ކެންސަރުން ސަލާމަތްވާން ސުވޭ ދެއްކި ހިތްވަރު
ކެންސަރުން ސަލާމަތްވާން ސުވޭ ދެއްކި ހިތްވަރު

އަދި ވެސް ރޮވެ އެވެ. އުރަމަތީގެ ކެންސަރުގައި އާމިނަތު ސުވެއިދާ (ސުވޭ) އުޅުނު ހާލު ހިތަށް އަރާފައި ވާހަކަ ދައްކަން އުނދަގޫވެ މި އިންޓަވިއު ވެސް ދެތިން ފަހަރަކު މެދުކަނޑާލަން ޖެހުނެވެ. އެކަމަކު، ކަރުނަ ފޮހެލާފައި، ބަލީގައި ދެއްކި ހިތްވަރު ނެރެ، ވާހަކަ އަލުން ފައްޓަން ބޭނުންވީ ވެސް އެހެން ބަޔަކަށް ލިބޭނެ ހިތްވަރަކަށެވެ.

ކެންސަރުން ސަލާމަތްވާން ސުވޭ ދެއްކި ހިތްވަރު
ކެންސަރުން ސަލާމަތްވާން ސުވޭ ދެއްކި ހިތްވަރު

ސުވޭ ބުނީ އޭނާގެ ކަނާތު ފަޅީގެ އުރަމަތީގައި އެއްޗެއް ނަގާފައި ހުރި ކަން އެނގުމުން އެ ވާހަކަ ފުރަތަމަ ވެސް ބުނެވުނީ، އެއްކޮށް ދިރިއުޅޭ މަންމަ ކައިރީގައި ކަމަށެވެ. އެއީ ވަރަށް ގިނަ އަންހެނުންނަށް ވާ ގޮތެއް ކަމާއި ފެނުން ބޮނޑިތާން ކޮށްފައި ބާމު އުނގުޅައި ވީ އެންމެ އަވަކަށް ޑޮކްޓަރަށް ދައްކަން މަންމަ އެދުނެވެ. އެކަމަކު، އެއީ ޑިސެމްބަރ 2020 ގަ އެވެ. ކޮވިޑުގެ ދުވަސްވަރަށް ވުމުން އުނދަގުލާ އެކު، އޮޕަރޭޝަން ޑޮކްޓަރަކަށް ދައްކައި ޓެސްޓުތައް ހެދި އެވެ.

ކެންސަރުން ސަލާމަތްވާން ސުވޭ ދެއްކި ހިތްވަރު
ކެންސަރުން ސަލާމަތްވާން ސުވޭ ދެއްކި ހިތްވަރު

ޓެސްޓުތަކުގެ ނަތީޖާ އައީ އެއްވެސް ވަރަކަށް އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ސުވޭ ތަހައްމަލު ކުރަމުން ދަނީ ކެންސަރުގެ ތިން ވަނަ މަރުހަލާ ކަމަށް ޑޮކްޓަރު ބުންޏަސް ސުވޭ އަށް ފުރަތަމަ އެކަމެއް ނަގައެއް ނުގަނެވުނެވެ. އަނބުރާ ގެއަށް ގޮސްފައި ވެސް، ރޮބޮޓެއް ހެން، އެއްވެސް ކަމަކަށް ފަރުވާލެއް ނެތި ކުރަމުން ދިޔަ އެވެ. އަނެއްކޮޅުން ސުވޭއަށް ވިސްނެމުން ދިޔައީ މަންމަ އާއި ބައްޕަ ކުރާނެ ހިތާމަ އެވެ.

އެ ދެ މީހުންނަށް ލިބުނު ހަ ދަރިންގެ ތެރެއިން ތިން ކުއްޖަކު ޅަފަތުގައި މަރުވީ އެވެ. ބަލައި ބޮޑުކުރަން ލިބުނު ތިން ދަރިންގެ ތެރެއިން ހަގަށް ހުރި ފިރިހެން ކުއްޖާ ލޭގެ ކެންސަރުގައި 2000 ވަނަ އަހަރު ވަކިވިއިރު އުމުރަކީ 23 އަހަރެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ބޮޑު ބައްޔެއް ޖެހިފައިވާކަން އެނގުމުން އެންމެ ވޭނެއް އުފުލި އެކަކަކީ މަންމަ އެވެ.

"މަންމަގެ އެ ދަރިފުޅު މަންމަގެ އަތްމަތީގައި ނިމިދިޔައީ. އެއީ މުޅި އާއިލާއަށް ލިބުނު ހިތާމައެއް. ދެން ހުރި ދަރިފުޅަށް އެހެން ވީމަ މަންމަ އަށާއި ބައްޕަ އަށާއި އަޅުގަނޑުގެ ކުދިންނަށާއި ދެ ފަރާތުގެ އާއިލާގެ އެންމެންނަށް ވެސް އަސަރުކުރާނެއޭ. އެކަމަކު، މީގެ އެންމެ ބޮޑު އަސަރު ކުރާނީ މަންމައަށްތާ،" މާލެ އަށް އުފަން ސުވޭ ބުންޏެވެ.

"މާތްﷲ އަންގަވާފައޭ އޮންނަނީ އެއްވެސް މީހަކަށް އެ މީހަކަށް ނުއުފުލެވޭ ބުރައެއް އެ މީހަކަށް ނުޖައްސަވާނެއޭ. އެހެންވީމަ ﷲއަށްޓަކައި އަޅުގަނޑުގެ މަންމައަށްޓަކައި ހަނގުރާމަކުރާނަމޭ."

އެ ކުރެވެނީ ކިހާ ބޭކާރު ކަމެއް ކަން އިހުސާސް ވުމުން، އެ ހިތްވަރުގައި ބަލި އެނދުން ތެދުވި ގޮތަށް ކެންސަރާ ދެކޮޅަށް ފެށީ ހަނގުރާމައެކެވެ. އުރަމަތި އެއްކޮށް ނަގައި 17 ކީމޯ އަދި 14 ރޭޑިއޯ ތެރަޕީއަށް ފަހު ސުވޭ، 55، ކެންސަރުން ސަލާމަތްވި އެވެ.

"އެހެން ހިތަށް އެރި ހިސާބުން ސޯފާއިން ވެސް ތެދުވެވިއްޖެ. ބުނެދޭން ނޭނގޭ ކަހަލަ ހިތްވަރެއް ލިބުނީ. ލިބިގެން ދެން ވަރަށް ބޮޑަށް އާދައިގެ މީހުން މި އުޅޭ ގޮތަށް އުޅެވެން ފަށައިފި. އެކަމަކު، މަންމަގެ ލޮލުން ކަރުނަ ނުހިކިއޭ ބުނާހެން އެނގޭ އެ ހުރީ ރޮވިފައިކަން. ދެން އައިސް އަޅުގަނޑު ގައިގައި ބައްދާލާފައި މި ބުނަނީ، ސުވޭދާއޭ، އެއްގޮތަކަށް ވެސް ދެރަނުވާށޭ،"

"މަންމަ އާއި ބައްޕަ އަބަދު ދެރަވެފައި ހުންނާތީ ބުނަން އަޅުގަނޑު އެކަމާ ހަނގުރާމަ ކުރާނަމޭ، އެކަމުން އިރާދަކުރެއްވިއްޔާ ބަލިވެގެން ދުނިޔެ ދޫކުރާކަށް ނުޖެހޭނެއޭ ތިން ވަނަ ސްޓޭޖުގައި ހުރި ކަމުގައި ވިއަސް."

ސްކޭން ހެދިއިރު ވެސް ހަށިގަނޑުގެ ތެރޭގައި "ވާނުނާ" އެތިކޮޅެއް ހުރުމުން ފަރުވާ ނުފެށި ލަސްވި އެވެ. އެއީ ކެންސަރަށް ވި ނަމަ ސުވޭ ހުންނާނީ ހަތަރު ވަނަ ސްޓޭޖުގަ އެވެ. އެކަމަކު، އިންޑިއާ އިން ފަހުން ހެދި ޓެސްޓުން އެނގުނީ އެއީ ކެންސަރު ނޫން ކަމެވެ. އެހެންވެ، އަވަހަށް މާލެ އައިސް، ޑރ. ޝިފާނަށް އިތުބާރުކޮށް ކުރި އޮޕަރޭޝަންގައި އެއް އުރަމަތި ނެގި އެވެ. އަސްލު އުނދަގޫތައް ފެށުނީ އެ ހިސާބުންނެވެ.

ސުވޭ ބުނީ އަންހެނަކު، އެއް އުރަމައްޗާ ނުލައި ދިރިއުޅެން ފެށުމުން މީހުން ވިސްނާނެ ގޮތަކަށް އޭނާއަށް ވިސްނެން ފެށި ކަމަށެވެ. އެ އުނދަގޫތަކުގައި ބޭރަށް ނުނިކުމެ ވެސް އެތައް ދުވަހެއް ހޭދަކުރި އެވެ. އެކަމަކު، އެ ހާލަތު ވެސް ގަބޫލުކޮށް، ފަރުވާ ކުރިއަށް ގެންދިޔަ އެވެ.

އެކަންކަމުގައި އޭނާގެ އެންމެ ބޮޑު އެހީތެރިންނަކީ މައިންބަފައިންނާއި ތިން ދަރިންނާއި އެއްބަނޑުއެއްބަފާ ހުރި ހަމައެކަނި ބޭބެ އާއި ބޭބެގެ އާއިލާ އަދި ކުދިންގެ ބައްޕަ ފަރާތު އާއިލާ އެވެ. އޭގެ ތެރެއިން، ވެސް ސުވޭ އުޅުނު ހާލު އެންމެ ކައިރިން ފެނުނު އެކަކަކީ ހަގަށް ހުރި އޭރުގެ 15 އަހަރުގެ ކުއްޖާ އެވެ.

ސުވޭ ބުނީ އޯ ލެވެލް އިމްތިހާނަށް ތައްޔާރުވުމަށް ދަރިފުޅު ދަންވަރު ހޭލާ އުޅެފައި ވެސް އެންމެ އިސްކަންދިނީ އޭނާއަށް ދިމާވެދާނެ ކަންކަމަށް ލުއި ހޯދައިދިނުމަށެވެ.

"އެއްރެއަކު ހޭލެވުނުއިރު ދަރިފުޅު ހުރީ ދަމުނަމާދުކުރަން. ބުނީ މަންމާއޭ، ތިމަންނަ ކޮންމެ ރެއަކު ހުންނަނީ ޕީއެސް ކުޅޭކަށް ނޫނޭ. ދަމުނަމާދު ވެސް ކުރަމޭ. ވާހަކައަކީ މަންމައަށް ހެޔޮ ރަހުމަތް ލައްވާތޯ، މަންމަ ބަލިން ފަސޭހަކުރައްވާތޯ ﷲގެ ކިބަފުޅަށް ދަންނަވަމޭ،" ސުވޭ ބުންޏެވެ.

ބައްޔެއް ވެއްޖެ ނަމަ އެންމެން ވެސް އެ މީހާގެ ހާލު ބަލަ އެވެ. އެކަމަކު، ކައިރީގައި ތިބޭ މީހުންނަށް ވާނުވާ ނުބެލެ އެވެ. އެކަމަކު، މީހަކަށް ބައްޔެއް ވުމުން އޭގެ ހިތާމަ އާއި ވޭން މުޅި އާއިލާއިން އުފުލާ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ކަރަށް ތަދުވާ ވަރުން ފެންތައްޓެއް ވެސް ބޯލެވެނީ 10 ވަރަކަށް މިނިޓުން. މަންމަ ހުންނާނެ ސަމްސަލުން ފެން ދޭން. ކެންސަރަކީ އެކަކަށް ޖެހޭ އެއްޗެއް ނޫން. މުޅި އާއިލާއަށް ޖެހޭ އެއްޗެއް އެގޮތަށް ބަލައިފިއްޔާ،" އޭނާ ކިޔައިދިނެވެ.

"މަރު ބަލި ކަމަށް ހިތާ އުއްމީދު ކަނޑާ ނުލައްޗޭ. ހިތްވަރާއެކު ޑޮކްޓަރުން އެ ބުނާ ބޭސް ގަވައިދުން ކޮށްގެން ބޭސް ވެސް ހުސްވިޔަ ނުދީ، އެގޮތަށް މަސައްކަތްކޮށްގެން އެ ކުރަންޖެހޭ ކަސްރަތުތައް ވެސް ކޮށްގެން. ލިބެންހުރި ކާނާ ކައިގެން. އެގޮތަށް އުޅުމުން ވަރަށް ރަނގަޅުވާނޭ." ސުވޭ ބުންޏެވެ.

ބަލި ގަބޫލުކޮށް، އެކަމުން ކުރިއަށް ދާން ނިންމިއިރު ކެންސަރު ސޮސައިޓީ ހުންނަ ކަން ވެސް އޭނާއަށް އެނގުނެވެ. އެ ސޮސައިޓީން ގެންދާ އެކި ޕްރޮގްރާމްތަކާ އެކު ސުވޭ އަށް ވަނީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު މިހާރު ބޮޑުވެފަ އެވެ.