ އެ ރަށުގެ ރައްޔިތުން ކުރި ޖިހާދު ރަމްޒުކޮށްދޭ ސެންޓަރެއް ގާއިމުކޮށް، ރައްޔިތުން އެދޭ ކަންކަން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
"ތާރީހީ ގޮތުން މި ރަށުގައި އަޅުގަނޑުމެން ހަގީގަތުގައި ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ހިމާޔަތްކުރުމުގެ ގޮތުން. އެކަމާ ބެހޭ މިނިސްޓްރީގައި އަޅުގަނޑުމެން ތިކަމުގައި ކުރަން ހުރި ކަންތައްތައް ދަންނަވާނަން. އަދި ރަނގަޅު ކަންތައްތަކެއް އެކަމާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް އަޅުގަނޑު ދަންނަވާނަން. ތާރީހީ ގޮތުން މުހިންމު ހިއްސާއެއް މި ރަށުގެ ރައްޔިތުންގެ އެބައޮތް،" ރައީސް ވިދާޅުވި އެވެ.
މަރޮށީގެ ބިން ހިއްކުމުގެ މަޝްރުއުއަކީ ރައީސް އެ ރަށަށް ވެވަޑައިގަތް ވައުދެކެވެ. އެ މަސައްކަތުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.